ހުޅުމާލޭގެ ބީޗު ކެފޭތައް މި މަހުގެ 30 ގެ ކުރިން ނަގަން އަންގައިފި

ހުޅުލާމާލޭގެ އިރުމަތީ ފަރާތު ގޮނޑޮދޮށުގައި ގޮނޑި ޖަހައިގެން ހިންގާ ކެފޭތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން 30 ދުވަހުގެ މުހުލަތެއް އަނެއްކާ ވެސް ދީިފި އެވެ.


އެ ކޯޕަރޭޝަނުން މިގޮތަށް ނޯޓިސް ދިން އިރު، ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެރޭ/ރެސްޓޯރަންޓު މިހާރު ހިންގަމުން ދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެޗްޑީސީ އަށް މިދިޔަ މޭ މަހު ވަނީ އަންގައިފަ އެވެ.

އެގޮތަށް އޭސީސީން އެންގުމުގެ ކުރިން ވެސް، ބީޗް ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތައް ނަގަން އެޗްޑީސީން ނޯޓިސް ދީ، ވަރުގަދަ އިންޒާރެއް ދިނެވެ. އެކަމަކު، އެ ނޯޓިހުގެ މުއްދަތު ހަމަވުމުން ފެނުނީ އެ އަށް އަމަލުކުރި މީހުންނަށް އިތުރު ލުޔެއް ދީ، އަދި އަމަލު ނުކުރި މީހުންނާ މެދު ވެސް އެއް ހަމައަކުން އަމަލުކޮށް، އެ ތަންން ހިންގަން ދޫކޮށްލި ތަނެވެ. އެޗްޑީސީން ފަހުން ވަގުތީ ހުއްދައެއް ދިނީ އެ ކޯޕަރޭޝަންގެ އެންގުމާ އެއްގޮތަށް، ހުޅުމާލޭގެ ބީޗު ސަރަހައްދުން މޭޒާއި ގޮނޑި ނަގައި އެ ތަންތަން ހުސްކުރި ފަރާތްތަކަށެވެ. އެކަމަކު، ވަގުތީ ހުއްދަ ނެތް މީހުން ވެސް އައީ ކެފޭތައް ހިންގަމުންނެވެ. އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޗްޑީސީން ނާޅަ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިރޭ ވިދާޅުވީ ބީޗް ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރަންޓުތައް މި މަހުގެ 30 ގެ ކުރިން ނަގަން އެންގީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަން ޖެހޭ ހޮޅިތަކެއް ވަޅުލުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އަދި، އެގޮތަށް ކެފޭ ހިންގަން ދެން ހުއްދަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮޅި ވަޅުލައި ނިމުނީމާ އެ ސަރަހައްދުގެ ލޭންޑް ސްކޭޕް ހަދާނެ ގޮތެއް އަޅުގަނޑުމެން ނިންމާނީ. އެކަމަކު ކެފޭ ހަދާކަށް ދުލެއް ނުކުރާނަން. ޕަބްލިކް އޭރިއާއެއްގެ ގޮތުގައި އޮންނާނީ،" ސުހައިލް ވިދާޅުވި އެވެ.