މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަ ދައްކަވަނީ: ތިމާވެށްޓަށް އަންނަ ބަދަލުތަކާ މެދު ގިނަ ބަޔަކު ކަންބޮޑުވާ ތަން ނުފެންނަ ކަމަށް ވިދާޅުވި.--- ފޮޓޯ: ރައީސް އޮފީސް
15 ޖޫން 2019 - 23:04
ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ބައިނަލްއަގުވާމީ މުޖްތަމައުގައި އަޑު އުފުލިޔަސް، އެ އަޑު އަހާ ބަޔަކު ނުފެންނަ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ހުސައިން ވިދާޅުވީ ތިމާވެށީގެ ކަންކަމަށް އިންސާނުން އަޅާނުލާ ނަމަ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ފިނި ހޫނުމިން އިތުރު ދެ ޑިގްރީއަށް ވުރެ މައްޗަށް ގޮސް، ބޮޑު ސަރަހައްދެއްގެ ފަރުތައް ހަވާލުވެ، އަނބުރާ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ސައިންސްވެރިން ލަފާކުރާ ކަމަށެވެ. އޭގެ ނުރައްކާ ގިނަ ގޮތްގޮތުން ރާއްޖެ އަށް ބޮޑުކަން ފާހަގަކުރައްވައި، ހުސައިން ވިދާޅުވީ އެފަދަ ކަންކަމާ ދެކޮޅަށް ރާއްޖެއިން އަޑު އުފުލަމުންދާ ކަމަށާއި އެކަމަކު ބައިނަލްއަގްވާމީ މުޖްތަމައުގައި އެ އަޑު އަހާނެ މާ ގިނަ ބަޔަކު ތިބި ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ އެންމެން ވެސް ތިމަންނަމެން ކަންބޮޑުވެއޭ ބުނަނީ. އެކަމަކު އެ މީހުން ޖައްވަށް ފޮނުވާ ގެނދަބުޅި މަދު ކުރާކަށް އެކަކު ވެސް މަސައްކަތެއް ނުކުރޭ. ހަމަގައިމު ވެސް އެކަން އެންމެ ބޮޑު ކުރާ މީހުން އެކަމަކަށް އަޅައެއް ނުލާ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެ ވަޑައިގަތް ޖަލްސާގައި ހުސައިން ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރަން ބޭރުގެ ގައުމަކުން ނާންނާނެ ކަމަށާއި އެކަމަށް މަސައްކަތް ކުރަންޖެހޭނީ ދިވެހިން އަމިއްލައަށް ކަމަށެވެ. އެކަމަކު ދިވެހިންގެ ބައެއް އަމަލުތަކުގެ ސަބަބުން ފަރުތަކާއި ދިރުންތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި އެގޮތުން ގޮނޑު ދޮށަށް ކުނި އެޅުން ފަދަ ކަންކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ރާޅު އަރައިގެން ކުނިތައް ގޮސް ފަރުމައްޗަށް އަޅާލީމަ ފަރުގައި ހުންނަ މުރަކަތައް މަރުވެގެން ދަނީ. މުރަކަތައް މަރުވީމާ އެކި މޫސުމުގެ ކޮޅިގަނޑާ އެކު އަންނަ ރާޅުތަކުން ރަށްތައް ހިމާޔަތް ކުރާނެ އެއްވެސް ދިފާއެއް ނޯވޭ. ހަމަ ރަށްތައް ގިރައި، ހަލާކުވެގެން ދަނީ. ޖަޒީރާ ގައުމެއްގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން ކޮންމެ ރަށެއްގެ ވަށައި ބޮޑު ހިލަ ޖެހުން،" ހުސައިން ވިދާޅުވި އެވެ.
މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީހަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ހުސައިން ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ އިތުރުން ކުނި އުފައްދާ މިންވަރު ވެސް މަދު ކުރަންޖެހޭ ކަމަށާއި މާލެއިން މިހާރު ވެސް ދުވާލަކު 500 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާއިރު، އޭގެ ތެރެއިން 60 ޕަސެންޓަކީ ކެއިން ބުއިމަށް ބޭނުން ކުރުމަށް ފަހު އުކާލާ ތަކެތި ކަމަށެވެ. އެފަދަ ކުނިތައް މަދުކޮށްފި ނަމަ، އެއީ ތިމާވެށީގެ އިތުރުން ސަލާމަތް ކުރެވޭ ޚަރަދުތަކެއް ކަން ހުސައިން ވިދާޅުވި އެވެ. އަދި ކަނޑަށް އުކާލާ ކުނީގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމާ އެކު ސިއްހީ ނުރައްކާ ވެސް އޮންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ކުނި ކާ މަސްތައް އަނބުރާ އަޅުގަނޑުމެންގެ ގޮހޮރަށޭ. ދެން ޖެހޭ ބައްޔެއް މި ޖެހެނީ އަޅުގަނޑުމެންނަށޭ. ބޭސްކުރަން މިޖެހެނީ ދިވެހި ރައްޔިތުންގެ ފައިސާއިން. ކުނި އުކައިފިއްޔާ ކުނީގެ ރަހަ ލާނެ،" ހުސައިން ވިދާޅުވި އެވެ.
މީގެ އިތުރުން ކުނީގެ ސަބަބުން ކަނޑުގެ ދިރުންތައް ނެތި ދިއުމުގެ ބިރު ވެސް ބޮޑުވަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި، ސްކޫލްތަކުގެ ތެރެއިން އެންމެ ގިނައިން އެންމެ ގިނަ ޕްލާސްޓިކް އެއްކުރުމަށް ފަހު ހަވާލުކޮށްދިން 10 ސްކޫލެއްގެ އަގު ވަނީ ވަޒަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނެލިދޯނި
16 June 2019
ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކޮށް މަސްވެރިން އިންޖީނުތަކުގަ ތެޔޮ ބަދަލް ކުރުމަށް ފަހު މޫދަށް އެ އަޅާތެޔޮ އެޅުން ހުއްޓުވުމަށް މަސްވެރި ކަމުގެ ލައިސަންސް އާކުރާއިރު އެ ތެޔޮ އެރަށެއްގެ ކުނިކޮށްޓަށް ދައްކާފައިވާ ކަމުގެ ލިޔުމާއި އެކު ހުށަހަޅަން ބޭއްވިއްޔާ އަދި އެހެން އުޅަނދު ތަކަށްވެސް މިކަހަލަ ގޮތެއް އޮންނަން އެބަ ޖެހޭ އަދި ދަތުރުމަތީގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު ކަނޑަށް ނޭޅުމަށް މަތި ޖެހި ބާލިދީ އުޅަނދުފަހަރުގަ ހުންނަންޖެހޭ
ޔޫވީ
16 June 2019
ތިމާވެށި ދެކެ އެންމެ ލޯބިން އުޅުއްވި ބޭފުޅާ މިހާރު އުޅެނީ ބޭރު ގައުމުތަކަށްދާ ހަނގުރާމަވެރިންގެ ކަންތަކައިގެން. ކުރިން ތިމާވެށީގެ ހިޓް ކަން ބޮޑުވެފައިވީ ނަމަވެސް މިހާރު އެއަށްވުރެ ހިޓް ކަމަކީ ހަނގުރާމަވެރިންގެ ވާހަކަ. ލައިމްލައިޓްގަ ހުންނަވަން އެ ބޭފުޅާ ދައްކާ ވާހަކަ ދާނީ އަބަދުވެސް ބަދަލުވަމުން. އެންމެ ކުރިން ހިޓް ވީ ފްރީޑަމް އޮފް އެކްސްޕްރެޝަން، ދެން ޑިމޮކްރަސީ، ދެން މިހެން ލިސްޓް ދިރާސާ ކޮށްލީމަ ބަދަލުވެގެން ދިޔަ ގޮތުގެ މަންޒަރު ސާފުވާނެ.
ރަށު މީހާ
16 June 2019
ކީކޭ ކިޔާކަށް. އެކަމަށް އެންމެ ބޮޑަށް އިހުމާލުވާ މީހަކީ ހަމަ ތިޔަ ބޭފުޅާ. އެކިރައްރަށް ވަޑައިގެން ތިމާވެއްޓާއިބެހޭ އެކި ވައުދުތައް ވިދާޅުވެ އެކަމާއި އަޅައިނުލާ. ކުޅުދުއްފުއްޓަށް ފޮނުވަންބުނި އިންސިނަރޭޓަރ ކޮބައިތޯ. އަދިވެސް އެއްމަސް ނުވަނީތޯ. މުޅި ކުނިގޮޑު އެއޮތީ ހައްދުންނެއްޓި އަތް ނުފޯރާ ހިސާބައްގޮސް މަގުމައްޗާއި ހަމައަށް ކުނިތައް ނުކުމެފައި. މުޅި ހިސާބުގައި މެއްސާއި މަދިރި. ދުވާ ވަހުން ތިބެން ނުކެރޭ.
ނުވޭ
16 June 2019
ބަންދުދުވަސްތައް ނުލާ ސަރުކާރުގެ ކަންކަން ގުނާއިރު އަދި 1 މަސްނުވާނެ.
މުށި
16 June 2019
މަށަށް ހީވަނީ ކަންބޮޑުވާތަން ނުފެންނަނީ ސަރުކާރުގައުޅޭ މީހުންހެން. އަހަރެން ކަންބޮޑުވޭ. ހުއްދަދީފިއްޔާ ކަންބޮޑުވާވަރު ދައްކާލެވިދާނެ. އެއަޑުއަހަން އެތަންބަލަން ކެރޭނެތަ؟
ރުޅި
16 June 2019
ސަރުކާރުވެސް ކަންބޮޑެއްނުވޭ. ތިޔަވާހަކަ ސަރުކާރުންވެސް ދައްކަނީ ބޭރުގެ އެހީހޯދުމަށާއި ދުނިޔޭގެ ސަމާލުކަމާއި މަޝްހޫރުކަން ހޯދަން.
ޓަންޓަނާ
16 June 2019
މިސަރުކާރުގައި ކިރިޔާވެސް މަސަތްކަތް މިކުރަނީ ޖޭޕީގެ މިނިސްޓްރީތަށް. އެހެން ހުރިހާ ތަނެއް ޕްރައިމުމިނިސްޓަރެއް އަންނަންދެން ހުއްޓިފާ.
ހަކީމު
16 June 2019
ބޭފުޅާ ތިދައްކަނީ ސަރުކާރާއި ، އީ.ޕީ.އޭ ކަހަލަ ތަންތަނުގެ ވާހަކަ ކަމަށް ގަބޫލު ކުރެވެނީ ... ރިސޯޓު ހެދުމުގެ ނަމުގައި މުޅި ގައުމު ނޮޅާ ނަގަމުން ދާއިރު ބަލަހައްޓައިގެން ތިބެނީ ... އެތަށް މިލިޔަން އަހަރުތަކަކުން ހެދިފަ ހުރި ނާޒުކު ފަރުތަކާ ގިރިތަށް ހިތުހުރި ގޮތަކަށް ކޮށާމަށަނީ ..
އަހުމަދު ޔ
16 June 2019
ތިއަށްވުރެ ކަންބޮޑުވާ އެހެންކަންތައް އެބަހުޓޭ... ބޯހިޔާވަހިކަމަށްއެދި ސަރުކާރުގެ އިދާރާތަކަށް ފޯމްލާތާ ދިހައަހަރުވީ. މީކަންބޮޑުވާ ކަމަކީ.....
އެހެން
16 June 2019
އަދި އެންމެ މަދުވެގެން 3 މަސް ފަހުންނޯ ތިކަމާ އުޅެވޭނީ. ވެރިކަމަށް ނާރާއިރު ނުބައިކޮށް ފްލެޓްތައް ދޭކަން ބަރާބަރަށް އެނގޭ. ނުބައިކޮށްދޭ ލިސްޓާ އެއްޗެހިވެސް އަތުގަ އޮވޭ. އެކަމު ވެރިކަމަށް އެރުނީމަ އަދި ހުވާކުރުމުގެ ކުރިން ހޮވުނު ދުވަހުން ފަށައިގެން އެ ލިބުނު ހުއްދައިގެ ދުވަސްތަކާ އެކުވެސް ކަމެއް މިކުރަން ފެށެނީވެސް 1 އަހަރު ފަހުން،
ނެޑް
16 June 2019
ރުއްތަކާއި ގަސްތައް ކަނޑާ ގެނެސް ޖަހައިގެން އެކި ތަންތަން ކޮނެގެން ވެލިނަގާ ގެސްޓުންނަށް ބީޗުހަދައި ދިވެހިންނަށް ނޭރޭ ރިސޯޓު ހަދާއިރު ކަންބޮޑުވަނީ ވަރަށް މަދު ބަޔެއް.
މަ މިއު މަ
16 June 2019
ކަންބޮޑު ނުވަނީ ކަލޭ