ލުތުފީ ގެންނަން 2.7 މިލިއަނުގެ ޖޫރިމަނާއެއް ދައްކަންޖެހޭ: ޕީޕީއެމް/ޕީއެންސީ

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް 2.7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭ ކަމަށާއި އެކަން ކޮށްދެނީ ދިވެހި ސަރުކާރުން ކަމުގެ އަޑުތައް އިވިފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.


ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެތައް ދިވެހިންނެއް މަރާލި މުޖުރިމަކު ގެންނަން ރައްޔިތުންގެ ފައިސާއިން ހަރަދުކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. އެހެންވެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އޭނާ ވަނީ އެކަން ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ލުތުފީ ގެންނަން ބޮޑު ޖޫރިމަނާއެއް ދައްކަންޖެހޭ ސަބަބެއް ނުބުނެ އެވެ. ނަމަވެސް ބެެލެވޭ ގޮތުގައި އެ އިޝާރާތްކުރަނީ ސްރީ ލަންކާގެ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް އެ ގައުމުގައި އުޅުނު މުއްދަތަށް ދައްކަންޖެހޭ ޖޫރިމަނާއަށެވެ.

ލުތުފީ ފިލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުންނެވެ. ނަމަވެސް ނުވަ އަހަރު ވަންދެން ލަންކާގައި ފިލައިގެން އުޅުމަށް ފަހު އޭނާ އަމިއްލައަށް ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް ރާއްޖެ އަންނަން ބޭނުން ކަމަށް ބުނެފަ އެވެ. އެހެންވެ އެމްބަސީން އޭނާ ހަވާލުކޮށްފައިވަނީ ފުލުހުންނާ އެވެ.

ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން ލުތުފީ ފިއްލުވީކަމަށެވެ.

"ލުތުފީ ފިއްލުވީ. ލުތުފީ ފިލީކީ ނޫން. އޭރު ރައީސަކަށް ހުންނެވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ރައީސް މުހައްމަދު ނަޝީދު. ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ޒައާމަތުގައި ލުތުފީ ފިއްލުވީ،" ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރަާގެ މެމްބަރު ޝިޔާމް ވާހަކަދައްކަވަނީ؛-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ހަމަ މަގަށް އަޅުވަން ނިކުންނަން ޖެހިފައި ވަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާތަން ނުފެންނާތީ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ ރައްޔިތުން ރުޅި އަންނަ ހުރިހާ ކަމެއް ކުރަމުންދާ މަންޒަރުކަމަށް ވިދާޅުވި އެވެ.

ސަރުކާރު އިދިކޮޅު ކޯލިޝަނުން އަންނަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ ހަރަކާތަށް ކާނިވާ ސަރަހައްދު ހޯދަން ޕްލޭނިން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެދިފަ އެވެ. ނަމަވެސް އަދި ހުއްދައެއް ނުލިބެ އެވެ.

ލުތުފީ ގެނައުން ލަސްވާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ހުށަހެޅުމުން އެ މެމްބަރުގެ އަގު ވައްޓާލައި ބުލީކޮށްފައިވާ ކަމަށް، މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގައި ހިނގާ ބޮޑެތި ކަންތައްތަކުގައި މަޖިލީހާއި މަޖިލީހުން ބޭރުގައި ވެސް އިދިކޮޅު ޕާޓީތަކުން މަޑަކުން ނުތިބޭނެ ކަމަށެވެ.

ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ލުތުފީގެ މައްސަލައަށް އެކަނި ބެލިޔަސް ސަރުކާރު ފެއިލްވެފައިވާ މަންޒަރު ފެންނަކަމަށެވެ. އެ މައްސަލަ އުފަންވި ހިސާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވީތަނެއް ނޭނގޭ ކަމަށާއި އެކަމާ ގުޅޭގޮތުން ވާހަކަދެއްކެވި ހަމައެކަނި ބޭފުޅަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަން ފާހަގަކުރެއްވި އެެވެ.