މަސްތުވާތަކެތީގެ މައްސަލައިގައި ދޫކޮށްލި މީހުން ތިން ވަނަ ފަހަރަށް ހައްޔަރުކޮށްފި

ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު އީދު ދުވަހު ފުލުހުން ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި ދެ މީހުން އަނެއްކާވެސް ރޭ ހައްޔަރުކޮށްފި އެވެ.


އެ ދެ މީހުން ފުރަތަމަ ދޫކޮށްލީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ސައްހަ ނޫން އަމުރަކާ ހެދި ކްރިމިނަލް ކޯޓުންނެވެ. ދެ ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ހުޅުމާލޭ ކޯޓުން ވެސް އެ ދެ މީހުން ދޫކޮށްލީ އެވެ.

ތިން ވަނަ ފަހަރަށް އެ ދެ މީހުން ރޭ ހައްޔަރުކޮށްފައިވީ ނަމަވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ތިން ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެ ގެ ފާސްކުރުމަށާއި މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުން ކްރިމިނަލް ކޯޓުން އެ މީހުން އެ މީހުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުންނެވެ.

ބަންދުގައި ބައިތިއްބަން އަމުރު ނެރެވެން ނެތް ކަމަށް ބުނެ، މައްސަލާގައި ހިމެނޭ އެކަކަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި އޮތީ އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ކަމަށް ބުނެފައި ވާއިރު، އޭނާ އަށް ދިން އަމުރުގެ ކޮޕީގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި ބުނާ، ކޯޓު އަމުރެއްގައި ހުންނަން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބުނީ ކޯޓުން އެ މައްސަލައިގައި ފާހަގަކުރި އިޖުރާއީ މައްސަލަ އަކީ ކުރިން އެއްގޮތަކަށް ވެސް ނުނަގާ މައްސަލައެއް ކަމަށެވެ. އެގޮތުން މައްސަލައެއް ކަމަށް ބެލީ، މައްސަލަ ތަހުގީގުކުރުމާ ހަވާލުވެފައިވާ ފުލުސް އޮފިސަރު ނޫން އެހެން މީހަކު ބަންދުގެ މުއްދަތަށް އެދުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވާހަކަޔާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށް އަނެއްކާ ވެސް ހައްޔަރު ކުރުމުގެ އަމުރު ހޯދަން ފުލުހުން އުޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާ ކަމަށް ވެސް ބުންޏެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ހޯދި، ބަލައި ފާސްކުރުމުގެ އަމުރު ވެސް އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށެވެ. އެހެންވެ އެ މީހުންނާ ދެކޮޅަށް ހެކި ހޯދާފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ބުންޏެވެ.