ތިން ރަށެއްގައި ސިއްހީ ޚިދުމަތާއި ތައުލީމް ކުރިއަރުވަން އިންޑިއާ ސަރުކާރުން 19 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރ. ކިނޮޅަހާއި ނ. ޅޮހީގައި ކްލާސްރޫމް އިތުރުކޮށް، ހއ. އިހަވަންދޫގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ގާއިމްކުރަން އެހީ ދިނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހަމަޖައްސައިދެއްވަން އެއްބަސްވެވަޑައިގެންނެވި 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ކިނޮޅަހާއި ޅޮހީގައި 12 ކްލާސްރޫމް އިމާރާތް ކުރުމަށް އިންޑިއާ އިން ވަނީ 12 މިލިއަން ރުފިޔާ ހަމަޖައްސައި ދީފަ އެވެ. ދެ ރަށުގައި ކްލާސްރޫމްތައް އިތުރު ކުރަނީ އެއް ދަންފަޅި އަށް ބަދަލު ކުރުމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ވެސް އެއް ދަންފަޅި އަށް ކިޔަވައި ދިނުމެވެ.
އިހަވަންދޫގައި ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރަން އިންޑިއާ އިން ހަމަޖައްސައިދިނީ 7.4 މިލިއަން ރުފިޔާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ތިން މަޝްރޫއު ހިންގަން އެހީވުމުގެ ކުރިން އއ. އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށާއި ދ. ވާނީގައި ފުލުހުން ތަމްރީން ކުރުމަށް ހާއްސަ ކޮށްފައިވާ ޓްރެއިނިން ސްކޫލްގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް އިންޑިއާ އިން ވަނީ 14 މިލިއަން ރުފިޔާ ދީފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައި އޮތް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ދެ ގައުމުގެ ގުޅުން ވަނީ ބަދަހިވެފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންނަ މަހުގެ ކުރީކޮޅު ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުވާކުރައްވައި ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި އިންޑިއާ އިން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.