ބަންދުގެ އަމުރަށް އެދުނީ މައްސަލަ ބަލާ އޮފިސަރު: ޕޮލިސް

ހުޅުމާލޭގެ ގެޔަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ހުޅުމާލޭ ކޯޓުން އިތުރުކޮށް ނުދިނީ އެ މައްސަލަ ތަހުގީގުކުރުމާ ހަވާލުވެފައިވާ ފުލުސް އޮފިސަރު ނޫން އެހެން މީހަކު ބަންދުގެ މުއްދަތަށް އެދުމުން ކަމަށް ކޯޓުން ބުނާ ވާހަކަ ފުލުހުން މިރޭ ދޮގުކޮށްފި އެވެ.


އިއްޔެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ އިއްޔެ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާތީ އެވެ. އެހެންވެ ރޭގެ ވަގުތެއްގައި އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް މިއަދު ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފަ އެވެ.

މިއަދު އެ މީހުން ދޫކޮށްލީ، ރޭ އެ މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދުނު ފުލުސް އޮފިސަރު ނޫން އެހެން ފުލުހަކު ބަންދުގެ އަމުރަށް އެދުމުން، އެއީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ އަށް ވަނަ މާއްދާއާ ހިލާފް ކަމެއްގެ ގޮތުގައި ބަލައިފަ އެވެ. އެ މާއްދާގައި ބުނަނީ ބަންދުގެ މުއްދަތު އިތުރުކޮށްދޭން އެދެންވާނީ އެ މައްސަލައެއް ތަހުގީގު ކުރުމާ ހަވާލުވެ ހުރި ފަރާތް ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެ ދެ މީހުން ހައްޔަރުކުރުމަށް ރޭ ކޯޓުން އަމުރު ހޯދީ އެ ވަގުތު ޑިއުޓީގައި ހުރި އިންވެސްޓިގޭޓަރު ކަމަށާއި އެކަމަކު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ވަޑައިގަތީ ހެނދުނު ޝިފްޓުގެ އިންވެސްޓިގޭޓަރު ކަމަށެވެ. އެ ދެ ފުލުހުންނަކީ ވެސް މި މައްސަލަ ތަހުގީގުކުރުމުގެ ހުއްދަ އޮންނަ ދެ އިންވެސްޓިގޭޓަރުން ކަމަށެވެ.

ފުލުހުން އަމަލުކުރާ ގޮތަކީ، ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމަށް ފަހު، ގާނޫނުއަސާސީގައި ބުނާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު އެ މީހަކަށް ތަހުގީގު އޮފިސަރަކު ހަމަޖެއްސުމެވެ.

"މިއީ ވެއަތުވެ ދިޔަ ތަނުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ އަދި ދުވަހަކު ވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫންކަން ފާހަގަކުރަމެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައިވެ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ އަންހެން މީހާ އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ ޕްރޮސިކިއުޓަރެއްގެ މަންމަ އެވެ. އަދި ފިރިހެން މީހާ އަކީ މި އަންހެން މީހާގެ ދަރިއެކެވެ. ބަންދުގެ މުއްދަތަށް މިއަދު ހުޅުމާލޭ ކޯޓަށް ގެންދިޔައިރު އިންނެވީ އެންމެ ފުރަތަމަ މި މައްސަލާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަމުރު ނެރުއްވި ފަނޑިޔާރެވެ. ބަންދުގެ މަޖިލިހުގައި، ތުހުމަތުކުރެވޭ މީހުންގެ ވަކީލު ނެންގެވި އިޖުރާއީ ނުކުތާތަކާ ގުޅިގެން ދެތިން ފަހަރަކު ޝަރީއަތް މެދުކަނޑާލެއްވި އެވެ. ދިފާއީ ވަކީލް ވަނީ ހުޅުމާލޭ ކޯޓުން މި މައްސަލާގައި ކުރިން އަމުރު ނެރެ ގޮތްތަކެއް ކަނޑައެޅިފައި ވާތީ އެ ކޯޓުން މައްސަލަ ނުބެލޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ބެލޭނެ ކަމަށެވެ.