ފެންނަން ހުރި ރެކޯޑަށް މަޖިލީހަށް ދިނީ ތެދު މައުލޫމާތު: ބީއެމްއެލް

އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތަކާ ގުޅިގެން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހަށް ދެއްވީ ތެދު މައުލޫމާތު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ބުނެފި އެވެ.


އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލް އަށް ކުރި ތުހުމަތުތަކާ ގުޅިގެން ޝަރީފް މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އޭނާ ދޮގު ހެއްދެވި ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހުން ފުލުހުންނަށް ހުށަހެޅި އެވެ. އެއާ އެކު، ބައެއް ވާހަކަތައް ސާފުކޮށްދެއްވަން ޝަރީފް އެދިވަޑައިގަތުމުން، އެ މައްސަލަ އަނބުރާ ގެނައުމަށް ނިންމި އެވެ. އެކަމަކު މަޖިލީހުގެ އެ ނިންމުން ބަދަލުކުރާނެ ކަމުގެ އިޝާރާތެއް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ދެއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީ އަށް ޝަރީފް އޮޅުވާލާފައި އޮތް ކަން މިހާރު ސާފުވެފައިވާ ކަމަށާއި އެހެންވެ، އޭނާގެ މައްސަލަ އަނބުރާ ފުލުސް އޮފީހުން ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފަ އެވެ. "ނޮޓް ނެގޯޝިއަބްލް" ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިއެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ބީއެމްއެލް އިން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ބީއެމްއެލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާލިއްޔަތު ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ވެސް ބޭންކުން މައުލޫމާތު ދީފައި ވަނީ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފް އެކައުންޓަށް ޖަމާކުރި ގޮތާ ބެހޭ ގޮތުން ބޭންކްގެ އިންޓާނަލް އޮޑިޓެއް ކުރީ ވެސް ބޭންކްގައި ހުރި ރެކޯޑުތަކަށް ބަލައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލުން ބުނިގޮތުގައި ޗެކު އިމޭޖިން އެންޑް ޓްރާންސެކްޝަންގެ ދަށުން ޗެކު ކްލިއަރެންސް 2016 ގައި ފެށުމާ ހަމައަށް އެ ބޭންކުގެ އެކައުންޓްތަކަށް ޖަމާކުރާ އެހެން ބޭންކްތަކުގެ ޗެކުތައް އަދި ޗެކުތަކުގެ އިމޭޖަކީ ވެސް ބޭންކުގެ ރެކޯޑުގައި ބަހައްޓާ އެއްޗެއް ނޫނެވެ. ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެ ޗެކަށް ފައިސާ ދޫކުރާނީ ވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުން ކަމަށް ބަޔާނުގައިވެ އެވެ.

އެފަދަ ޗެކުތަކުގެ ރެކޯޑު ވެސް ހުންނާނީ އެ ބޭންކެއްގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"އެހެންކަމުން މި މައްސަލައިގައި ހިމެނޭ އެފަދަ ޗެކުތަކުގެ ކޮޕީ ހޯދުމަށް މި ބޭންކުން ވަނީ އެހެން ބޭންކްތަކުގައި އެދިފަ އެވެ،" ބަޔާނުގައި ވެ އެވެ.

ބީއެމްއެލް އިން ބުނީ މާލިއްޔަތު ކޮމިޓީ އަށް މައުލޫމާތު ދީފައި ވަނިކޮށް، އެސްއޯއެފްގެ އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރި އެހެން ބޭންކްތަކުގެ ޗެކުތަކެއް ސަމާލުކަމަށް އައުމުން އިތުރަށް އެކަން މުތާލިއާ ކުރަން ފަށާފައިވާ ކަމަށެވެ.

ބޭންކުން ބުނިގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ސިޓީގައި އެއްވެސް ވަރަކަށް ބައުންސް ޗެކުތަކެއްގެ ވާހަކަ ބަޔާންކޮށްފައެއް ނުވާނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކަމާބެހޭ އިދާރާތަކަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާނެ ކަމަށް ބޭންކުން ބުންޏެވެ. އޭގެ ތެރޭގައި އެސްއޯއެފުން ފައިސާ ޓްރާންސްފާ ވެގެން ދިޔަ އެކައުންޓްތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތު ވެސް ހިމެނޭނެ ކަަމަށް ބީއެމްއެލް އިން ބުންޏެވެ.