ދަތުރުފަތުރުން ގެއްލުން ވާތީ އެކަމަށް އެމްޓީސީސީން އެހެން ކުންފުންޏެއް ހަދަނީ

އާއްމު ދަތުރުފަތުރުގެ ހިދުމަތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ވަމުންދާ ގެއްލުމުން ސަލާމަތްވުމަށް އާ ކުންފުންޏެއް ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ހޮޓެލް ޖެންގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މުޅި ރާއްޖޭގައި ވެސް އާއްމު ދަތުރުފަތުރުގެ ހިދުމަތުން އެ ކުންފުންޏަށް ގެއްލުން ވަމުން ދާތީ އެކަން ހައްލު ކުރަން މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ގެއްލުންތައް ސަބްސިޑައިޒް ކުރަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ އެކު މަޝްވަރާތައް ކޮށް، ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސަރުކާރުގެ ފަރާތުން އިޝާރާތް ލިބެމުން އަންނަނީ އަޅުގަނޑުމެންނަށް މިވަމުންދާ ގެއްލުމުގައި ސަބްސިޑީ ލިބޭގޮތް ހައްދަވައިދެއްވާނަމޭ. އެހެންނޫނިއްޔާ އެމްޓީސީސީގެ ބުކްސް އިން މި ދަތުރުފަތުރުގެ ނިޒާމުންވާ ގެއްލުން އުނިވާނެ ގޮތަކަށް އެހެން ސަބްސިޑަރީ ކުންފުންޏެއް ހަދައިފަ ނަމަވެސް އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމުން، މި އާއްމު ދަތުރުފަތުރުގެ ނިޒާމުންވާ ގެއްލުން ކުޑަކޮށް ދެއްވާނަމޭ،" ޝާހް ވިދާޅުވި އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން: ދަތުރުފަތުރުން ވަނީ ގެއްލުން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޓީސީސީ އަށް ވަމުންދާ ގެއްލުމާއި އެ ގެއްލުމުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ޝާހު ދެއްވި ޕްރެޒެންޓޭޝަނުގައި އޭނާ ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ދިނުމަށް ފަހު އަތުލާފައިވާ ވ. ފޮއްތެޔޮމުލި ހޯދަން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައި ޒޯން ތިނެއްގެ ދަތުރުފަތުރު އެމްޓީސީސީ އަށް ދިންއިރު ވ. ފޮއްތެޔޮމުލި އެ ކުންފުންޏަށް ދިނުމަށް ސަރުކާރުން އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް އެމްޓީސީސީ އަށް އެ ރަށުގައި ރިސޯޓެއް ނުހެދި އޮއްވައި ފަހުން އެ ރަށް ވަނީ ސަރުކާރަށް އަލުން ނަގައިފަ އެވެ. ޒޯން ތިނެއްގައި ހިމެނެނީ ކ، އއ، އދ. އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދެވެ.

"މި އަތޮޅުތަކަށް އެމްޓީސީސީން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށްޓަކައި ސަރުކާރުން ވަނީ އޭރު ރަށެއް ކަނޑައަޅުއްވައިދެއްވާފައި. ވ. އަތޮޅު ފޮއްތެޔޮމުލި ކިޔާ ރަށެއް. އެހެން ނަމަވެސް އޭރުގެ ސަރުކާރުން ވަނީ އެރަށް ނަންގަވާފައި. އެހެންވެ އެކަމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު ވަނީ ޓޫރިޒަމް މިނިސްޓްރީއާ އަދި ރައީސް އޮފީހާ ވެސް މަޝްވަރާކޮށްފައި،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާގައި ލިބިފައި ވަނީ ކޮން ކުރިއެރުމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ދަތުރުފަތުރުގެ ހިދުމަތުން އެމްޓީސީސީ އަށް ގެއްލުންވަމުން ދަނީ ޝާހު ވިދާޅުވި ގޮތުގައި 2014 އިން ފެށިގެންނެވެ. އެހެން ނަމަވެސް 2016 އާ ހަަމައަށް ސަރުކާރުން އެ ކުންފުންޏަށް ސަބްސިޑީ ދެމުން އައިސްފައި ވާތީ އޭރުގައި އެ ގެއްލުން ކުޑަކުރެވިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރުގެ ސަބްސިޑީ ކަނޑާލުމުން 2016 ވަނަ އަހަރު އެމްޓީސީސީ އަށް 31 މިލިޔަން ރުފިޔާގެ ގެއްލުން ވި އެވެ. އަދި އޭގެ ފަހުން 2017 ގައި 56 މިލިޔަން ރުފިޔާ، އަދި މިދިޔަ އަހަރު 81 މިލިޔަން ރުފިޔާގެ ގެއްލުން ވި އެވެ.

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ރޭ ނިންމީ، އެ ކުންފުންޏަށް ވެފައިވާ ފައިދާ ކުޑަވުމުން ހިއްސާ ނުބެހުމަށެވެ.