ކަންފަތް ބީރުވި މައްސަލައިގައި 7 މިލިއަން ނަގައިދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސުޕްރީމް ކޯޓުގައި އެންމެ ފަހުން ސާބިތުވެ، ބަދަލަށް ހަތް މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.


މީގެ 11 އަހަރު ކުރިން، 2007 ވަނަ އަހަރު ގދ. ތިނަދޫ ހޮސްޕިޓަލަށް ހުން އައިސްގެން ގެންދިޔަ ތިން އަހަރުގެ ކުއްޖަކަށް އެ ހޮސްޕިޓަލުން ދިން ބޭހެއް ކަމަށްވާ ޖެންޓަމައިސިންގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ވަނީ ގެއްލިފަ އެވެ. އެ ކުއްޖާގެ ބައްޕަ އަހްމަދު އިހްސާން ދައުލަތާ ދެކޮޅަށް ދައުވާކުރި މައްސަލާގައި ޑޮކްޓަރުންގެ އިހުމާލެއް ނެތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން އެ މައްސަލަ ކާމިޔާބުވީ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހުކުމް އިއްވަވަމުން ވިދާޅުވީ ޖެންޓަމައިސިންއަކީ ފަރުވާތެރިކަމާ އެކު ދޭންޖެހޭ ބޭހެއް ކަމަށާއި ބަލަންވާ މިންވަރަށް ނުބަލައި، އެ ބޭސް ދީފި ނަމަ އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަން އެކްސްޕާޓް ޑޮކްޓަރުންގެ ބަހުން އެނގޭ ކަމަށެވެ. އެގޮތުން އެ ބޭސް ދިނުމުގެ ކުރިން ބަރުދަން ބެލުމާއި ބަލިމީހާގެ މައުލޫމާތު ބެލުމާއި އެ ބޭސް ދީގެން އެކަމެއް ރަނގަޅު ކުރެވެން އޮތްތޯ ޑޮކްޓަރުން ބަލަން ޖެހޭ ކަން އެކްސްޕާޓުން ބަޔާންތަކުން އެނގޭ ކަމަށް އުުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެކަމަކު އެ ކުއްޖާ އަށް ޖެންޓަމައިސިން ދިނުމަށް ޑޮކްޓަރުން އިިރުޝާދު ދިނީ އިންފެކްޝަނެއް އެ ކުއްޖާގެ ކިބައިގައި ހުރިތޯ ބެލުމަށް ޓެސްޓްތައް ހެދުމެއް ނެތި ކަމަށާއި އަދި އެފަދަ ޓެސްޓެއް ހެދުމަށް ވެސް ޑޮކްޓަރުން އިރުޝާދު ދިން ކަން އެނގެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ބޭސް ދިނުމުގެ ކުރިން އެއިން ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު އެ ކުއްޖާގެ ބެލެނިވެރިންނަށް ދީފައި ނެތް ކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެ ބޭސް ދިނުމުގެ ކުރިން ބަލިމީހާގެ ބަރުދަން ފަދަ ކަންކަން ބަލަންޖެހޭ ކަމަށް އެކްސްޕާޓް ޑޮކްޓަރުންގެ ބަހުން އެނގެން އޮތްއިރު، އެ ކުއްޖާއަށް އެ ބޭސް ދޭން ފެށުމުގެ ކުރިން ބަރުދަން ބަލާފައި ނެތް ކަން އެނގޭ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ކުއްޖާގެ ބައްޕަގެ ފަރާތުން މަޝްހޫރު ވަކީލް ޝާހީން ހަމީދު ވަކާލާތު ކުރެއްވި އެ މައްސަލާގައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖެންޓަމައިސިން ރަނގަޅަށް ދޭ ހާލަތުގައި ވެސް ވަކި ޖީނަކަށް ނިސްބަތްވާ މީހުންނަށް އެ ބޭހުގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް އެކްސްޕާޓް ޑޮކްޓަރުން ބުނެފައި ވިޔަސް، އެ ކުއްޖާއަކީ އެ ޖީނަށް ނިސްބަތްވާ ކުއްޖެއް ނޫން ކަމަށް އެ ކުއްޖާގެ ޑީއެންއޭ ތަހުލީލު ކުރުމަށް ފަހު ހަދާފައިވާ ޓެސްޓުން އެނގޭ ކަމަށެވެ.

އަހުމަދު އިހުސާން މީގެ އަހަރުތަކެއް ކުރިން އޭނާގެ ދަރިފުޅު އިޔާންއާ އެކު (ކ) އަދި އިޔާން ކުޑައިރު: މިހާރު އުމުރުން 15 އަހަރުގެ އިޔާން ތިން އަހަރުގައި ދެ ކަންފަތުގެ އިވުން ގެއްލުނު

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔައިރު އިވުމުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަނުވާ ކުއްޖެއްގެ ދެ ކަންފަތުގެ އިވުން އެއްކޮށް ގެއްލިގެން ދިޔައީ ޖެންޓަމައިސިން ދިނުމުގައި ޑޮކްޓަރުން އިހުމާލުވުގެ ސަބަބުން ނޫން ކަން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނެތެވެ. އަދި އެ ކުއްޖާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން އަމަލުކުރީ އެފަދަ ކަމެއްގައި ޑޮކްޓަރުން އަމަލުކުރާ ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ލިޔުންތަކަށް ހުރީ ބަދަލު ގެނެސްފައި، ފަރުވާ ދިން މީހުންގެ ވާހަކަތައް ފުށުއަރާ

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ފަރުވާ ދިނުމާ ގުޅޭގޮތުން ތިނަދޫ ހޮސްޕިޓަލްގައި ހުރި ލިޔުންތަކަށް ބަދަލު ގެނެސްފައިވާ ކަން ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން އެނގެން އޮތް ކަމަށެވެ. އެ ކުއްޖާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން އަމަލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް އެކްސްޕާޓް ޑޮކްޓަރުން ބުނެފައި ވިޔަސް، އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެކްސްޕާޓުންގެ އެ ނިންމުން ބިނާ ކޮށްފައިވަނީ ބަދަލު ގެނެސްފައި ހުރިކަން ސާބިތުވާ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ އެ ކުއްޖާއަށް އެ ބޭސް ދިނީ ރަނގަޅަށް ބެލެވޭކަށް ނެތެވެ.

މީގެ އިތުރުން އިހުމާލެއް ނެތްކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި އެ ކުއްޖާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަހުގައި ވެސް ފުށުއެރުންތައް ހުރި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ފަރުވާ ދިނުމުގައި އިހުމާލުވެއްޖެ ނަމަ، ޒިންމާ އުފުލަން ޖެހޭނެ

މެޑިކަލް ނެގްލިޖެންސާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ނިންމި އެ މައްސަލާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ޑޮކްޓަރުންނަކީ އެކަމުގެ ޚާއްސަ އިލްމު ހާސިލްކޮށްގެން އަދި ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކޮށްގެން ފަރުވާ ދޭ ބަޔަކަށް ވާއިރު، ފަރުވާ ދިނުމުގައި ޑޮކްޓަރަކު އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އެ ޑޮކްޓަރު ނުވަތަ އޭނާ ނިސްބަތްވާ ސިއްހީ ފަރުވާ ދޭ މަރުކަޒުން އުފުލަން ޖެހޭނެ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ފަރުވާ ދިނުމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތު ކުރުމަށް ތިން ރުކުނެއް ފުރިހަމަވާން ޖެހޭނެ އެވެ. އެއީ ފަރުވާ ދިނުމަށް ޑޮކްޓަރުގެ މައްޗަށް ވާޖިބެއް (ޑިއުޓީ އޮފް ކެއާ) އޮތުމާއި ފަރުވާ ދިނުމުގައި އަމަލުކުރި ގޮތުން ބަލި މީހާއަށް ގެއްލުމެއް ލިބިފައިވުމާއި ޑޮކްޓަރު ކުރި އަމަލާއި ބަލި މީހާއަށް ލިބުނު ގެއްލުން ސަބަބުގެ ގޮތުން ނުވަތަ ނަތީޖާގެ ގޮތުން ގުޅިފައިވުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ރުކުންތައް ފުރިހަމަވާ ނަމަ، އިހުމާލުވި ޑޮކްޓަރު ނުވަތަ އެތަނަކުން އެކަމުގެ މަދަނީ މަސްއޫލިއްޔަތު މަދަނީ އާންމު އުސޫލުގެ ތެރެއިން އުފުލަން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެ މައްސަލާގައި އެ ކުއްޖާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެފައި އޮތުމުން އެކަމުގެ ޒިންމާ އެ ހޮސްޕިޓަލް ހިންގަމުންދާ ދިވެހި ދައުލަތުން އުފުލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލަށް ހަތް މިލިއަން އެކަށީގެންވޭ

ފަރުވާ ދިނުމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވާތީ އެކަމުގެ ބަދަލު ނަގައިދޭން ޖެހޭނެ ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެގޮތުން ނަގައިދޭ ބަދަލަކީ ލިބުނު ގެއްލުމަށް ބަލާއިރު އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ބަދަލަކަށް ވެގެން ނުވާނެ އެވެ. އެކަމަކު އެ މައްސަލާގައި ނަގައިދޭން އެދިފައިވާ 7.1 މިލިއަން އަކީ އެކަށީގެންވާ ބަދަލެއް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އެއްބަސްވެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެގޮތުން ދެ ކަންފަތުގެ އިވުން ގެއްލިފައިވާތީ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީ ކަންފަތުގައި ބޭނުން ކުރަން ޖެހުމާއި ކޮންމެ ހަ މަހަކުން އެކަމަށް ޚަރަދު ކުރަން ޖެހުމާއި އެކަމަށް ރާއްޖެއިން ބޭރުގައި ތިބެގެން ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލުތައް ހުށަހަޅާފައިވާއިރު، އަދި އެ ކުއްޖާ އަށް ލިބިފައިވާ ނަފްސާނީ ގެއްލުމާއި ދިރިއުޅުމުގެ ބާކީ އޮތް ބައިގައި ބަައެއް ފުރުސަތުތައް ގެއްލިގެން ގޮސްފައިވާތީ އެ ހުރިހާ ކަންކަމަށް ބަލާއިރު، 7.1 މިލިއަން ރުފިޔާއަކީ އެކަށީގެންވާ ބަދަލެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިހުމާލުވިކަން ސާބިތުނުވާ ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ގެއްލުމުގެ ބަދަލަށް 7.1 މިލިއަން އެ ކުއްޖާގެ ބައްޕައަށް ދޭން ދައުލަތުގެ މައްޗަށް ހުކުމް ކުރައްވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.