މަސްވެރިކަމުގެ ބިލުން ފުލުހުންނާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް!

މަސްވެރިކަމުގެ ބިލްގައި ފުލުހުންނާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ދޭން ސަރުކާރުން ހުށަހަޅައިފި އެވެ.


އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލްގައިވާ ގޮތުން މަސްވެރިކަން މޮނިޓަކޮށް ކޮންޓްރޯލް ކުރުމާއި ސާވޭލަންސްއާ ބެހޭ ނިޒާމެއް ހަދާ ތަންފީޒު ކުރަން ވާނެ އެވެ. އެ ނިޒާމު ތަންފީޒު ކުރުމުގެ ބާރު ދީފައި އޮތީ ފުލުހުންނާއި ކޯސްޓް ގާޑާއި ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ.

ރައްޔިތުންގެ މަޖިލިހުގައި ފުރަތަމަ ކިއުން އިއްވި ބިލަށް ދެން އޮންނާނީ ތަޅުމުގައި ބަހުސްކުރުމެވެ.

ބިލްގައިވާ ގޮތުން ކޯސްޓް ގާޑާއި ފުލުހުންގެ ކޮންމެ އޮފިސަރެއް ބެލެވޭނީ ބިލްގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އައްޔަންކޮށްފައިވާ ތަންފީޒީ އޮފިސަރެއްގެ ގޮތުގަ އެވެ. ބިލްގައި ބުނާ ގޮތުން ތަންފީޒީ އޮފިސަރުންނަށް ހުރަސް އެޅުމަކީ ވެސް ކުށެކެވެ. ތަންފީޒީ އޮފިސަރުންނަށް ހުރަސް އަޅާ ނަމަ، 200،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.

ކޯޓު އަމުރެއް ނެތި ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް!

ތަންފީޒީ އޮފިސަރުންނަށް ކޯޓު އަމުރަކާ ނުލައި ބައެއް ކަންކަން ކުރުމުގެ ބާރު ބިލުން ދީފައިވެ އެވެ. އެގޮތުން މަސްވެރިކަން ކުރާ ބޯޓު ފަހަރަށާއި މަސް ފެކްޓަރީތަކާއި އައިސް ޕްލާންޓްތައް ފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި ބަލައި ފާސްކޮށް މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ.

ކޯޓު އަމުރެއް ނެތި ބިލްގެ ދަށުން ފުރިހަމަ ވާން ޖެހޭ ލައިސަންސް ނުވަތަ އެފަދަ އެ ނޫން ވެސް ލިޔެކިޔުމެއް ދެއްކުމަށް އަންގައި އެފަދަ ލިޔެކިޔުމެއް ބަލައި ފާސްކުރުން ނުވަތަ ކޮޕީ ނެގުމާއި މަސް ބާނަން ބޭނުން ކުރާ ދާ ނުވަތަ އެ ނޫން ވެސް އާލާތެއް ދެއްކުމަށް އަންގައި ބަލައި ފާސްކުރެވިދާނެ އެވެ.

ގާނޫނާ ހިލާފަށް ބާނާފައިވާ މަސް، މީހުން ދިރިއުޅުމަށް ބޭނުން ކުރާ ތަނެއްގައި ފިޔަވައި، އެހެން އެއްވެސް ތަނެއްގައި ރައްކާކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ، ނުވަތަ އެފަދަ ތަނެއްގައި މި ބިލްގައި ބުނާ ކުށެއް ކުރަމުންދާ ކަން ނުވަތަ ކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ، އެފަދަ ތަނަކަށް ވެސް ކޯޓު އަމުރެއް ނެތި ވަދެ ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ.

ގެމަނަފުށީ މަސްވެރިން މަސްވެރިކަމުގައި: އާ ބިލްގައި ބޮޑެތި ޖޫރިމަނާތަކެއް ހިމެނޭ -- ފޮޓޯ: ގެމަނަފުށީ މަސްވެރިން/ފޭސްބުކް

މަސްވެރިކަމުގެ ބިލުގައި ބަޔާންކޮށްފައިވާ ގާނޫނާ ހިލާފު ކަމެއް ކުރަން ބޭނުންކުރާ އެއްގަމު އުޅަނދެއް ނުވަތަ އާލާތެއް ވެސް ކޯޓު އަމުރަކާ ނުލާ ހިފެހެއްޓުމުގެ ބާރު ބިލުން ވަނީ ފުލުހުންނަށް ދީފަ އެވެ.

ބިލްގައި ބުނާ ކުށެއް ކުރުމަށް ރާއްޖޭގެ އެއްގަމު ސަރަހައްދުތަކުގައި އެއްވެސް އުޅަނދެއް ބޭނުންކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ އެފަދަ އުޅަނދެއް، އޭގައި ހުރި އާލާތާއި މުދަލާ އެކު ކޯޓު އަމުރެއް ނެތި ފުލުހުންނަށް ހިފެހެއްޓިދާނެ ކަމަށް ވެސް ޝިފާއު ހުށަހެޅުއްވި ބިލްގައި ވަނީ ބުނެފަ އެވެ.

އެގޮތަށް ހިފަހައްޓާ އެއްގަމު އުޅަނދުތަކުގައި ކުށް ކުރި ކަމަށް ނުވަތަ ކުށް ކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން ތިބި ނަމަ ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންވެ އެވެ.

ބިލުން އެމްއެންޑީއެފަށް ލިބޭ ބާރުތައް

މަސްވެރިކަމުގެ ބިލުގައިވާ ގޮތުން ކޯސްޓް ގާޑްގެ ތަންފީޒީ އޮފިސަރުންނަށް ކޯޓު އަމުރަކާ ނުލައި ގިނަ ކަންކަން ކުރުމުގެ ބާރު ދީފައިވެ އެވެ. އެގޮތުން ބޭރުގެ މަސް ބޯޓެއް ނުވަތަ ދިވެހި މަސް ބޯޓެއް ނަމަ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ލިބެ އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުރި އެކުއަކަލްޗަ ފެސިލިޓީތަކަށް ވަދެ އެ ތަންތަން ފާސް ވެސް ކުރެވޭނެ އެވެ.

ކަނޑުގައި ދުއްވާ އުޅަނދެއް ނުވަތަ ކަނޑުގެ ސަރަހައްދުގައި އެއް ތަނުން އަނެއް ތަނުން ތަކެތި ގެންދިއުމަށް ބޭނުންކުރާ އުޅަނދެއްގައި މަސްވެރިކަމުގެ ބިލުގައި ހިމެނޭ ކަމަކާ ހިލާފުވެއްޖެ ނަމަ، ކޯޓު އަމުރަކާ ނުލައި އެ އުޅަނދަކަށް އެރުމާއި މުދާ ހިފެހެއްޓުމުގެ ބާރު ވެސް ސިފައިންނަށް ލިބިދެ އެވެ. ހިފަހައްޓާ މުދަލާއި ހައްޔަރުކުރާ މީހުން އެންމެ އަވަހަކަށް ފުލުހުންނާ ހަވާލު ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބިލުގެ ދަށުން ހިފަހައްޓާ މަސް ނުވަތަ އެ ނޫން ވެސް ތަކެއްޗަކީ ހަލާކުވެދާ ފަދަ ބާވަތުގެ އެއްޗެއް ނަމަ، ގަވައިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން ވިއްކާލެވިދާނެ އެވެ.

މަސްވެރިންތަކެއް ދޯނީގައި ތިބެގެން މަސް ކަނޑަނީ --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބިލްގައި ބުނާ ބައެއް ކުށްތަކުގެ ތެރޭގައި މިނިސްޓްރީން ދޫކުރާ ލައިސަންސް ނެތި ނުވަތަ ލައިސަންސްގެ ޝަރުތުތަކާ ހިލާފަށް މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. އެ ކުށް ކުރި އުޅަނދުގެ މާސްޓަ އަދި އޮޕަރޭޓަރު ހިމެނޭ ގޮތަށް ކޮންމެ މީހަކު ވަކިވަކިން 400،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ.

ގަވައިދާ ހިލާފަށް އެހެން ފަރާތެއް ލައްވައި މަސްވެރިކަން ކުރުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކުށް ކޮށްފި ނަމަ 200،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިނަމާ ކުރެވޭނެ ކަމަށް ބިލުގައި ވެ އެވެ.

ލައިސަންސެއް ނެތި އަދި ލައިސަންސްގެ ޝަރުތުތަކާ ހިލާފަށް މަސް ޕްރޮސެސް ކުރާ ތަނެއް ނުވަތަ އޮފްޝޯ ޕްލެޓްފޯމެއް ނުވަތަ އައިސް ޕްލާންޓެއް ގާއިމު ކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކުރާ މީހަކު 400،000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.