ވަކީލުންގެ ފަރާތުން ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ބާ ކައުންސިލް އުފެއްދި ގާނޫނާ އެކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވަކީލުންގެ ފަރާތުން އިންނެވި މެމްބަރު ލަތީފާ ގާސިމްގެ މަގާމު ގެއްލިފައި ވާތީ އެ މަގާމަށް މެމްބަރަކު ހޮވަން ޖުލައި 27 ގައި އިންތިހާބު ބާއްވާނެ ކަން ބާ ކައުންސިލުން އިއްޔެ އިއުލާނުކޮށްފި އެވެ.


ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް މެމްބަރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލާން އެ ކައުންސިލުން އިއްޔެ ހުޅުވާލި ނަމަވެސް އެ އިންތިހާބަށް ކުރިމަތިލުމުގެ ފޯމާއި އެހެން ލިޔެކިއުންތައް ބަލައިގަންނަން ފަށާނީ އިއުލާނުގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހު އެވެ. ބާ ކައުންސިލުގެ އިއުލާނުގައިވާ ގޮތުން ފޯމާއި ތަކެތި ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ އަންގާރަދުވަހުގެ ނިޔަލަށެވެ. ޖުލައި 27 ވާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ފަހު ރަސްމީ ނަތީޖާ އިއުލާނު ކުރާނީ ޖެހިގެން އަންނަ ދުވަހު އެވެ.

ޖޭއެސްސީން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން އެދޭ ފޯމް ދޫކުރަނީ އެ އިންތިހާބަށްޓަކައި ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ މަރުކަޒުންނެވެ. ފޯމާއި ތަކެތި ބަލައިގަންނާނީ ވެސް އެތަނުންނެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަން އުފެއްދި ގާނޫނު (ގާނޫނު ނަމްބަރު 10/2008) ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އެ ޝަރުތުތަކަކީ:

ހ- މުސްލިމަކު ކަމުގައިވުން

ށ- ދިވެހި ރައްޔިތަކު ކަމުގައިވުން

ނ- އުމުރުން 25 އަހަރު ވެފައިވުން

ރ- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

ބ- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޙާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

ޅ- ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުން.

ކ- ބުއްދި ސަލާމަތުން ހުރުން.

ބާ ކައުންސިލް އުފެއްދި ގާނޫނު (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި އޮތީ އެ ގާނޫނު ތަސްދީގު ކުރުމާ އެކު ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެމްބަރުގެ މަގާމު އޮޓަމެޓިކުން ގެއްލޭ ގޮތަށެވެ. ލަތީފާ ގާސިމްގެ މަގާމު ގެއްލުނީ އެހެންވެ އެވެ. އެ ގާނޫނުގައިވާ ގޮތުން ބިލް ތަސްދީގު ކުރާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.