މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގެ ކޮންޓްރޯލް ލިބެނީ އެމްޑީޕީ އަށް

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއްގެ ކޮންޓްރޯލް، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ލިބޭ ގޮތަށް ހެދުމަށް މަޖިލިހުގެ ވަގުތީ ކޮމިޓީން މިއަދު ނިންމައިފި އެވެ.


މަޖިލިހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގެ ސަބަބުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ހިމަނައިގެން 17 ކޮމިޓީއެއް ވަނީ ހަދައިފަ އެވެ. މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން 241 ކޮމިޓީ ހިމަނައިގެން ދާއިމީ 13 ކޮމިޓީއެއް އެކުލެވިގެންވެ އެވެ. އަދި ކޮންމެ ކޮމިޓީއެއްގައި ތިއްބަވާނީ 11 މެމްބަރުން ކަމަށް ކަނޑައަޅައި މަޖިލިހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ.

މަޖިލިހުގެ އިދާރާ އިން ހުށަހެޅި ކަރުދާހުގައިވާ ގޮތުން 241 ކޮމިޓީ ފިޔަވައި ދެން ހުރި ކޮންމެ ކޮމިޓީއެއްގައި 11 މެމްބަރުން ހިމެނޭ ނަމަ، ކޮމިޓީތަކުން 176 ޖާގަ ލިބެ އެވެ.

އެގޮތަށް ބަލާއިރު، މަޖިލިހުގައި 65 މެމްބަރުން ހިމެނޭ އެމްޑީޕީ އަށް ލިބެނީ 132 ޖާގަ އެވެ. އޭރުން އެމްޑީޕީ އަށް ކޮންމެ ކޮމިޓީއަކުން 8-9 ޖާގަ ލިބޭނެ އެވެ. ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގައި ފަސް މެމްބަރުން ހިމެނޭ އިރު، އެއިން ކޮންމެ ޕާޓީއަކަށް 10 ކޮމިޓީން ޖާގަ ލިބޭނެ އެވެ. އެކަމަކު، އެއިން ކޮންމެ ކޮމިޓީއެއްގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ތިއްބެވެނީ ކޮންމެ ޕާޓީއަކުން އެންމެ މެންބަރެކެވެ.

މީގެ އިތުރުން ކޮންގްރެސް ޕާޓީގައި ތިން މެމްބަރުން ތިއްބަވާ އިރު، އެ ޕާޓީ އަށް ލިބެނީ ހަ ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެކަމަކު، އެއީ ކޮންމެ ކޮމިޓީއަކުން އެއް ޖާގަ އެވެ. އެމްޑީއޭގައި ދެ މެމްބަރުން ތިއްބަވާ އިރު، އެ ބޭފުޅުންނަށް ހަތަރު ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެއީ ހަތަރު ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއަކުން އެއް ޖާގަ އެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް ބޭފުޅުން ތިއްބަވާ އިރު، އެ ބޭފުޅުންނަށް 14 ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެއީ 14 ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއެއްގައި އަމިއްލަ އެއް މެމްބަރެވެ.

ގާނޫނުއަސާސީގައިވާ ގޮތުން 241 ކޮމިޓީގައި މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ހިމަނަންވާނެ އެވެ. އެކަމަކު، ކަރުދާސް އެކުލަވާލާފައި އޮންނަ ގޮތުން ކޮމިޓީގެ އަޣުލަބިއްޔަތު ވެސް ލިބެނީ އެމްޑީޕީއަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މަޖިލިހުގައި ތަގްރީރު ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކޮމިޓީގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މެމްބަރުން އެއްބަސްވެވަޑައިގަންނަވާ ނަމަ، ބައެއް ކޮމިޓީތަކުގައި 13 މެމްބަރުން ހިމެނިދާނެ ކަމަށެވެ. އެމްޑީޕީން ބޭނުންވަނީ ހުރިހާ ޕާޓީތަކަށް ކޮމިޓީތަކުން ފުރުސަތު ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މަސައްކަތް ބުރަ ދައުރަކަށް ވާނެއޭ. ދެ ކޮމިޓީއަށް ވުރެ ގިނަ އިން މެމްބަރުން ތިބުމަކީ ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމަ އެކަމާ ދޭތެރޭގައި ވެސް ވިސްނާލަން ޖެހޭ،" ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅަން ހޮވި ވަގުތީ ކޮމިޓީގެ މުގައްރިރު އާޒިމް ވިދާޅުވި އެވެ.

މަޖިލިހުގައި ކޮމިޓީތައް ބެހިފައިވާ ގޮތް: (16 ކޮމިޓީ)

1- އެމްޑީޕީގައި 65 މެމްބަރުން ތިއްބަވާއިރު، ލިބެނީ 132 ސްލޮޓް

2- ޖުމްހޫރީ ޕާޓީގައި 5 މެމްބަރުން ތިއްބަވާއިރު، ލިބެނީ 10 ސްލޮޓް

3- ޕީޕީއެމްގައި 5 މެމްބަރުން ތިއްބަވާއިރު ލިބެނީ 10 ސްލޮޓް

4- ޕީއެންސީގައި ތިން މެމްބަރުން ތިއްބަވާއިރު، ލިބެނީ ހަ ސްލޮޓް

5- އެމްޑީއޭގައި ދެ މެމްބަރުން ތިއްބަވާއިރު، ލިބެނީ ހަތަރު ސްލޮޓް

6- އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން ތިއްބަވާއިރު، ލިބެނީ 14 ސްލޮޓް

އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ޕާޓީތަކުގެ މެމްބަރުން ކޮންމެ ކޮމިޓީއެއްގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މާލިއްޔަތު ކޮމިޓީތައް ފަދަ ބޮޑެތި ކޮމިޓީތަކުގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް އެހެން ބައެއް މެމްބަރުން ވެސް ވަނީ މިކަމަށް ތާއީދު ކުރައްވައިފަ އެވެ.

މާވަށު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ 13 މެމްބަރުން ތިއްބަވާނެ ކޮމިޓީތަކުގެ ގޮތުގައި 241 ކޮމިޓީއާ އެކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ހަދަން ހުށަހަޅުއްވައިފަ އެވެ. އަދި އެ ހުށަހެޅުމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ތާއީދު ކުރައްވައިފަ އެވެ.

ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި އެ ހުށަހެޅުމަށް ވޯޓަށް ނާހަ އެވެ.

ކޮމިޓީގެ މުގައްރިރު ވަނީ ކޮމިޓީތަކުގައި ތިއްބަވާނީ ކޮން މެމްބަރުންތޯ ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރުމަށް ފަހު، އެކަން ކޮމިޓީ އަށް ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.