ރާއްޖޭގެ ރީތި ކަމަށް ވުރެ ދިވެހި ފުލުހެއްގެ ހިތްހެޔޮކަން މާ ބޮޑު!

ރާއްޖެ އައި ޗައިނާ ޓޫރިސްޓެއްގެ ޕާސްޕޯޓް ގެއްލުމުން އޭނާއަށް އެހީތެރިވާން ދިވެހި ފުލުހަކު ހޭދަކުރި ވަގުތާއި ހިތްހެޔޮކަމަށް ތައުރީފްކޮށް، ސިޓީއެއް ފޮނުވައިފި އެވެ.


ގުއި ޗުންމެއި ނަމަކަށް ކިޔާ އަންހެން ޓޫރިސްޓް ފޮނުވި ސިޓީގައި ސިފަކޮށްފައިވާ ގޮތުގައި "ރާއްޖޭގެ ރީތިކަމަށް ވުރެ އޭނާގެ ޝައުގުވެރިކަން އަތުލީ ފުލުސް މީހާގެ ހިތްހެޔޮކަމެ"ވެ.

އެ ސިޓީ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް ވަނީ ޓްވީޓް ކުރައްވައި ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ މަހުގެ 17 ގައި ރާއްޖެ އައި ޗުންމެއިގެ ޕާސްޕާޓް ގެއްލުނީ ފްލައިޓް ތެރެއަށެވެ. އެ ދުވަހު ހަވީރު ފަހެއް ޖެހިއިރު ދިވެހި ފުލުހުންނަށް އެކަން ހުށަހެޅުމުން އެ މައްސަލަ ބަލާފައިވަނީ، ސިޓީގައި ލިއެފައިވާ ގޮތުގައި، ޝިފާޒް ނަމަކަށް ކިޔާ ފުލުހެކެވެ.

އެ ފުލުސްގެ ފުރިހަމަ ނަމަކީ ސާޖަންޓް އިސްމާއިލް ޝިފާޒެވެ.

ޗުންމެއި ބުނި ގޮތުގައި ޝިފާޒްގެ އެހީތެރިކަން ވަރަށް ބޮޑެވެ. އެގޮތުން ޝިފާޒްގެ އެހީތެރިކަން ހުރީ އޭނާ އާއި އޭނާގެ އާއިލާ އޭރު ތިބި ހާލަތު ރަނގަޅަށް އެނގިގެން ކަމަށް ބުނެފައިވެ އެވެ. އަދި އަނެއް ދުވަހު ހެނދުނު އާއިލާ ގޮވައިގެން ޗައިނާގެ އެމްބަސީއަށް ގޮސް، ދަތުރުކުރުމުގެ ހުއްދައަށް އެދުނު ކަމަށް ލިއެފައިވެ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެ ދެ ދުވަހު ޝިފާޒް ވަނީ އޭނާގެ ގިނަ ވަގުތުތަކެއް ކަންބޮޑުވެފައި ތިބި ޓުއަރިސްޓުންތަކަކަށް ހޭދަކޮށްފަ އެވެ. އޭގެ ސަބަބުން އަހަރެންގެ ވަގުތުތަކާއި މާލީ ގޮތުން ލިބިދާނެ ގެއްލުންތަކަކުން ވެސް ސަލާމަތްވި އެވެ،" ތައުރީފުގެ ސިޓީގައި ބުނެފައިވެ އެވެ.

ޗައިނާ ސަފީރު ކޮށްފައިވާ ޓްވީޓް

ސިޓީގައި ލިއެފައިވާ ގޮތުގައި ޝިފާޒާ އެކު ޑިއުޓީގައި ދިވެހި އަންހެން ފުލުހަކު ވެސް ހުއްޓެވެ. އެކަމަކު ޗުންމެއި އުޅެން ޖެހުނު ގޮތުން އެ ފުލުސްގެ ނަން ނޯޓު ނުކުރެވުނީތީ ހިތާމަކުރާ ކަމަށް ސިޓީގައިވެ އެވެ. އަންހެން ފުލުހަށް ވެސް އޭނާ ޝުކުރު އަދާކުރި އެވެ.

ޗައިނާ ސަފީރުގެ ޓްވީޓަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މީހުންނާ ވާހަކަ ދައްކައި އިންޓެރެކްޓް ވުމަކީ ކްރިޓިކަލް ކަމަކަށް ވާއިރު ފުލުހުން އެފަދަ ކަންކަމަށް ތަމްރީން ކުރުން ކުރިއަށް ދާނެ ކަމަށެވެ.