ލަންކާގެ ބޮޑުވަޒީރު ރަނިލް އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަންނަ ހޯމަ ދުވަހު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


ރައީސް އޮފީހުން ބުނީ ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ކަމަށާއި ރަނިލްގެ އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހަ އާއި ކެބިނެޓްގެ ހަތަރު މިނިސްޓަރުން ހިމެނޭ ވަފުދެއް ވެސް އަންނާނެ ކަމަށެވެ.

ރަނިލް ރާއްޖެ އަށް ކުރައްވާ ދަތުރުގައި ރައީސްއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން އަންގާރަ ދުވަހާއި ބުދަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސްގެ މުގައްރިރުގެ ހައިސިއްޔަތުން ރަނިލް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާ އަށް ވަޑައިގެން، ރަނިލް އާއި އެ ގައުމުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުގައި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާ ވެސް ބައްދަލުކުރެއްވި އެވެ.