ހައި ކޯޓު: ދޮންދަރިއާ ބެހުމުގެ ދެ ދައުވާއެއް ސާބިތުވި މީހަކު 30 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައި -- ފޮޓޯ/މިހާރު
23 ޖުލައި 2019 - 12:05
އެކި ފަހަރު މަތިން ދޮންދަރިއަކާ ބެހުނު މީހެއްގެ މައްޗަށް އިއްވާފައިވާ ބޮޑު ދެ ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ގއ. އަތޮޅަކުގެ ރަށަށް (އެ މީހާގެ ނަމާއި ރަށް ހިމަނާފައި ނެތީ އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށް) ނިސްބަތްވާ އެ މީހާ 2014 ވަނަ އަހަރު އެކިފަހަރު މަތިން އޭނާގެ 18 އަހަރުން ދަށުގެ ދޮންދަރިއަކާ ބެހުނު މައްސަލައެއްގައި ދެ ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް އުފުލައި، އެ ދެ ދައުވާ ވެސް ސާބިތުވި އެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ ވެސް ސާބިތުވުމުން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އެ މީހާ އަށް ޖުމްލަ 30 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ ކޮންމެ ދައުވާއަކަށް 15 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ދެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން އެއް ހުކުމް ހައި ކޯޓުން ކުރިން ދަމަހައްޓާފައިވާއިރު، ދެވަނަ ހުކުމް ވެސް ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ދަމަހައްޓައިފަ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޖިންސީ އަމަލު ހިންގާފައިވަނީ އެންމެ ކުއްޖަކާ މެދު ކަމަށް ވިޔަސް، ޖިންސީ ނިޔަތެއް އޮވެގެން ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގާ ކޮންމެ ފަހަރަކީ ވެސް ވަކި ކުށެއް ކަމަށް ބެލެވޭނެ ކަމަށާއި އެ ހާލަތުގައި އެ އަމަލު ހިންގީ ތަފާތު ދެ ކުއްޖަކާ މެދު ކަމަށްވުން ލާޒިމްނުވާ ކަމަށެވެ. އަދި އެ މައްސަލާގައި އެކިފަހަރު މަތިން އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގި ކަން އެނގެން އޮތުމުން އެއިން ކޮންމެ ކަމަކަށް ވަކިވަކިން ދައުވާ ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މީހާ އެ ކުއްޖާއާ ބެހެމުން އަންނަ ކަމަށް އެ ކުއްޖާގެ ދައްތަގެ ގާތު ކިޔައިދީފައިވާ ކަމަށާއި އަދި އެކަން ފުލުހުންނަށް އެ ކުއްޖާ ކިޔައިދިނީ ވެސް އެ ހާދިސާ ހިނގިތާ ދިގު މުއްދަތެއް ފާއިތު ނުވަނީސް ކަމަށް އެ ހުކުމުގައިވެ އެވެ. އެފަދަ އަމަލެއް ކުއްޖަކާ މެދު ހިންގޭ ފުރަތަމަ ފަހަރު އެ ވާހަކަ ކިޔައިދީފައި ނެތަސް، ސިލްސިލާ ގޮތެއްގައި އެފަދަ ކަމެއް ތަކުރާރުވަމުންދާ ހާލަތުގައި ފަހުން ކިޔައިދޭ ކިޔައިދިނުމުގައި އެ ވާހަކަ ގެނެވިދާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް އުފައްދައިގެން އެ މީހާއާ ބެހޭގޮތުން އެ ކުއްޖާ ދައްކަންޖެހޭ ނުވަތަ ދައްކަފާނެ ސަބަބެއް އެ މައްސަލާގައި ފެންނާކަށް ނެތެވެ. އަދި ޑޮކްޓަރުގެ ލިޔުންތަކުގައި، އެ ކުއްޖާ އަށް ލިބިފައި ހުރި ކަމަށް ފާހަގަކުރާ ޖިންސީ އަނިޔާތަކާއި އެ ކުއްޖާ ތަހުގީގަށް ކިޔައިދިން ވާހަކަތައް ދިމާވާ ކަމަށް އެ ހުކުމުގައިވެ އެވެ. މީގެ އިތުރުން އެ ކުއްޖާ އަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކަކީ ޖިންސީ ގޯނާގެ ސަބަބުން ކޮށްފައިވާ އަސަރުތަކެއް ކަމަށް އެ ކުއްޖާއާ އިންޓަވިއުކުރި ސޯޝަލް ވޯކަރުގެ ބަހުން ވެސް އެނގެން އެބައޮތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ކުޑަކުދިންނާ މެދު ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ކުށް ސާބިތުވާނެ ކަމަށް ބުނާ މިންގަނޑުގައި ބަޔާންކުރާ އަދަދަށް އެ މީހާއާ ދެކޮޅަށް ހެކި ލިބިފައެއް ނެތެވެ. އެކަމަކު ޖިނާއީ ކުށް ސާބިތުކުރާ އާންމު މިންގަނޑުން ބަލާއިރު އެ މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.
ކުޑަކުދިންނާ މެދު ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ މިންގަނޑުގައި ބަޔާންކުރާ އަދަދަށް އެ މީހާއާ ދެކޮޅަށް ހެކި ނެތް ކަމަށް ހައި ކޯޓުން ނިންމީ އެ މީހާއަކީ ކުރިން ވެސް އެފަދަ އަމަލެއް ހިންގި މީހެއް ކަމަށް ދަށު ކޯޓުން ބަލާފައި އޮތުމުންނެވެ. ދޮންދަރިއާ ބެހުނު މައްސަލާގައި އެ މީހާ އަށް ދަށު ކޯޓުން ދެ ހުކުމް ވެސް އިއްވީ އެއްކޮށް ހިންގި ޝަރީއަތެއްގައި ކަމަށްވާތީ އޭގެ ތެރެއިން ފުރަތަމަ ސާބިތުވީ ކޮން ދައުވާއެއް ކަން އެނގެން ނެތުމުން ހައި ކޯޓުން ނިންމީ އޭނާއަކީ ކުރިން އެފަދަ އަމަލެއް ހިންގި މީހެއް ކަމަށް ދަށު ކޯޓުން ބަލާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅި
23 July 2019
ޔަގުސަތުކާރުގަ ނަމަ ތި މީހާ ސަލާމަތްވާނެ، ޖުޑިސަރީ އެބަ ރަނގަޅުވޭ،
ޢަބްދުﷲނާފިޒް
23 July 2019
ކޮބާތަ އެއްކަލަ އެއްބަނޑު ތިން ކުދިންނާ ބެހުނު ބޭގަނޑު، ހަމަ މަކަރާ ޖަހައިގެން ދުނިޔެ ކާލަކާލަ ހުރީ އުތަ، "މިހާރު" ބަލާދީބަލަ އެކަންތައް ގޮސްފަ އޮތް ހިސާބެއް، އެބޭ އިނދެދާނެ މީހުންގެ ސައިކަލުފަހަތުގަ ބުރު ޖަހާލަ ޖަހާލަވެސް.
މަރޭމިތުރު
23 July 2019
ވަރިގިނަވާ މައްސަލައަށް ހައްލެއް ނައަންނަނީހޭ! ދަރިންނަށް ލިބޭ އަނިޔާ މިކަމާއި ބަލަ ނުގުޅެނީހޭ!...................... ރާއްޖޭގައި ވަރިގިނަވާ މައްސލަހައްލުކުރާނެ އެއްވެސް މުދީރަކުނުވި. ވަރިގިނަވުމަކީ އެތައް އެތައް މައްސަލަތައް ކުދިންނަށް ދިމާވާނެ މައްސަލައެއް. މިކަން ހައްލުކޮށްދެވޭނެ ފިކުރެއް ރާއްޖެއަކުނެތް.
މަގުފުޅާޓިނު
23 July 2019
މަރޭމިތުރު އެކަމާ ނޫޅެ ޒިންމާއިން ރެކިގެން ގޮސް އިންޑިއާގަ ހުރެގެން ތިހެން ކިޔަސް ކެއްކޭ ޑޮންޑޮނެއް ނެތޭ.
ަސފަ
23 July 2019
2014 ވަނަ އަހަރު ކުރި ކުށަކަށް ހުކުމް ނުކުރެވި ފަސް އަހަރު. އިންސާފް ނުލިބި ލަސްވުމަކީ އިންސާފު ނުލިބުން،
ބުރުގާ
23 July 2019
ކޮން 30 އަހަރެކޭ ކިޔާކައް.... 3 މަސް ނުވަނީސް ތި އިފުރީތު ދޫކޮއްލާނެ.
އައްޑޫ ބެއްޔާ
23 July 2019
ދެކުނު ރަށެކޭ، އުތުރު ރަށެކޭ ކިޔާކަށް ނުޖެހޭ މިހާލަތުގަ. ރާއްޖޭގެ ހައިކޯޓުން އެއޮތީ ދަށު ކޯޓުގެ ޙުކުމް ދަމަހައްޓާފަ. ދެން ނަމާއި އެޑްރެހާއި ފޮޓޯ ލިސްޓްގައި ހިމަނާ، ލިސްޓް އަޕްޑޭޓްކުރަންވީނުން
ޢަބްދުﷲނާފިޒް
23 July 2019
"އެ މީހާގެ ނަމާއި ރަށް ހިމަނާފައި ނެތީ އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށް"
ބަންދޭ
23 July 2019
ދެކުނުގެ ރަށެކޭ ބުނީމަ އަހަރެންގެ އަތޮޅުވެސް ބަދުނާމުވޭ ވަކިރަށެއް ނުބުނެވެނީ ކީއްވެ.
ވޭސް
23 July 2019
އާނ އެކޭ. ދޮން ބައްޕައެއް. އޭރުން މަވެސް ބަދުނާމުވޭ. އަނެއްކާ މިރަށްވެސް. ދެރަކަމެއް ނުންމިވެސް ދެން.