އެފްއައިޔޫގެ ކުރީގެ ވެރިޔާ އަށް ގަވަރުނަރުގެ ބޮޑެތި އާ ތުހުމަތުތަކެއް

މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފަށް އެ ބޭންްކްގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ބޮޑެތި އާ ތުހުމަތުތަކެއް ކުރައްވައިފި އެވެ.


ނަސީރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އަޝްރަފް ފޮނުއްވި ސިޓީއަކާ ގުޅިގެން އެ ދެ ބޭފުޅުންނާ ވެސް ކޮމިޓީން މިއަދު ބައްދަލު ކުރި އެވެ. ތިން ގަޑިއިރަށް ވުރެ ދިގުލައިގެން ދިޔަ އެ ބައްދަލުވުމުގައި ފުރަތަމަ ސުވާލުކުރީ އަޝްރަފާ އެވެ. އެއަށް ފަހު ނަސީރުއާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ އަޝްރަފަށް ކުރެއްވި އެއް ތުހުމަތަކީ އެފްއައިޔޫގެ ޑޭޓާބޭސްގެ ތެރެއަށް ބޮޓެއް ލައި އޭގެ ޒަރިއްޔާއިން ޓެލެގްރާމް ގްރޫޕަކަށް މައުލޫމާތު ބޭރުކުރަމުން ދިއުމުގެ ތުހުމަތެވެ.

އަޝްރަފް މަގާމުން ދުރުކުރަން ނިންމެވި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ އަޝްރަފް އެފްއައިޔޫގެ ވެރިއަކަށް ހުންނެވި އިރު ވެސް އެ ޔުނިޓްގެ މައުލޫމާތުތައް ބޭރަށް ލީކްވަމުންދާ ކަމަށް ޝައްކު ކުރެވުނު ކަމަށެވެ. އެހެންވެ އެ ޔުނިޓްގެ ތެރެއަށް ބޮޓެއް ލާފައި އިން ކަން އެނގުނީ އޭނާ މަގާމުން ދުރުކުރި ފަހުން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ޑޭޓާބޭސްގެ ތެރެއަށް ލާފައި އިން ބޮޓަކުން މައުލޫމާތު ފޮނުވަމުން ދިޔައީ ޓެލެގްރާމްގައި ހަދާފައި އިން ގްރޫޕަކަށް."

ނަސީރު ކުރެއްވި އަނެއް ތުހުމަތަކީ އެފްއައިޔޫ ހަރުދަނާ ކުރަން ނަސީރު އަޅުއްވަން އުޅުއްވި ފިޔަވަޅުތަކަށް އަޝްރަފް އެއްބާރުލުން ނުދެއްވުމެވެ. އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީގައި ޕްރޮގްރާމެއް ހިންގަން ޓާމްސް އޮފް ރިފަރެންސެއް ތައްޔާރު ކުރަން އަޝްރަފަށް ދެންނެވުމުން އެކަން ނުކުރައްވައި ހަތަރު މަސްދުވަސް ހޭދަ ކުރެއްވި ކަމަށް ވިދާޅުވި އެވެ. އައިއެމްއެފްގެ ފަންނީ ޕްރޮގްރާމަށް އަޝްރަފް އެއްބާރުލުން ނުދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެފްއައިޔޫ ވަރުގަދަ ކުރަން ޖެހިފައި އޮއްވާ ކަން ނަސީރު ފާހަގަ ކުރެއްވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު ނަސީރު (މ) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ދިވެހިރާއްޖޭގައި ނުހިނގާ ވަރުގެ ބޮޑު އެމްބެޒެލްމަންޓެއް ހިނގާފައި އޮއްވައި އަދި އެކަމުގައި އެފްއައިޔޫ އާއި އެމްއެމްއޭގެ އިހުމާލެއް ވާ ކަމަށް މުޅި މީޑިޔާ އާއި ސިޔާސީ ބޭފުޅުންނާ އެތައް ބަޔަކު އެ ވާހަކަ ދައްކަވަމުން ދަނިކޮށް އަޅުގަނޑަށް މި މަގާމާ ހަވާލު ވެވުނީ،" އެފްއައިޔޫ ހަރުދަނާ ކުރަން ކުރެއްވި މަސައްކަތާ ބެހޭ ގޮތުން ދެއްކެވި ވާހަކަ ފައްޓަވަމުން ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އައިއެމްއެފްގެ އެހީ އެފްއައިޔޫ އަށް ހޯއްދަވައިދެއްވީ އޭގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެފްއައިޔޫ ހަރުދަނާ ކުރުމަށް އައިއެމްއެފްގެ ކޮންސަލްޓެންޓެއް ހޯދުމުން އޭނާގެ އެހީތެރިކަން އަޝްރަފް ބޭނުން ނުކުރެއްވި ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ހަމަ ތިން ހަތަރުމަސް ވެގެން ދިޔަ އިރު ވެސް އެޔަކަށް ވެސް އިޖާބައެއް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަޝްރަފް މަސައްކަތް ކުރައްވާ ގޮތް ބައްލަވައި ވަޒަންކުރައްވަން ފެއްޓެވީ ނަސީރު ވިދާޅުވި ގޮތުގައި އެ ހިސާބުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭންކްތައް މެދުވެރިކޮށް ނަގަމުން ދިޔަ އިރު އެކަން ހުއްޓުވުމުގައި އެފްއައިޔޫ ނުކުޅެދުނީ ކީއްވެތޯ މެމްބަރުން އަޝްރަފާ ވެސް ސުވާލު ކުރެއްވި އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެފްއައިޔޫ އަށް ބޭނުންވާ ރަނގަޅު ފެންވަރެއްގެ ޑާޓާބޭސް އެއް ގާއިމް ނުުކުރެވުނީ ބަޖެޓްގެ ތާށިކަމުން ކަމަށެވެ. އެކަމަކު ނަސީރު ވިދާޅުވީ އެމްއެމްއޭ އަށް ބަޖެޓްގެ ތާށިކަމެއް ނެތް ކަމަށާއި ދުނިޔޭގެ އެންމެ އަގުބޮޑު ޑާޓާ ބޭސް ގަންނަން އުޅުނު ނަމަވެސް ގަނެވުނީސް ކަމަށެވެ.

އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އަޝްރަފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނަސީރު ކުރެއްވި އަނެއް ތުހުމަތަކީ އެފްއައިޔޫގައި އަޝްރަފް އަދާކުރެއްވި މަގާމުން ވަކިކުރި ފަހުން ވެސް އެ ޔުނިޓްގެ މައުލޫމާތުތަކަށް އޭނާ ވެދެވަޑައިގަންނަވަމުން ދިޔަ ކަމުގެ ތުހުމަތެވެ.

"އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މިހާރު މިއޮތީ އަޝްރަފްގެ ބަޔާން ވެސް ނަގާފައި،" އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ ތުހުމަތުތަކެއް ކުރެވޭ އިރު އަޝްރަފް އަދިވެސް އެމްއެމްއޭގެ މަގާމެއްގައި ބަހައްޓާފައި ހުރީތީ ކީއްވެތޯ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ. ނަސީރު ވިދާޅުވީ އަޝްރަފަކީ އެފްއައިޔޫގެ ވެރިކައަށް ކަމުނުދިޔަ ނަމަވެސް އެމްއެމްއޭއިން ބޮޑު ހަރަދެއް ކޮށްގެން ތަމްރީނުކޮށްފައިވާ ބޭފުޅަކަށް ވާތީ އޭނާގެ ބޭނުން ހިފޭނެ މަގާމެއް ދެއްވީ ކަމަށެވެ.