އަންހެނުން ފަނޑިޔާރު ކަން ކުރުމާ ދެކޮޅަށް މަޖިލިހަށް ކުއްލި މައްސަލައެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން އުޅޭތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން އެ މައްސަލަ މަޖިލިހަށް ބަލައިގަނެ، މެމްބަރުންގެ މެދުގައި ބަހުސް ފަށައިފަ އެވެ.


ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަންކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް ވަނީ ފޮނުއްވައިފަ އެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު އަލަށް ބެންޗަށް އިތުރުކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.

ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެނަކު އައްޔަންކުރުން އިސްލާމް ދީނުގެ އަސްލުތަކާއި އިސްލާމީ ޝަރީއަތާ ހިލާފު ކަމަށެވެ. އަދި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާ ފާފަވެރިވާނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުނެފައިވާ ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ. --- ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން އުޅޭތީ އެކަމާ މެދުގައި އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރައީސް، ޖޭއެސްސީ އަށް ހުށަހެޅުއްވުމުން ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މިހާރު ފަނޑިޔާރުކަމުގައި ތިއްބެވި އަންހެން ބޭފުޅުންގެ ވާހަކައެއް މި މައްސަލާގައި ފާހަގަކުރައްވައިފައެއް ނުވެ އެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވީ، ނިންމުމުގައިވާ ގޮތުން، އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ.

ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ގުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.

ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރެއްވީ މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން، އޭރުގެ ރައީސް އަދި އިސްލާމީ އިލްމުގައި ދުނިޔެއިން ވެސް ފާހަގަކުރެވޭ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ޝުޖޫން އަކީ އެގޮތުން އެންމެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި އަންހެން ދެ ގާޒީންގެ ތެރެއިން އެއް ބޭފުޅެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގައި އެއްވެސް މައްސަލައެއް އެންމެ ފަނޑިޔާރަކަށް ނުނިންމެ އެވެ. އެހެންކަމުން އަންހެން ފަނޑިޔާރަކު އިންނަ ބެންޗަކުން ނިންމާ ނިންމުންތަކާއި އަންހެން އެންމެ ފަނޑިޔާރަކު ނިންމާ ނިންމުންތަކާ މެދު ހުންނާނެ ތަފާތު ފަދަ ކަންކަން، ފަތުވާ މަޖިލިހުގެ ނިންމުމުން އެނގޭކަށް ނެތެވެ.