ލުތުފީ ގެނެސް ކަރެކްޝަންސާ ހަވާލުކުރާނީ މި ސަރުކާރުން: އަލީ ޒާހިރު

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ފިލައިގެން އުޅުނު އަބްދުﷲ ލުތުފީ ރާއްޖެ ގެނެސް ޖަލު ހުކުމް ތަންފީޒުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރާނީ މި ސަރުކާރުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.


ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށް ވާ ލުތުފީ ނުވަ އަހަރު ފިލައިގެން އުޅުމަށް ފަހު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް ރާއްޖެ ދާން ބޭނުންވާ ވާހަކަ ބުނުމުން، އެމްބަސީން ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ސްރީ ލަންކާގައި، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ލުތުފީ ރާއްޖެ ގެނައުން ލަސްވާ މައްސަލައިގައި މި ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އޭނާ ގެނައުމުގައި ގާނޫނީ ގޮންޖެހުންތަކެއް ހުރި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ފުލުހުން ދައްކާ ވާހަކަ ގަބޫލު ނުކުރުމުން، ފުލުސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވަނީ ލުތުފީ ގެނައުމުގައި ކުރީ ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ ވާހަކަ އާއްމުކޮށްފަ އެވެ.

ލުތުފީ މައްސަލައިގައި އަލީ ޒާހިރު ކުރެއްވި ޓުވީޓް.

ލުތުފީ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު ކުރީގެ ސަރުކާރުތަކަށް ލިބި އޭނާ ގެނައުމަށް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

އަލީ ޒާހިރު: ލުތުފީ ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ދެއްވި. --ފޮޓޯ/މިހާރު

ލުތުފީއާ ހެދި އަމާޒުވާ ފާޑުކިއުންތަކުން ސަރުކާރު ދިފާއު ކުރައްވައި އަލީ ޒާހިރު ކުރެއްވި ޓުވީޓުގައި، އޭނާ ރާއްޖެ ނުގެނެސް ލަންކާގައި ބެހެއްޓުމުގެ ނިޔަތެއް ސަރުކާރުގައި ނެތް ކަން ވަނީ ހާމަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ބަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކައެއް ވެސް މި ސަރުކާރުން ދައްކަން ބޭނުން ނުވާ ކަމަށެވެ. ލުތުފީ ގެނައުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމުގެ ޔަގީންކަން ދެއްވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ލުތުފީ ގެންނާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަހްމަދު އަޝްރަފް (ޝުމްބާ) ލަންކާ އިން ގެނައި ގޮތަށް ގާނޫނާ ޚިލާފަށް ނޫނެވެ. ލުތުފީ ގެންނާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގައި ހޯދަން އިއުލާންކުރި ޝުމްބާ ލަންކާގައި ދިރިއުޅެމުން ދަނިކޮށް، ލަންކާ ފުލުހުންނާއި ދިވެހި ފުލުހުންގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށް ރާއްޖެ ގެނައި ގޮތުން ލަންކާ ސަރުކާރުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ޝުމްބާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ގޮތުން ދެ ގައުމުގެ ގުޅުމަށް ވެސް ބުރޫ އެރި އެވެ.

ބާގީ ލުތުފީގެ ގޮތުގައި މުޅި ރާއްޖެ އަށް މަޝްހޫރުވެފައިވާ ލުތުފީ ފިލީ އެމްޑީޕީގެ ސަރުކާރުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި ލުތުފީ ގެނައުން ލަސްވަނީ ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ. އެއީ އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން މަސައްކަތްކޮށްފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.