ބޮޑު އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

މި އަހަރުގެ ބޮޑު އީދު ދުވަހު ހަވީރު މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށް، ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.


މާލެ ސިޓީ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހަކީ އަޟްހާ އީދަށްވެފައި، އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި ވިލިމާލޭގެ ހަވީރު 4:30 އިން ފެށިގެން 6:30 އަށް ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ މާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭ، ތޮއްޖެހިފައި އޮންނަ ތަނަކަށް ވާތީ، އެމީހުން ހިނގާބިނގާވެ އުޅުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށް ގިނަ ރައްޔިތުން އެދެމުން އަންނާތީ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެ ވަގުތުތަކުގައި ވެހިކަލްތައް ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށާއި އެ ގާނޫނާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.

ނަމަވެސް، އެވަގުތުތަކުގައި ސަލާމަތީ ބާރުތަކުން ބޭނުން ކުރާ އިންޖީނުލީ ވެހިކަލްތަކާއި އެމްބިއުލާންސާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކޮށްފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތާއި އެ ދުވަހު އެ ގަޑީގައި ދުއްވުމުގެ ހުއްދަ ދެވޭ ވެހިކަލްތަަކަށް އެ މަގުގައި ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިއުލާންގައި ބުންޏެވެ.

އާދިއްތަ ދުވަހު ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ ކުރި އިރު، އަތުގުޅައިލުމުގެ ހަރަކާތެއް ބޭއްވުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ ކުރި އެވެ. އަދި މިނިވަން ދުވަސް ފާހަގަ ކުރަން މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަވީރު ވެސް ވެހިކަލް ދުއްވުން މަނާ ކުރި އެވެ.