ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް
23 ޖުލައި 2019 - 11:28
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު، އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބްދުﷲ އަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމަކީ ގާނޫނުއަސާސީން ގެއްލިފައިވާ ސިފައެއް އިއާދަކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީ އިން ބެލި އެއް ޝަކުވާއަކީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައެއްގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަ އެވެ. އިކްރާމްގެ މައްޗަށް ސާބިތުވި މައްސަލައިގެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުރިހާ ލިޔެކިޔުމެއް ސުޕްރީމް ކޯޓުން ނެގި އެވެ. އެކަމަކު، ހުރިހާ ލިޔެކިޔުމެއް ނަގައިގެން ގޮސް، ސުޕްރީމް ކޯޓުން ފަހުން އަމަލު ކުރި ގޮތެއް ސާފެއް ނުވެ އެވެ.
މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކުށުގެ ތުހުމަތުން ބަރީއަވުމަށް އަސާސީ ހައްގުގެ ތެރޭގައި ކޮންމެ ރައްޔިތަކަށް ތިން ފުރުސަތެއް ލިބިގެންވާ ކަމަށެވެ. އެއީ، ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ދަށު ކޯޓަކާއި ހައި ކޯޓާއި ސުޕްރީމް ކޯޓެވެ. ކޮންމެ ކޯޓެއްގައި ވަކާލާތު ކުރުމުގެ ފުރުސަތު އަދި ކުށުގެ ތުހުމަތުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިހެން މިކަން އޮއްވައި ދަށު ކޯޓެއްގައި އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދިޔައީމަ، ގާނޫނުއަސާސީގެ މި ދެންނެވި އާންމު އުސޫލާ ހިލާފުވޭ،" ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ގާނޫނުއަސާސީގައި ބޭނުން ކުރާ ވަރަށް އާންމު އަސާސީ ހަމައެއް އެބައޮވޭ. އެއީ ރާއްޖޭގައި ވެސް ވަރަށް އަސާސީ ހަމައެއް. ރައިވެރިންގެ ދަރިންނަށް ވެސް ތިނެތިން އެކަތި އޮވެއޭ."
ނަޝީދު ވިދާޅުވި ގޮތުގައި އެއް ފަނޑިޔާރަކު ކަމެއް ނިންމަވަމުން ދަނިކޮށް އެކަމުގެ ތެރެއަށް އެހެން ފަނޑިޔާރަކަށް ވަދެވަޑައެއް ނުގަންނެވޭނެ އެވެ. އެހެންވެ، ސިވިލް ކޯޓުގައި އޮތް މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ޖޭއެސްސީން ކަނޑައަޅައި، އެކަމުގެ ރިޕޯޓު އެ ކޯޓުގެ ތިން ފަނޑިޔާރުންނަށް ވަނީ ފޮނުއްވައިފަ އެވެ.
"ގާނޫނުއަސާސީގެ އެންމެހާ އުސޫލުތައް އަލުން އިއާދަކުރުމަށް މި މަޖިލިސް އެދޭ. އެ މަސައްކަތް ޖޭއެސްސީން ކުރަމުން ދަނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި އިއްޔެ ޖޭއެސްސީން އެ އިއާދަކޮށްދިނީ ގާނޫނުއަސާސީގައި އޮތް މުހިންމު އުސޫލެއް،" ނަޝީދު ވިދާޅުވި އެވެ.
ފަނޑިޔާރުންނާ ބެހޭ ގޮތުން ހުށަހަޅާފައިވާ ދެ ޝަކުވާއަކީ ކޮބައި ކަމެއް ޖޭއެސްސީ އަކުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް މި ފަނޑިޔާރުންނަކީ، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި، އޭރު ޖަލުގައި ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންނާއި އިތުރު އެތައް ބަޔަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ފަހުން ބާތިލްކުރެއްވި ބޭފުޅުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަބްދުﷲ ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން، ޖޭއެސްސީގައި މައްސަލަ ބެލި ކޮމިޓީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
23 July 2019
ސްޕްރީމް ކޯޓަށް 7 ފަނޑިޔާރުން ހަމަކުރަން އިތުކުރެވޭ ދެ ފަނޑިޔާރުންނަކީ އަބްދުﷲ ގާޒީ އާ ބާރީ ގާޒީ ކަމަށް ވެއްޖިއްުޔާ "އެޖެންޑާ19" ފުރިހަމަވެ އިތުރުވެސްވީ އޭރުން ހަމަ ގައިމުވެސް އެޖެންޑާ19 ތަފާތުކަން ރައްޔިތުން ގަބޫލުކުރާނެ.
ޙަމް
23 July 2019
60 ގޮނޑިއާ ވެރިކަންދިނީ ކުރީގަވެސް ތިބިމީހުންނަށް ނަސޭހަތުގެ ބަސްކޮޅެއް އިއްވަދީފަ ފަރުޖައްސާކަށް ނޫން. މީހުން ބުނަނީ ތެދެެއް. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ވަރުގަދަ މީހުންނަކާ ނުކުޅެވޭނެ.
ނެގުނުކަތީބު
23 July 2019
އެސީފަ ކީއްވެތޯ އިހަކަށްދުވަހު ވަކިކުރި ކުޑަ ފަނޑިޔާރަށް ނުދެއްވީ؟ އެބޭފުޅާއަށްވެސް އެ ސިފައިގެ ދަށުން ނަޞޭޙަތް ދެއްވާ އިޞްލާޙުވާން ފުރުޞަތު ދޭންޖެހޭނެ ނޫންތޯ؟ ހުރިނަމަ ހުރި ތަފާތަކީ އެ ކުޑަފަނޑިޔާރަކީ މަނިކުފާނުމެންފަދަ ބޮޑުންގެ ކަންކަން ދެކޮޅަށް އަނބުރާލެވޭ ވަރުގެ ބޭފުޅަކަށް ނުވުން.
ނަބީލު
23 July 2019
ޖޭއެސްސީ ގާނޫނު އަސާސީ ގެބޭރުންކަންކަންކުރަމުން ދާ ކަމައް އެއބަސްވީ ..ޖޭއެސްސީ އުވާލާ ގާނޫނު އަސާސީ ހިލާފު ވި އެންމެން މަގާމުންވަކިކުރަން ޖެހޭ