ބްރިޖުން ފޭބި ކާރު އެރީ މެރިން ރިސާޗު ސެންޓަރުގެ ފާރަށް

ސިނަމާލެ ބްރިޖުމަތިން ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މެރިން ރިސާޗު ސެންޓަރުގެ ފާރަށް އަރައިފި އެވެ.


ބްރިޖުން ފައިބާއިރު، ވާތް ފަރާތުން އިރުދެކުނު ކަންމަތިން އަމީނީ މަގަށް ވާ ގޮތަށް ހުންނަ އިމާރާތުގެ ފާރަށް ކާރު އެރުމުން އެ ވެހިކަލްގެ ކުރީކޮޅު ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަށް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާދިން ކަމަށެވެ. އެކަމަކު ބޭރުފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

މެރިން ރިސާޗު ސެންޓަރުގެ ފާރަށް ރޭ ދަންވަރު އެރި ކާރުގެ ކުރީކޮޅު ފުނޑުފުނޑުވެފައި.---ފޮޓޯ: ޕޮލިސް

އެއީ، މާލެ ނޫން އެހެން ޒޯނެއްގައި ދުއްވަން ރަޖިސްޓަރީ ކޮށްފައިވާ ކާރެއް ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ޑްރައިވަރުގެ ލައިސަންސް މިހާރު ހިފައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ ދަންވަރު 1:47 ގަ އެވެ.

ހުޅުމާލޭގައި ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް އިއްޔެ ބަޔަކަށް އަނިޔާވި އެވެ. ފުލުހުން ބުނެފައި ވަނީ ހުޅުމާލޭ ރީތިގަސްމަގުގައި އިއްޔެ ހަވީރު އެ އެކްސިޑެންޓު ހިނގީ ޑްރައިވަރު ނިދިޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.