ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވާހަކަ ދައްކަވަނީ. ޑީއާރުޕީ އަށް ރަން ޒަމާނެއް އައިސްފައި އޮތް ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: މަޖިލިސް
07 އޯގަސްޓް 2019 - 18:40
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) "ކޯމާއެއްގައި" އޮއްވައި ޕާޓީ އަށް ރަން ޒަމާނެއް އައިސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ވެގެން ދާނެ ކަމަށް ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖާބިރު ވިދާޅުވީ ޑީއާރުޕީގެ އިތުބާރު ގެއްލި މަޑުޖެހިފައި އޮތް އޮތުމަށް ނިމުމެއް އައިސް، އާ ލީޑަޝިޕާ އެކު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި ޑީއާރުޕީ ވަރަށް އަވަހަށް ތަމްސީލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ
އެގޮތުން އަމިއްލަ ގޮތުން ހޮވުނު ގިނަ މެމްބަރުން ޑީއާރުޕީއާ ގުޅެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަށް މެމްބަރަކު ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެކަމަކު މަޑުކޮށްލައިގެން ހުންނެވީ ރަނގަޅު އަދަދަކާއި ބޮޑު ރަސްމިއްޔާތެއް ބާއްވައިގެން އެކަން ކުރަން ޑީއާރުޕީން ބޭނުންވާތީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު މިއަދު ވެސް ވިދާޅުވި ގޮތުގައި ޑީއާރުޕީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. އަދި ސަރުކާރުން ގޯސް ކަމެއް ކުރާ ނަމަ، ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބޭ މެދު މިންގަނޑެއްގެ ޕާޓީއެއްގެ ގޮތުގައި މި ޕާޓީ އޮޕަރޭޓް ކުރާނީ،" ޑީއާރުޕީ ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީ އަށް ހަދަން ޖެހޭނީ ދައުލަތުގެ ބަޖެޓު މެދުވެރިކޮށް ތިނެއް ނޫނީ ހަތަރު މިލިއަން ރުފިޔާ ހޯދާކަށް ނޫނެވެ. ޕާޓީއެއް ހަދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށާއި ޑީއާރުޕީގެ ލީޑަޝިޕަށް ވަޑައިގެންނެވީ އެކަމުގައި ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އަދި ޑީއާރުޕީން ސަރުކާރު ވައްޓާލަން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަމުގައި ނުހުއްޓާނަން. ދާ ގޮތަށް ގޮސް 2023 ވަނަ އަހަރުގެ (ރިޔާސީ) އިންތިހާބުގައި ޑީއާރުޕީން ބޭފުޅަކު ނެރޭނަން. އެބޭފުޅަކު ނިންމާނީ ޑީއާރުޕީގެ މެމްބަރުން،" ޑީއާރުޕީގެ މެމްބަރުންގެ އަދަދު 80،000 އަށް އަރުވަން ބޭނުންވާ ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން ތަނަވަސްކޮށް، އުޅޭނެ ގައުމެއް ބިނާ ކުރުމަށްޓަކައި ޒިންމާދާރު ކަމާ އެކީގައި މަސައްކަތް ކުރާނެ ޑިމޮކްރަޓިކް ޕާޓީއެއް މި އުފަން ކުރެވެނީ،"
ޑީއާރުޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ޕާޓީއެއް ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި އާ ލީޑަޝިޕާ އެކު އެކިކަންކޮޅުތަކުގައި ތިބި ޕާޓީގެ މެމްބަރުން ހަރަކާތްތެރިވާން ފަށައިފި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑީއާރުޕީގެ މެމްބަރުން ކުރިން ކަމެއް ނެތި ހަމަ ތިބީ އެވެ.
ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް މިހާރު ވެސް އެބަ ކުރެއްވެ އެވެ. އަދި "ތޯތޯ" ވާހަކަ ނުދައްކަވާ ކަމަށާއި ރައްޔިތުންނަށް ލިބެން ޖެހޭ އެންމެ މަތީ މަންފާ ސަރުކާރުން ފޯރުނުކޮށްދޭ ނަމަ، ޑީއާރުޕީގެ އަޑު އުފުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޒާހަރާ ކުރަން ޖެހިއްޖެ ނަމަ ކުރާނަން. ޑީއާރުޕީ ހިންގުމުގައި މިހުރީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ތަޖުރިބާކާރު މީހެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެޑްވައިޒަރު ކަމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު ކަން ކުރެއްވި ޖާބިރު ވިދާޅުވި އެވެ.
ޑީއާރުޕީގައި 3000 މީހުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެ ޕާޓީ އަށް އަންގައިފަ އެވެ. ޑީއާރުޕީން މާދަމާ ހަވީރު މާލޭގައި ސައިކަލް ބުރެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި މެމްބަޝިޕް އިތުރު ކުރުމުގެ ގޮތުން ބޮޑު އީދު ބަންދު ތެރޭގައި ޓީމުތަކުން ރަށްރަށަށް ދަތުރުކޮށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ހިންގާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލެޓިނަމް
08 August 2019
ޑީއާރްޕީއަށް ރަންޒަމާނެއް އައިއިރު އަދި މައިނޯރިޓީ ޕާޓީގެ ލަގަބުވެސް ނުލިބި އޮތީމަ، މެޖޯރިޓީއަށްވާން ލައްކަ އަހަރު ނަގާނެ،
ރަށުމީހާ
08 August 2019
އަޅެ މީހަކުހައިރާންނެއް ނުވާނެތަ ތިއުޅެނީ ހުވަފެ ކޭބަލްކާރުދުއްވަންތަ. މިހާރު ދެން މާވަރަކައްވިއްޔާ ތިއިތުރުފުޅުހަދަނީ.
އަހުމަދުބޭ
08 August 2019
ޖާބިރުއެވެ، މޮޔަނުވާށެވެ، ތިޔަ ފެތިފައި އޮތް ބޯޓަށް އަރާނެ ރައްޔިތަކު މިތާކު ނެތެވެ، އެހެން ނަމަވެސް މަޖްލީހުން ދެތިން ކެނަގެނެވިދާނެ
ދިއްދޫ ސަމާ އާދަނު
08 August 2019
ޖާބިރު ހުރިއްޔާ ކުރިޔަށް ދާނެ
ހަކީމްބެ
08 August 2019
ދޮންކަލޯ... ތިޔަ އެރުނު އޮޑިއަކީ ވެހުނުހާ ވާރެއެއްގައި، ދިންހާ އަތްވެއްގައި އޮވެ އޮވެ ވީރާނާވެފަ އޮތް އޮޑިއެއް. "ޑީއާރުޕީ" ގެ ނަން (3 އަކުރު) ޖަހާލާނެ ތަންކޮޅެއްވެސް އޮޑީގައި ސަލާމަތުން ނެތް. ޑީއާރުޕީއޭ ކިޔުނު އޮޑިއަކީ ކުރީގެ ރައީސް މައުމޫނު ފަރުމާކުރެއްވި އޮޑިއެއްކަމުން، ކާނަލް ނަޝީދު އެ އޮޑީގައި އިން ނަންބޯޑު ނަގައި، ބަންގާޅުފޮއްޓަކަށް ލައިގެން ގެންގުޅުނުކަމުން އެ ނަންބޯޑުވެސް އެ ފެންނަނީ. މި ދެން ލައްކަ ވާހަކަ.
ކުމާރު
07 August 2019
ކަލޭދައްކާ ވާހަކައަށް ކޮމެންޓް ކުރުމަކީވެސް އިސްރާފެއް.
ބަބޫ
07 August 2019
ތީ ކްލަބް ވެެލެންސިޔާގެ ދުވަސްދުއްވާލި މީހާ! ޑީ.އާރު.ޕީ ވެސް ފުނޑާލާނެ ކަން ޔަގީން
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
07 August 2019
އިސްޕިރީމް ކޯޓު އޮވަރހައުލް ކޮށް ބާރުގަދަ ކެމިކަލުން ދޮވެ ސާފުކޮށް ނިމުމުން މަނިކުފާނުގެ މައްސަލަ ވަރަށް ބާރު ސުޕީޑުގައި ކުރިޔަށް ގެންދެވޭނެކަމަށް ވަނީ، ހިތްވަރުކުރޭ މީ ކީ ތޯ ތޯ ޚަބަރެއްނޫން
ރަންބުއްދި
07 August 2019
އައި ރަންޒަމާނުގައި ރަންޒަމާން އައި ރަން ކާށިދޫން ރަން ގޯތި ވިއްކި މީހުން ރަން ފައިސާކޮޅު ނުލިބިގެން ރަން ގޯތިތައް ރަނުން ރަޖިސްޓަރީ ނުކުރެވިގެން ރަންބުއްދިވެގެން މިހާރު އެއުޅެނީ ކޯޓުތަކުގައި.
ޢޙަމީދު
08 August 2019
ރަންބިސް ކުކުޅުހޯދަން,
ޓައްޕުސީދި
07 August 2019
ކާށިދޫ އަށްވެސް އޮތީ ރަންޒަމާން އައިސްފަ. މިހާރު ދަނޑުވެރިން މުދާކޮޅު ހިފައިގެން ބާޒާރަށް އަންނަނީވެސް ކޭބަލް ކާރުގަ.