ސުޕްރީމް ކޯޓު އޮތީ ފެއިލްވެފައި، އުވާލަންވީ: މެމްބަރުން

ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންނަކީ ފެއިލްވެފައި ތިއްބެވި ބޭފުޅުން ކަމަށާއި އެތަން އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ ރާއްޖޭގައި އޮތް ހުރިހާ ވެސް މައްސަލައަކީ ސުޕްރީމް ކޯޓު ކަމަށެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން ނުވަތަ ސުޕްރީމް ކޯޓު އުވާލައިގެން ވެސް އެ ތަން "ސާފު ކުރާނެ" ކަމަށް ވިދާޅުވެ ބައެއް މެމްބަރުން އިންޒާރު ދެއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގެ މެމްބަރުން ޖުޑިޝަރީ ކޮމިޓީގައި ދެއްކެވި ވާހަކަތަކަކީ ބިރުން "ފިއްކަނޑައިގެންދާ" ފަދަ ވާހަކަތަކެއް ކަމަށެވެ. އަދި އެންމެ ކަންބޮޑުވެވަޑައިގެންނެވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އާއި ފަނޑިޔާރުންގެ ފެންވަރު ޖޭއެސްސީން ބެލުމަށް ސުޕްރީމް ކޯޓުން ހުރަސް އަޅާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ހަސަން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި އެންމެ ފަހު ބަސް ބުނުމުގެ ފުރުސަތު އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށް ބުނި ކަމުގައިވިޔަސް، އެ ކަން ކުރަން އޮންނަނީ ވަރަށް މަދު ދާއިރާއެއްގަ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމާއި ޝަރީއަތުން ބަލާ މައްސަލަތަކުގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ދުނިޔޭގައި ލެއްވިހާ ކަމެއްގައި ފަހު ބަސް ބުނާ ތަނެއް ނޫން. މި މަފްހޫމް އޮޅުވާލައިގެން ގާނޫނުއަސާސީގެ ނިޒާމު ގަޑުބަޑުކުރާ ސުޕްރީމް ކޯޓެއްގެ ވާހަކަ މި ދައްކަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިހާއި ޖޭއެސްސީން ކުރާ ކަންކަން ހުއްޓުވުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެއީ ގާނޫނުއަސާސީ ދަންނަ ކަމެއް ވެސް ނޫން ކަމަށެވެ.

އެއްގޮތަކަށް ވެސް ރައްޔިތުން މާޔޫސްވާނެ ކަމެއް ނެތް. ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ރައްޔިތުން މާޔޫސްވާނެ ކަމެއް ނެތް. އަޅުގަނޑުމެން މި ދަނީ ކޯޓު ސާފު ކުރަން: ޝަހީމް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން ފަނޑިޔާރުގެއަކަށް އިތުބާރެއް ނުކުރެ އެވެ. ފަނޑިޔާރުގެއަށް ރައްޔިތުން އިތުބާރު ނުކުރަނީ ސުޕްރީމް ކޯޓުން އަޖައިބުވާ ކަހަލަ ހުކުމްތަކެއް ނެރޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއް ދުވަހު ނެރޭ ހުކުމެއް އަނެއް ދުވަހު ހަމަ ބާތިލްކޮށް މުޅިން އެހެން ގޮތަކަށް އެބަ ނިންމާ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސުޕްރީމް ކޯޓަކީ، ފަނޑިޔާރުގެތަކަކީ ބާރުގަދަ ވިޔަފާރިވެރިންތަކެއް ނޫނީ ނުފޫޒު ހުރި ފަރާތްތަކެއްގެ ބާރުގައި، މުށު ތެރޭގައި ވެފައިވާ ތަން،" އަހުމަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ހަނި ފުރުސަތުގައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ފަނޑިޔާރުގެތައް މިނިވަންކޮށް އިންސާފުވެރި ފަނޑިޔާރުގެއެއް ކަށަވަރުކޮށް ދިނުން."

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރައްޔިތުން މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ދިނީ ފަނޑިޔާރުގެ ސާފުކުރަން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ އިންސާފު ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިންސުރެ ވެސް ޝަރުއީ ނިޒާމުގެ މައްސަލަތަކާ މެދު ފާޅުގައި ވާހަކަ ދައްކަވަމުން ގެންދެވި އިންތި ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ޣައިރު ގާނޫނީ ނިންމުންތަކަށް މަޖިލިހުން ބޯލަނބާ ނަމަ، އެ ވެވެނީ ރައްޔިތުންނަށް ހިޔާނާތް ކަމަށެވެ. ސުޕްރީމް ކޯޓުން ނިންމާ މައްސަލަތަކުން ދުސްތޫރީ ނިޒާމެއް އެއް ފުށުން އަނެއް ފުށަށް ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަވަސް ފުރުސަތެއްގެ ތެރޭގައި ޖުޑިޝަރީ އިސްލާހުކޮށް ރައްޔިތުންނަށް ބޭނުންވާ ހައްގު ހޯދައިދޭން ޖެހޭ،" އިންތި ވިދާޅުވި އެވެ.

އެއީ ދުނިޔޭގައި ލެއްވިހާ ކަމެއްގައި ފަހު ބަސް ބުނާ ތަނެއް ނޫން. މި މަފްހޫމް އޮޅުވާލައިގެން ގާނޫނުއަސާސީގެ ނިޒާމު ގަޑުބަޑުކުރާ ސުޕްރީމް ކޯޓެއްގެ ވާހަކަ މި ދައްކަނީ: ހަސަން ލަތީފް

ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ އޮތީ ފެއިލްވެ، ކޮރަޕްޓްވެފައި ކަމަށެވެ. އަދި ހާއްސަކޮށް ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ހުރަހެއްގެ ގޮތުގައި ސުޕްރީމް ކޯޓު ވެގެން ދިއުން ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ރައްޔިތުން މާޔޫސްވާނެ ކަމެއް ނެތް. ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ރައްޔިތުން މާޔޫސްވާނެ ކަމެއް ނެތް. އަޅުގަނޑުމެން މި ދަނީ ކޯޓު ސާފުކުރަން. ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން ނަމަވެސް، ކޯޓު އުވާލައިގެން ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އަދުލު އިންސާފު އޮތްކަން އަޅުގަނޑުމެން ކަށަވަރުކޮށްދޭން އެބަ ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިސް ނަގައިގެން އެކުލަވައިލި ފަނޑިޔާރުގެ އިސްލާހު ކުރުމާ ބެހޭ މަގުޗާޓު އުއްތަމަ ފަނޑިޔާރު އިފްތިތާހްކޮށް ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސުޕްރީމް ކޯޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ސަސްޕެންޝަން ފަސްކުރަން އަމުރު ކުރުމުންނެވެ. އެގޮތަށް އެ ކޯޓަށް ނުނިންމޭނެ ކަމަށް ބައެއް މެމްބަރުން ގަބޫލުކުރައްވަ އެވެ.

ޖޭއެސްސީން ބުނާ ގޮތުގައި އެ ކޮމިޝަންގެ ނިންމުން ދެމިއޮންނާނެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ޑީޑީގެ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ޖޭއެސްސީއާ ރައްޔިތުން މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރު އައީ ޖޭއެސްސީގެ ނިންމުން ސައްހަކަމަށް ކަނޑައަޅަން ޖުޑިޝަރީ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހަޅާފައި ވަނިކޮށެވެ.