ލުތުފީ ރާއްޖެ ގެނެސް، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

މީގެ 31 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި އަބްދުﷲ ލުތުފީ ނުވަ އަހަރު ވަންދެން ރާއްޖެ އިން ބޭރުގައި ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް އަމިއްލަ އަށް ދިއުމާ ގުޅިގެން، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ މިރޭ ރާއްޖެ ގެންނާނެ ކަމަށް ދިވެހި ފުލުހުން ދެންމެ ބުނެފި އެވެ.


މިރޭ 9:30 ގައި، އީކޭ ފްލައިޓުން ހ. ހާޖަރާގޭ ލުތުފީ ރާއްޖެ މި ގެންނަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ބެލުމުގެ ދަށަށް މިދިޔަ މޭ 1 ގައި އޭނާ އަމިއްލަ އަށް ދިޔަ ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާއަރުވާލުމާ ހަމައަށް، ދިވެހި ސަރުކާރުން އެކަން އާންމުންނަށް ސިއްރު ކޮށްފައި އޮތުމުން އެތައް ބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި، ލުތުފީގެ ހުކުމްގެ ބާކީ ބައި ތަންފީޒު ކުރުމަށް ގެންދާނީ މާފުށީ ޖަލުގަ އެވެ.

ފުލުހުން ބުނީ، ލުތުފީ މާލެ ގެނެސް ފުލުހުންގެ ފަރާތުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އޭނާ މިރޭ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ލުތުފީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ޖަވާބުދާރިވެވަޑައިގަންނަވަމުން ވިދާޅުވެފައި ވަނީ ލުތުފީ މިހާތަނަށް ޖަލުގައި ހުކުމް ތަންފީޒު ކުރީ 21 އަހަރު ކަމަށެވެ. އެހެންވެ، ލުތުފީގެ ހުކުމުގައި މިހާރު ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެއް ކަމަށް އިމްރާން ވިދާޅުވެފައި ވެ އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ހަމަލާގައި، ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން ލަންކާގައި ލުތުފީ އުޅެމުން އައީ ވިސާ ނެތި ކަމަށް ވާތީ، އޭނާ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން 2،500 ޑޮލަރު ލަންކާގެ ކަމާ ބެހޭ އިދާރާތަކަށް ދައްކަން ޖެހުނެވެ.

މީގެ 31 އަހަރު ކުރިން ލުތުފީ ރާއްޖެ އަށް ހަމަލަދިން އިރު ހުރި ގޮތް (ކ) އަދި ފިލުމުގެ ދުވަސްކޮޅެއް ކުރީގެ ފޮޓޯއެއް.

ލުތުފީ ރާއްޖެ ނުގެނެވި ލަސްވުމުން އައި ފާޑުކިޔުންތަކާ ގުޅިގެން، ދިވެހި ސަރުކާރުން ބުނެފައި ވަނީ މައްސަލަ އަކަށް ވީ ލަންކާގެ ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔުން ނުލިބި ދިގުލައިގެން ދިއުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔުން އެންމެ ފަހުން ލިބިފައިވާ ކަމަށާއި ދެން ބޭނުންވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ލިޔުމެއް ކަމަށެވެ. ބެލެވޭ ގޮތުގައި، ލުތުފީ މިރޭ ރާއްޖެ މި ގެންނަނީ އެ ލިޔުން ލިބުމާ ގުޅިގެންނެވެ.

ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލަ ދިނުމުގެ އިސް މީހާ ބާޣީ ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ޖެނުއަރީ 16، 2010 ގަ އެވެ. އޭނާ ރާއްޖެ އިން ބޭރަށް ފޮނުވީ މެޑިކަލް ބޯޑާއި ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ދީގެންނެވެ.

ލުތުފީ، އިންޑިއާ އިން ފަރުވާ ހޯދަން ހުއްދަ ދިނީ ތިން މަސް ދުވަހަށެވެ. ލުތުފީ އަނބުރާ ނައުމާ ގުޅިގެން އޭނާ ހޯދުމަށް އެކި ފަހަރު މަތިން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި އެވެ.

ލުތުފީ، ރާއްޖެ ގެނައުން ލަސްވަމުންދާ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެއީ ރާއްޖޭގެ މި ޒަމާނުގެ ތާރީޚު ދުށް އެންމެ ބޮޑު ޚާއިނު އަދި ކުށްވެރިޔާ ކަމަށެވެ. އަދި ލުތުފީ އަށް މާފުދިނުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

އެމަނިކުފާނު ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ލުތުފީ ދިޔަ ކަން ފުރަތަމަ ދުވަހު ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. ލުތުފީ އެމްބަސީ އަށް ވަނީ މެއި 1 ގައި ކަމަށާއި އެ ވަގުތުން ފެށިގެން ލުތުފީ އަށް ފިލުމުގެ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަން ޔަގީން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.