ޗުއްޓީގައި ހުއްޓަސް ހުކުމް ކުރުމުގައި ބައިވެރިވުމަކީ އަބަދުވެސް އަމަލުކުރާ އުސޫލެއް: ހައި ކޯޓް

ހައި ކޯޓުން ބަލާ މައްސަލަތަކުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިޔަސް، އެ މައްސަލައެއް ނިންމުމުގައި އެ ފަނޑިޔާރަކު ބައިވެރިވުމަކީ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށް ހައި ކޯޓުން މިއަދު ބުނެފި އެވެ.


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލައެއްގައި ހައި ކޯޓުން ހުކުމްކުރީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ޗުއްޓީގައި ހުންނެވުމަށް ފަހު ކޯޓަށް ވަޑައިގެން ކަމަށް ބުނެ އިސް ފަނޑިޔާރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅައިފަ އެވެ. އިސް ފަނޑިޔާރު ޝުޖާއު އަކީ އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރެކެވެ.

އެކަމާ ގުޅިގެން ހައި ކޯޓުން މިއަދު ކުރި ޓްވީޓެއްގައިވަނީ ކޮންމެ ފަނޑިޔާރަކީ ވެސް އޭނާގެ ހުރިހާ ވަގުތެއް ފަނޑިޔާރު ކަމަށް ހުސްކުރަން ޖެހޭ މީހަކަށް ވާއިރު، ހުކުމް އިއްވާ ޝަރީއަތްތަކާއި ވަކި އަދަދަކަށް ފަނޑިޔާރުން ތިބެންޖެހޭ ޝަރީއަތްތަކުގައި ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫނީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ހާލަތުގައި އެ ފަނޑިޔާރު ޗުއްޓީގައި ހުންނެވިޔަސް އެ ފަނޑިޔާރަކު ބައިވެރި ކޮށްގެން މައްސަލަ ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ޗުއްޓީގައި ހުންނެވިޔަސް، އެ ފަނޑިޔާރަށް ކޯޓަށް ހާޒިރުވެވޭ ފަދަ ހާލަތެއްގައި ހުރި ނަމަ އެ ފަނޑިޔާރަކު ބައިވެރިކޮށްގެން މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ޖޫން، 2011 ގައި ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ. އަދި އެ ނިންމުމުން ނިންމި ފަހުން މިއަދާ ހަމައަށް ވެސް އެ ކޯޓުން އެގޮތަށް އަމަލުކުރާ ކަމަށް ހައި ކޯޓުން ބުންޏެވެ.

ހައި ކޯޓުގެ ޓްވީޓް

އިސް ފަނޑިޔާރު ޝުޖާއުގެ އިތުރުން އަދީބުގެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.