ޕެރެޑައިސް އައިލެންޑް ރިސޯޓު ކައިރިއަށް ޑައިވިނަށް ދިޔަ ޓޫރިސްޓެއްގައި ފައިގައި، އެ ރިސޯޓުގެ ދޯންޏެއްގެ ބުރަފަތިން ޖެހި މިއަދު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ފުލުސް އޮފީހުން ބުނީ މިއަދު ހެނދުނު، ޕެރެޑައިސް ކައިރީގައި އޮންނަ މަންތާ ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅެނިކޮށް ޒަހަމްވީ އެނބޫދޫފިނޮޅު ޑައިވިން ސްކޫލުން ދިޔަ ޖަރުމަނު މީހެއް ކަމަށެވެ.
އެ އެކްސިޑެންޓް ހިނގުމާ އެކު، ޕެރަޑައިސް ރިސޯޓުން ވަނީ އެ މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފަ އެވެ. އަދި އެ އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ދޯނީގެ ބުރަފަތީގައި ޖެހިގެން ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަ އެވެ. އެގޮތުން ވަރަށް ފަހުން ވަނީ ބުރަފަތީގައި ޖެހިގެން ބިދޭސީއަކު މަރު ވެސް ވެފަ އެވެ.