ހައި ކޯޓުން ބާތިލްކުރި އަދީބުގެ ދެ މައްސަލައެއް ނުބަލާ އަނބުރާ ޕީޖީ އަށް ފޮނުވާލަން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، އެ ދެ މައްސަލަ ނުބަލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބުދަ ދުވަހު ނިންމައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ނުބެލުމަށް ނިންމީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ޚިޔާނާތްތެރިވި މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އެވެ.

އެނގިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އިސްވެ ހުންނަވާ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނިންމީ އެ ދެ މައްސަލަ ވެސް ޕީޖީ އަށް އަނބުރާ ފޮނުވުމަށެވެ. އެކަމަކު، އަދި އެ މައްސަލަ ޕީޖީ އޮފީހަށް އަނބުރާ ނުފޮނުވާ ކަމަށް ވެ އެވެ.

މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވި އެވެ.

އަދީބު އަށް އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލް ކުރުމާ އެކު، އެމަނިކުފާނު މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ފަހުން ހުކުމް ވެސް ބާތިލްވީ އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. އެކަމަކު އަދީބު އަދި މިނިވަނެއް ނުވެ އެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެކަމަކު، ލޯންޗްކޮޅުގެ މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް މިދިޔަ ހަފުތާގައި އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ.