ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ވަކިކުރަން ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އެ މަގާމުން ވަކިކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.


ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ކަމަށް މިދިޔަ މާޗް މަހު އައްޔަންކުރީ ފާރިޝް އަހުމަދެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ލަންޑަން ޔުނިވަސިޓީން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އެކެވެ.

ފާރިޝް މަގާމުން ވަކިކުރަން ނިންމީ، އެނގިފައިވާ ގޮތުގައި، އޭނާ އައްޔަންކުރީ ހައި ކޯޓުން މިހާތަނަށް އަމަލު ކުރަމުން އަންނަ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް އެނގިފައިވެ އެވެ. އެކަމަކު އޭނާ ވަޒީފާއަށް ނިކުންނަ ކަން ނުވަތަ ނޫން ކަން ސާފުވާ ގޮތެއް ނުވި އެވެ.

އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމުން ފާރިޝް ވަކިކުރަން ފަނޑިޔާރުންގެ މަޖިލީހުން ނިންމިއިރު، އޭނާ އެ މަގާމަށް އައްޔަންކުރި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ކުރިން އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ކޮމިޝަނުން އެ މައްސަލައިގައި ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރަޖިސްޓްރާ އަކީ އެ ކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުން ފިޔަވައި، ދެން އެންމެ އިސް ބޭފުޅާ އެވެ. އަދި ރެޖިސްޓްރާ އަށް އެހީވުމަށްޓަކައި އެސިސްޓެންޓް ރެޖިސްޓްރާއެއް ހަމަޖައްސައި، ރަޖިސްޓްރާގެ ވަކި މަސްއޫލިއްޔަތުތަކެއް އެސިސްޓެންޓް ރެޖިސްޓްރާއާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. ރެޖިސްޓްރާގެ މަގާމުގައި ހުންނެވީ މަރިޔަމް ހޫރުޝީދާ އެވެ.