ބިލް ތަސްދީގު ކުރުމާ އެކު، ލަތީފާގެ ޖޭއެސްސީގެ މެމްބަރުކަން ގެއްލިއްޖެ

ގާނޫނީ ފަންނުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެމްބަރު ލަތީފާ ގާސިމްގެ މެމްބަރުކަން ގެއްލިއްޖެ އެވެ.


މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނީ ފަންނުގެ ބިލް ގާނޫނަކަށް ބަދަލުވުމާ އެކު، އެ ގާނޫނު ބުނާގޮތުން އެ އަށް އަމަލު ކުރަން ފަށާއިރު ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރުގެ މެމްބަރުކަން އޮޓަމެޓިކުން ނިމުމަކަށް އަންނާނެ އެވެ.

އެހެންވެ، އެ ގާނޫނު ބުނާގޮތުން ލަތީފާގެ މެމްބަރުކަން މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި އެ މަގާމަށް މެމްބަރަކު އިންތިޚާބު ކުރަން ބާއްވާ އިންތިޚާބު އެ ގާނޫނުގެ ދަށުން އުފެދޭ ބާ ކައުންސިލް އިންތިޚާބު ކުރެވޭ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ބާއްވަން އެ ގާނޫނު ލާޒިމް ކުރެ އެވެ.

ބާ ކައުންސިލްގެ އިންތިޚާބު ބާއްވަން ޖެހެނީ މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގަ އެވެ.

ގާނޫނީ ފަންނުގެ ބިލް މަޖިލީހުން ދިރާސާ ކުރިއިރު ވެސް، ލަތީފާގެ މެމްބަރު ކަން ގެއްލޭ ގޮތަށް ބިލުގައި އޮތުމުން އެކަން ބައެއް ގާނޫނީ ބޭފުޅުން އޭރު ފާހަގަކުރި އެވެ. އަދި އުވިދިޔަ މަޖިލީހުން އެ ބިލް ދިރާސާ ކުރިއިރު ވެސް އެ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވި އެވެ.

ސަބަބަކީ ގާނޫނުއަސާސީ ބުނާގޮތުން އެއީ ދަށުން ފަސް އަހަރަށް އިންތިޚާބު ކުރެވޭ މަގާމަށް ވެފައި، އެ މުއްދަތު ހަމަ ނުވަނީސް ލަތީފާގެ މެމްބަރު ކަން ގެއްލޭ ގޮތަށް އެ ބިލުގައި އޮތުމުންނެވެ. ލަތީފާގެ ފަސް އަހަރުގެ ދައުރު ހަމަވަނީ އަންނަ ނޮވެމްބަރު މަހު އެވެ.

ލަތީފާ ވަނީ މީގެކުރިން ރައީސްގެ މެމްބަރެއްގެ ގޮތުން ވެސް ޖޭއެސްސީގެ މެމްބަރުކަން ކުރައްވައިފަ އެވެ. ވަކީލުންގެ ތެރެއިން އޭނާ އެ މަގާމަށް އިންތިޚާބުކުރީ ނޮވެމްބަރު، 2014 ގަ އެވެ.