ސަލާމަތްވުމާ އެކު އަދީބުގެ އިހުސާސްތައް ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގެ އިހުސާސްތައް، ހުރިހާ ހުކުމަކުން އެމަނިކުފާނު މިއަދު ސަލާމަތްވެވަޑައިގަތުމާ އެކު ޓުވީޓަކުން މިއަދު ހާމަކުރައްވައިފި އެވެ.


ޚިޔާނާތުގެ ކުށުގައި، އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.

އަދީބަށް ހިޔާނާތުގެ ހުކުމް 2016 ގައި އިއްވީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މޭތިސްރިއަކީ އަދީބު ކަމަށް ތުހުމަތުކުރެ އެވެ. އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ އެ ފައިސާ ޖަމާކޮށްފައި ވަނީ އޭސީސީގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެމަނިކުފާނުގެ އެކުވެރިންގެ ކުންފުންޏެއް ކަމަށްވާ އެސްއޯއެފަށެވެ.

އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އެމަނިކުފާނު ގޮޅީގައި އޮންނެވި ހާލަތު ވިދާޅުވެ ދެއްވައިފަ އެވެ. އެކަނިމާއެކަނި ބަލި ހާލުގައި އޮންނެވީ އަނދިރި ކުޑަކޮޅިއެއްގައި ކަމަށް ވިދާޅުވި އެވެ. އެ ހާލަތުގައި އެންމެ ގިނައިން ކުރެއްވި ދުއާ އިޖާބަކޮށްދެއްވައި އިންސާފު ލިބިފައިވާތީ މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހުކުމްތަކުން ސަލާމަތްވުމުން އަދީބު ކުރެއްވި ޓުވީޓް.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާ އެންމެ އަރިސް އަދި އޭރު ސަރުކާރުގެ އެންމެ ބާރާއި ނުފޫޒު ގަދަ އަދީބު ޖަލަށް ލީ، ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެމްއެމްޕީއާރުސީގެ 1.3 މިލިއަން ރުފިޔާގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ އެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ ނޫން ވެސް އެކި ކުށްތަކުގައި އެމަނިކުފާނަށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ.

އޭގެ ތެރޭގައި ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އެމަނިކުފާނަށް އިއްވި 10 އަހަރުގެ ޖަލު ހުކުމާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހިމެނެ އެވެ.

ލޯންޗް މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް މިދިޔަ ހަފުތާގައި އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ. މީގެ އިތުރު ފިސްތޯލައެއް ގެންގުޅުއްވި ކަމުގެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ބާތިލް ކޮށްފަ އެވެ.