އެންއައިސީ އަށް އަލުން ކުރިމަތިލާން ހުޅުވާލަން ލަފާ އަރުވަނީ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތިލި މީހުންގެ ތެރެއިން ނަމެއް ފާސް ކުރުމުގެ ބަދަލުގައި އެ ކޮމިޝަނަށް އަލުން ކުރިމަތިލާން ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުން މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލީ އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި މެމްބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ. އެގޮތުން އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން 26 މީހަކު މެމްބަރު ކަމަށް ކުރިމަތިލި އެވެ.

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވުމުން އެ ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެމްބަރު ކަން ކުރެއްވި ރުކްޝާނާ އިބްރާހިމަށެވެ. އަދި ދެން ކުރިމަތިލި މީހުންނަށް ލިބުނު މާކްސްތަކާ އެކު، ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވި އެވެ.

އެކަމަކު، މަޖިލިހުގެ ތަޅުމުން އަލުން ވަނީ ރިޕޯޓު ކޮމިޓީ އަށް ފޮނުވައިފަ އެވެ. ކޮމިޓީ އަށް އެ ރިޕޯޓު އަލުން ފޮނުވުމުން ކޮމިޓީގެ މެންބަރުން ނިންމެވީ މަޖިލީހުގެ ތަޅުމަށް ފެންނަ ގޮތަކަށް އެކަން ނިންމުމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޖަލްސާގައި ވިދާޅުވީ އެންއައިސީ އަށް މެމްބަރަކު އައްޔަން ކުރެއްވުމަށް ރައީސް ނަންތައް ފޮނުވާފައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިހަށް ކަމަށެވެ. އަދި 19 ވަނަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާ ކުރަން ޖެހޭނީ އާ ނަންތަކެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެންއައިސީ އަށް މީހުން ކުރިމަތިލީ 18 ވަނަ މަޖިލިސް އެކުލެވިފައި އޮންނަ ގޮތަށް ވިސްނައިގެންނެވެ. އަދި 19 ވަނަ މަޖިލިސް އެކުލަވާލެވިފައި އޮންނަ ގޮތަށް ބަލައި މެމްބަރު ކަމަށް އާ ބޭފުޅުންތަކެއް ކުރިމަތިލައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އާޒިމް ހުށަހެޅުއްވީ އެންއައިސީ އަށް އަލުން ކުރިމަތިލާން ހުޅުވާލަން ރައީސަށް ލަފާ އެރުވުމަށެވެ. މަޖިލިހުގެ ތަޅުމުން އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންއައިސީގައި މިހާރު ތިއްބެވީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަނީ ފަސް އަހަރު ދުވަހަށެވެ.

ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.