ފެބުރުއަރީ 1 ގެ އަމުރު ތަންފީޒު ނުކުރި މުއައްސަސާތަކަށް ފިޔަވަޅު އަޅަން ލަފާ ދީފި

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން، ފެބުރުއަރީ، 1، 2018، ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރި މުއައްސަސާތަކާ މެދު ފިޔަވަޅު އަޅަން ޖަލުތައް، އޮޑިޓްކުރަން އެކުލަވާލި ކޮމިޝަނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލަފާ ދީފި އެވެ.


ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން ދައުލަތުގެ މުއައްސަސާތަކަށް އެންގި އެވެ. އެ އަމުރު ތަންފީޒުނުކޮށް، ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ދެ ބޭފުޅުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކުރި އެވެ. އެ އަމުރު ނެރުނީ ވެރިކަން ވައްޓާލަން ކަމަށް ސަރުކާރުން ތުހުމަތުކުރުމުން، އެ އަމުރުގައި ސިޔާސީ ލީޑަރުން މިނިވަންކުރަން އެންގި ބައި، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރަކު ސޮއި ކުރައްވައި ބާތިލް ކުރެއްވީ އެވެ.

ޖަލުތަކުގައި ހުރި މައްސަލަތައް ބަލައި، ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުތަކަކީ ތަންފީޒު ކުރަން ލާޒިމް އަމުރުތަކަކަށް ވިޔަސް ފެބުރުއަރީ 1 ގެ އަމުރު ތަންފީޒުކުރަން ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ކަނޑައެޅިގެން ދެކޮޅު ހަދާފައި ކަމަށެވެ. އެއީ، ގާނޫނީ ކުށެއް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޖަލުގެ އޮޑިޓް ހެދުމަށްޓަކައި ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ނުވަ ގައިދީއަކު ދޫނުކޮށް، ހޭދަވި ކޮންމެ ދުވަހަކީ އެ މީހުން ޣައިރު ގާނޫނީ ބަންދެއްގައި ބޭތިއްބުން ކަމަށް ރިޕޯޓުގައިވެ އެވެ. އެ ހާލަތު ކުރިމަތިވި އިރު ވެސް، ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެޓާނީ ޖެނެރަލް އާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އިންޓެގްރިޓީ ކޮމިޝަނުން ވެސް އެ މީހުންގެ ހައްގު ހޯދައިދޭން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަން އެ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނި ގޮތުގައި ދޫކޮށްލަން އަމުރުކުރި ނުވަ ގައިދީއެއްގެ ހައްގުތައް ހިފަހައްޓާފައި ވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށެވެ. މިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ބަހެއް ނުބުނެ އަދި ހައްގުތައް ކަށަވަރުކޮށްދޭން ލިބިފައި އޮންނަ ގާނޫނީ ޒިންމާއަދާނުކޮށް ހިމޭނުން ތިބީ ކަމަށް ރިޕޯޓުގައިވެ އެވެ.

"މީގެއިތުރުން، ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުން ހައްޔަރުކުރި މީހުންނާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ފޮރުވާފައި ބޭތިއްބި ފުލުހުންގެ އާއިލާތަކުން އަނިޔާގެ މައްސަލަތައް އެޗްއާރުސީއެމަށް ހުށަހެޅުމުން ވެސް އެ މައްސަލަތަކަށް ފަރުވާކުޑަކޮށް މަދު އާއިލާއަކަށް ނޫނީ އެހީތެރިކަން ނުދޭ ކަމަށް އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުން ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަން ފާހަގަކުރަމެވެ،" ރިޕޯޓުގައިވެ އެވެ.

މި މައްސަލަތައް ބެލުމަށް ފަހު ކޮމިޝަނުން ހޯމް މިނިސްޓްރީ އަށް ލަފާ ދީފައި ވަނީ އަނިޔާގެ އެންމެހާ މައްސަލަތައް ތަހުގީގު ކުރަން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށެވެ.

ފެބުރުއަރީ 1 ގެ އަމުރު ސަރުކާރުން ތަންފީޒު ނުކުރީ، ދައުލަތް ހިންގަން ބުރޫއަރައި، ގާނޫނުއަސާސީ އޮޅުންބޮޅުންވެދާނެ ކަމަށް ބުނެ އެވެ.