އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލިހުގައި ތަގްރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އިދާރާ އިން މިއަދު ބުނެފި އެވެ.
މަޖިލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައި ކަމަށެވެ.
ނިއުޝާ ވިދާޅުވީ މި ޖަލްސާ އަށް ކެބިނެޓުގެ ހުރިހާ ވަޒީރުންނާއި ބޭރު ގައުމުތަކުގެ ސަފީރުންނަށް މަޖިލިހުގެ އިދާރާ އިން ދައުވަތު އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވަން ދައުވަތު އަރުވަން، ބުދަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމަވައިފަ އެވެ. މޯދީ ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 7 އިން 8 އަށެވެ.
މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދި މަޖިލިހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް ސޯލިހެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.
މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މި ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާއަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.