އަރީފު ސުޕްރީމް ކޯޓުގެ ދިފާއުގައި، ޖޭއެސްސީގެ މެމްބަރުން އިދިކޮޅު!

ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ ގިނަ މެމްބަރުން އެ ކޯޓަށް ފާޑު ވިދާޅުވި އިރު، ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ސުޕްރީމް ކޯޓުގެ ދިފާއުގައި މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.


ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖޭއެސްސީގެ 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ހާޒިރުވެވަޑައިގެންނެވި އިރު، ބައްދަލުވުމުގައި އެންމެ ބޮޑު ބަހުސެއް މެމްބަރުން ކުރެއްވީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ކޮމިޝަނުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި މައްސަލައިގަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރަން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގިޔަސް، އެ ކޮމިޝަންގެ ނިންމުމާ އެއްގޮތަށް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ޖޭއެސްސީގެ މެމްބަރުން މިއަދު މަޖިލިހަށް ވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖިލިހުގެ މެމްބަރުން ޖޭއެސްސީއާ އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އަރީފް ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ފަރާތް ކަމަށެވެ. އަދި ކޯޓުން އަބްދުﷲ ދީދީގެ މައްސަލައިގައި އަމުރު ނެރުނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް އަރީފު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަކަށް ފެނިވަޑައިގަތީމުން، އެ ބައްދަލުވުމުން ތަނާޒުލް ވެވަޑައިގެންނެވި ކަމަށް އަރީފު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައި އަރީފު ވިދާޅުވީ ޖޭއެސްސީގެ މެންބަރަކަށް ވަޑައިގެން މަސައްކަތް ކުރަން ފެއްޓެވި ފަހުން އެ ކޮމިޝަނަށް ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ. އަރީފު ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ފަނޑިޔާރުންގެ ކަންކަމާއި ވޯޓު ދިނުން ފަދަ ކަންކަން ކުރިއަށް ގެންދަނީ ވަރަށް މިނިވަން ކަމާ އެކު އެވެ.

"އަޅުގަނޑަށް ޔަގީންކޮށް އަރުވަން ކެރޭ ކަމަކީ ސުޕްރީމް ކޯޓުގެ އެއްވެސް ނުފޫޒެއް ފޯރުވުމަށް މެންބަރުންނަށް އެއްވެސް ކަމެއް އަންގާފައި ނޯންނާނެ، ދަންނަވާފައި ނޯންނާނެ،" އަރީފު ވިދާޅުވި އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ-2) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖޭއެސްސީ އަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަމަކީ ފަނޑިޔާރުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ނުބަލައި ދޫކޮށްލާފައި ހުރި މައްސަލަތައް ކަމަށް ވެސް އަރީފު ވިދާޅުވި އެވެ. އަދި ފަނޑިޔާރުންނަށް ނަސޭހަތްދީ، އެހެން ކޯޓުތަކަށް ބަދަލުކޮށްފައި ހުންނާނެ ކަމަށް އަރީފް ވިދާޅުވި އެވެ.

އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ޖޭއެސްސީ އަށް އައްޔަން ކުރެއްވި މެމްބަރު އަދި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރަކީ ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅައި އެ ކޯޓުން ނެރުނު އަމުރެއް ކަމަށެވެ.

ބަންޑާރަ ނައިބު އަދި ޖޭއެސްސީގެ މެމްބަރު އިބްރާހިމް ރިފްއަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމާފައި ހުރި ނިންމުންތަކުގައި މަޖިލިހުގެ ބާރާއި މަސްއޫލިއްޔަތުތަކަށް އަސަރު ކުރާ ގޮތަށް ކަންކަން ހިމެނޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރިފްއަތު ނެންގެވީ ކޯޓުތަކާ ބެހޭ ގާނޫނުގެ ގިނަ މާއްދާތައް ކޯޓުން ބާތިލް ކުރުމެވެ.

މީގެ އިތުރުން، ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން އުފައްދަން ޖެހޭ ޖުޑިޝަލް ކައުންސިލް ސުޕްރީމް ކޯޓުން އުވާލުމަށް ފަހު، އެ ކޯޓުގެ އަމިއްލަ އިސް ނެގުމަށް އެފަދަ ކައުންސިލެއް އެކުލަވާލައި، އެތަނުގެ މަޝްވަރާގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު ހަދާ މަޖިލިހަށް ލިބިދީފައި އޮތް ބާރެއް، ފަނޑިޔާރުގެ އަށް ބޭނުމެއް ނުކުރެވޭނެ. ބޭނުން ކޮށްގެން ވެސް ނުވާނެ. އެއީ ގާނޫނުއަސާސީގެ ރޫހެއް ވެސް ނޫން. އެހެންވީމަ އެކަން ހުއްޓުވައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް އެކި ސިފަސިފައިގައި ސުޕްރީމް ކޯޓުން ނޭދެވޭ އަސަރުތައް ވަނީ ފޯރުވައިފަ އެވެ. ވޭތުވެދިޔަ ހަ މަސް ދުވަހަށާއި ލިޔެކިޔުންތަކަށް ބެލި ކަމުގައިވިޔަސް، އެކަން ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭގެ ކޮމިޓީ ބައްދަލުވުމުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ސުޕްރީމް ކޯޓުން އެބަހުރި ސިޓީ ބަދަލުކޮށް، ކަންތައްތައް ކުރުމަށް އަންގާފައި. އެއީކީ އެކަން ކުރެވިގެން ވާނެ ގޮތެއް ކަމަށް ގަބޫލެއް ނުކުރަން،" ގާނޫނުއަސާސީގައި ޖޭއެސްސީގެ ބާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމެނޭ ގޮތަށް އަދުލުއިންސާފު ގާއިމު ކުރުމުގެ މަސައްކަތުގައި އުޅޭ އެންމެހައި މީހުންގެ މައްޗަށް ހިނގާނެ ކަން ބަޔާންކޮށްފައިވާ ކަން ފާހަގަ ކުރައްވައި ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮވެއްޖެ ނަމަ، އެ މައްސަލައެއް ބެލެން ޖެހޭނެ ކަމަށެވެ. ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުއަސާސީން ޖޭއެސްސީއާ ހަވާލުކޮށްފައިވާ ކަން ވެސް ރިފްއަތުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެއްވެސް އިޖުރާއާތަކާ ހިލާފަކަށް ނޫނެވެ. އެއީ ޖޭއެސްސީ އަށް ލިބިދޭ އިހްތިޔާރާއި ބާރާ އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެއް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަން ފުލުހުން ހާމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީ އަށް އިންތިހާބުކުރި ފަނޑިޔާރު މުހައްމަދު އީސާފުޅު ވިދާޅުވީ ޖޭއެސްސީގެ ތެރޭގައި އޮތީ ވީހާ ވެސް ބޮޑަށް ފޮރުވިގެން ކަންކަން ކުރުމުގެ ސަގާފަތެއް ކަމަށެވެ. އަދި ޖޭއެސްސީން ފުރިހަމަ ގޮތުގައި ޒިންމާ އަދާކުރެވުނު ނަމަ، މިހާރަށް ވުރެ ފުރިހަމަ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ފެނުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ މެމްބަރު މުހައްމަދު އީސާފުޅު މިރޭގެ ބައްދަލުވުމުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީސަ ވިދާޅުވި ގޮތުގައި ޖޭއެސްސީގައި ވޯޓު ދިނުމަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްފައެއް ނުވެ އެވެ. އެކަމަކު، ފަނޑިޔާރުންގެ ޕާފޯމަންސް ގަވައިދަށް އޮތް ހުރަހުން ޖޭއެސްސީގެ މައްޗަށް ސުޕްރީމް ކޯޓުގެ ނުފޫޒު އޮތްވަރު ހާމަވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ޖޭއެސްސީ އަކީ ދުސްތޫރީ މުއައްސަސާއެއް. އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގައި މައްސަލައެއް އުޅޭ ނަމަ، ޖޭއެސްސީގެ މަސްއޫލިއްޔަތުގެ ތެރެއަށް އެހެން މުއައްސަސާއެއް ވަންނަން ޖާގަ އޮވެގެން ނުވާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ތިޔަބޭފުޅުންގެ ލެވެލްގައި ގާއިމުކޮށްދިނުން،" އީސަ ވިދާޅުވި އެވެ.