ފަސް މެމްބަރަކަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ފަސް މެމްބަރަކަށް ސިފައިންގެ ސެކިއުރިޓީ ދޭން ފަށައިފި އެވެ.


މަޖިލީހުގެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ފަސް މެމްބަރުން ސެކިއުރިޓީ އަށް އެދިވަޑައިގަތުމުން އެ ބޭފުޅުންނަށް މިހާރު އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަމަކު، ސެކިއުރިޓީ ދެމުން އަންނަނީ ކޮން މެމްބަރުންނަކަށް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މެމްބަރުންގެ ސަލާމަތީ ކަންކަން ސިފައިން ބަލަހައްޓަން ފެށީ އެ ބޭފުޅުންނަށް ބަޔަކު ބިރު ދައްކައި އިންޒާރު ދީފައިވާތީ އެވެ.

"މަޖިލިހުގެ މެމްބަރުން އެކަން އެންގެވީމާ އަޅުގަނޑުމެން ހުށަހެޅީ އެމްއެންޑީއެފަށް. އެމީހުން ހަދަން ޖެހޭ އެސެސްމަންޓްތައް ހަދާފައި މެމްބަރުން ސެކިއުރިޓީ އެ ދެނީ،" ޒިޔާއު ވިދާޅުވި އެވެ.

މިއީ 19 ވަނަ މަޖިލިހުގެ މެމްބަރުންނަށް ސެކިއުރިޓީ ދޭން ފެށި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ބައެއް މެމްބަރުންނަށް މަރުގެ އިންޒާރު ދިން މައްސަލަތަކުގައި ސެކިއުރިޓީ ފޯރުކޮށްދީފައި އެބަހުއްޓެވެ. އަދި ބައެއް މެމްބަރުންނަށް މަރުގެ އިންޒާރު ދިން މީހުން ދެނެގަނެވިފައިވާ ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.