ލުތުފީ ފޮރުވައިގެން ހިންގި ޖަރީމާ އަށް މާފަށް އެދެން ގޮވާލައިފި

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ، ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅެ ސަރުކާރުން ހިންގާފައިވާ ޖަރީމާ އަށް ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ގޮވާލައިފި އެވެ.


ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށްވާ ލުތުފީ އެމްބަސީ އަށް ގޮސް ފުލުހުންނާ ހަވާލުވީ މިދިޔަ މަހުގެ 1 ގައި ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ފުލުހުންނާއި ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލުތުފީ ގެނައުން ލަސްވަނީ ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންނެވެ. އެއީ އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން މަސައްކަތްކޮށްފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެކަމަކު ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ލުތުފީ އެމްބަސީގައި ހުރި ކަން ސިއްރުކޮށްގެން އުޅެނިކޮށް ފަޅާއެރުމުން ދިފާއުގައި ފޮރިން މިނިސްޓްރީން ދެއްކި ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ.

ޕީއެންސީން ބުނިގޮތުގައި ލުތުފީ އެމްބަސީގައި ހުންނަތާ ތިން މަސް ވެދާނެ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން އެ ޕާޓީ އަށް ކަށަވަރުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު ދާދި ފަހުން ސްރީ ލަންކާ އަށް ވަޑައިގަތް އިރު ވެސް ލުތުފީގެ މައްސަލައާ ގުޅޭ މައުލޫމާތު ލިބިވަޑައިގެންނެވި ކަން ކަށަވަރުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ ލުތުފީއާ ގުޅޭ ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި ގަސްތުގައި ލުތުފީ ފޮރުވައިގެން ގެންގުޅެފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"ހާޖަރާގޭ އަބްދުﷲ ލުތުފީ ދެ މަސް ދުވަސް ވަންދެން، ލަންކާގައި ހުންނަ އެމްބަސީގައި ބަހައްޓައި އެކަން ސިއްރުކޮށްގެން ތިބުމަކީ މި ސަރުކާރުން ދިވެހި ރައްޔިތުންނަށާއި ނޮވެމްބަރު 3 ގައި ޝަހީދުވި 19 އަބްތާލުންނާއި އަބްތާލުންގެ އާއިލާތަކަށް ވެފައިވާ އިންސާފުން އެއްކިބާވެފައިވާ ހަޑިމުޑުދާރު އަމަލެކެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ލުތުފީ އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމާ އެކު އެކަން މީޑިއާތަކާއި ރައްޔިތުންނަށް ހިއްސާކުރަން ޖެހެ އެވެ. މިދިޔަ މަހުގެ އެކަކުން ފެށިގެން ލުތުފީ އެމްބަސީގައި ބެހެއްޓީ ކޮން ހަމަޔަކާއި އުސޫލަކުން އަދި ބައިނަލްއަގުވާމީ ކޮން މުއާހަދާއެއްގެ ދަށުންތޯ ސުވާލުއުފެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ހަމައެއާ އެކު އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ވުމުން ލުތުފީ ރާއްޖެ ގެނައުމުގައި ފުރިހަމަ ކުރަން ޖެހެނީ ކޮން އިޖުރާއަތުތަކެއް ކަން ތަފްސީލްކޮށް ބަޔާންކޮށްދިނުމަށް ވެސް ދިވެހި ހާރިޖިއްޔާގެ ކިބައިން އެދެމެވެ،" ޕީއެންސީގެ ބަޔާނުގައިވެ އެވެ.

ޕީއެންސީން ބުނިގޮތުގައި ކޮމަންވެލްތުން ރާއްޖެ ވަކިވެފައި އޮތުމަކީ ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވެފައިވާ ޚާރިޖީ އެއްވެސް އެއްބަސްވުމަކަށް ބުރޫއަރާނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް އަމަލުކުރުމުގައި ކޮމަންވެލްތުން ވަކިވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕީއެންސީން ބުންޏެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް ދެ ގައުމުން ކުށްވެރިން ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެފައިވާ ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ފަހުކޮޅު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން، ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެ އަށް ވަދެގެންނެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.