ޓެރަރިޒަމާ ދެކޮޅަށް އީޔޫ އިން 43 މިލިއަން ރުފިޔާގެ އެހީ ރާއްޖެ އަށް ދެނީ

ޓެރަރިޒަމާއި ހައްދު ފަހަނާޅައިދިއުން ހުއްޓުވަން ރާއްޖެ އިން ކުރާ މަސައްކަތުގައި އެހީވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 43 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.


ރައްޔިތުންގެ މަޖިލިހުގައި މިއަދު ތަގްރީރު ކުރައްވަމުން ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތަށް އިސްކަންދޭ ފަދަ އިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އީޔޫގެ އެއްބާރުލުން ވެސް ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

ޓެރަރިޒަމަކީ ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަށް އީޔޫއިން އަބަދުވެސް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ. އިންޑިއާގެ ކަނޑުގެ ސަލާމަތް ހޯދުމަކީ ވެސް ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީ ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: މަޖިލިސް

ޓެރަރިސްޓު ހަމަލާތަކާއި ހައްދުފަހަނާޅައި ދިއުން ހުއްޓުވުމުގެ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތުގައި އެހީވުމަށް 2.5 މިލިއަން ޔޫރޯ (ދެ މިލިއަން ޑޮލަރު) އީޔޫ އިން ދޭނެ ކަމަށް ވިދާޅުވި އެވެ.

އީޔޫ ހާރިޖީ ގުޅުންތަކާއި ސަލާމަތާ ބެހޭ ވެރިއަކަށް ހުންނެވި މުގްރީނީ ވިދާޅުވީ މަޖިލިހުގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އޭނާ އަށް ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށެވެ. ސިޔާސީ ހަޔާތް ފެއްޓެވީ އިޓަލީގެ ގާނޫނު ހަދާ މަޖިލިހުގައި ކަން ފާހަގަ ކުރައްވައި މުގްރީނީ ވިދާޅުވީ ގާނޫނު ހަދާ މަޖިލިސްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ތަފާތު އިހްސާސެއް ކުރެއްވޭ ކަމެއް ކަމަށެވެ.

"މިއީ ޑިމޮކްރަސީގެ ގެ. އަޅުގަނޑަށް އެނގޭ މަޖިލިހުގެ މެމްބަރުން ކޮންމެ ދުވަހަކު ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް،" ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މުގްރީނީ ވިދާޅުވި އެވެ.

މުގްރީނީ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ އަށް އެކަނި އޮތް ނުރައްކަލެއް ނޫނެވެ. ޔޫރަޕްގެ ގައުމުތަކަށް ވެސް އެކަމުގެ ނުރައްކާ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެޑްރިކާ މުގްރީނީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ތަގްރީރު ކުރައްވަނީ. --- ފޮޓޯ: މަޖިލިސް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެ އިން އަޅާ ފިޔަވަޅުތަކަކީ ހަމައެކަނި ގައުމުގެ ރައްޔިތުންނަށް ކޮށްދޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެއީ މުޅި ދުނިޔޭގެ މުޖުތަމައު އަށާއި އިންސާނިއްޔަތަށް ކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. .މޫސުމަށް އަންނަ ބަދަލުތަކެކޭ އެއްގޮތަށް ދުނިޔެ ހޫނުވުމަށް އަންނާތީ އެއީ ވެސް ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުގްރީނީ ވިދާޅުވީ ކުރިއަރަމުން އަންނަ ގައުމުތަކަށް އީޔޫން އެހީވުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން އައި ފަހުން ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގުޅުން އެތައް ގުނައެއް ބަދަހިވެފައިވާ ކަމަށް ވެސް މުގްރީނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވ ގޮތުގައި އީޔޫ އިން ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމު ކުރަން މަސައްކަތް ކުރާނެ އެވެ.