ތުޅާދޫ ސްކޫލު ކުދިންނަށް ދިމާވަނީ ނަފުސާނީ މައްސަލައެއް؟

ރާއްޖޭގެ ސްކޫލުތަކުގައި ދޭތެރެ ދޭތެރެއިން ކުދިންގެ ހެޔަށް ގޮތްވެ، ވެއްޓޭ މައްސަލަ ކުރިމަތިވެ އެވެ. އެއީ ޖިންނީގެ ކަމެއް ނުވަތަ ސިހުރު، ފަންޑިތައިގެ ކަމަކަށް ބަލައި ފަރުވާދެ އެވެ. މި މައްސަލަ ބ. ތުޅާދޫ ސްކޫލުގައި އަނެއްކާ ވެސް މިވަނީ ކުރިމަތިވެފަ އެވެ.


އެ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދިހަ ވަރަކަށް ދަރިވަރުން ސްކޫލު ތެރޭގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރައި ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިހާރު ވަނީ އެ ރަށް ގޮސްފަ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ވެސް އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވާ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވިގޮތުގައި އެކަން ހިނގާ ސަބަބާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވާން އަދި ދައްޗެވެ. އެ ސަބަބު ބެލުމަށް ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖްމަންޓާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސްކޫލުގައި އާއްމު އުސޫލުން ކިޔަވައިދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ޖިންނީގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް އެއް ބަޔަކު ގަބޫލުކުރާއިރު އަނެއް ބަޔަކު ބުރަވަނީ އެއީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ.

ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވިގޮތުގައި ނަފްސާނީ މައްސަލައެއް ކަމަށްވާ "މާސް ހިސްޓީރިއާ"ގެ ސަބަބުން އެފަދަ ކަންކަން ދިމާވުން އެކަށީގެންވެ އެވެ. ނަމަވެސް ސީދާ އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އެކަންކަން ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގައި ހިނގާފައި ހުރި އެފަދަ ހާދިސާތަކަށް ބަލާއިރު މާސް ހިސްޓީރިއާ އަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ނާޒް ވިދާޅުވި އެވެ.

މާސް ހިސްޓީރިއާއަކީ އާންމުންގެ މެދުގައި ނުވަތަ މުޖްތަމައުގެ ތެރޭގައި ދެކެވޭ ވާހަކަތަކެއްގެ ސަބަބުން، އާންމުންގެ ތެރޭގައި ބިރު ފެތުރި، ހާސްކަން ބޮޑުވުމެވެ. ހިނގި ކަމެއް، ނުވަތަ ހިނގި ކަމަށް ގަބޫލުކުރެވޭ ކަމަކާ ހެދި ވެސް އާންމުންގެ ތެރޭގައި މި ގޮތަށް ބިރު ފެތުރިދާނެ އެވެ. އޭގެ ސަބަބުން ބިރުގަނެ، ހެޔަށް ގޮތްވުން ފަދަ ކަންކަން ކުރިމަތިވެ އެވެ. އަދި އެކަކަށް އެހެން ވާތަން ފެނުމުން އުފެދޭ ބިރުވެރި ކަމުގައި އެހެން މީހުންނަށް ވެސް އެގޮތް މެދުވެރިވެ އެވެ. މިސާލަކަށް ސްކޫލުގައި ކުއްޖަކު ވެއްޓޭއިރަށް އެއީ ޖިންނީގެ ސަބަބުން ވީ ކަމެކޭ ކިޔަން ފަށައިފިއްޔާ، އެކަމާ ބިރުން ދެން ހުންނަ ކުއްޖަކު ވެސް ވެއްޓިދާނެ އެވެ. މިއީ، ބައެއް ސްކޫލުތަކުގައި މީގެ ކުރިން ކަން ހިނގާފައިވާ ގޮތެވެ.

ތުޅާދޫ ސްކޫލް ގޭޓް: އެ ސްކޫލް ކުދިންތަކެއް ހެޔަށް ގޮތްވެ، ވެއްޓޭ މައްސަލަ ވަނީ ފެންމަތިވެފައި--

އެކަމަކު ތުޅާދޫގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންނަށް އެގޮތްގޮތް ވަނީ ޖިންނީންގެ ސަބަބުންނެވެ. ދަރިވަރުންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ އެވެ. އަދި ކުދިންގެ އަމަލުތައް ވެސް ހުންނަނީ ޖިންނި މޮޔަވާ މީހުންގެ ހުންނަ ގޮތަށް ކަމަށާއި އެހެންވެ، އެއީ ސްކޫލުގެ ތެރެއިން ކުދިންނަށް ދިމާވާ ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.

"މި ކޭސްގަ ވަކިވަކި ކުދިންނާ ވާހަކަ ދައްކައިގެން އެވާގޮތެއް ބަލަން ޖެހޭ. އޭރުން ވާގޮތެއް ބުނަން އެނގޭނީ،" ނާޒް ވިދާޅުވި އެވެ.

ނަމަވެސް އެއީ ނަފްސާނީ ކަމެއް ކަމަށް އެރަށު މީހުން ގަބޫލު ނުކުރާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވި އެވެ.

"ނަފްސާނީ މައްސަލައެކޭ ބުނެގެން ބައެއް ކުދިން ބޭސް ވެސް އެބަ ކައި. އެކަމަކު ރަނގަޅެއް ނުވޭ،" ކައުންސިލްގެ ޒާއިދު ވިދާޅުވި އެވެ.

ކުދިންނަށް ދިމާވާ އެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން ވެސް ވަނީ އެ ސްކޫލުގެ ގޯތި ތެރޭގައި ހުރި ގަހެއް ކަނޑާލާފަ އެވެ. އަދި މި ފަހަރު ވެސް ބެލެނިވެރިން އެދެނީ އެ ތަނުގައި ހުރި ގަހެއް ކަނޑާލައިދިނުމަށެވެ.

ހދ. މަކުނުދ އާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށު ސްކޫލުތަކުގައި ވެސް ހަމަ އެ މައްސަލަ މީގެ ކުރިން ވަނީ ދިމާވެފަ އެވެ. އެކަން ހައްލު ކުރުމަށް ސްކޫލު ގޯތި ތެރޭގައި ހުންނަ ގަސް ކެނޑުމާއި ރުގުޔާ ކުރުން ފަދަ ކަންކަން ކޮށްފައިވެ އެވެ.