ދެ ކޮންޓެއިނަރުގެ މުދާ ބޭރު ކުރުމުގައި އަމަލުކުރީ އުސޫލާ އެއްގޮތަށް: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުމާލޭ ޓާމިނަލުން ދެ ކޮންޓެއިނަރެއްގެ މުދާ ބޭރު ކުރުމުގައި އަމަލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.


ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ދާދިފަހުން ރާއްޖެ އެތެރެކުރި ދެ ކޮންޓެއިނަރެއްގައި ވެހިކަލްތަކެއް އެތެރެކުރި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ޕިކަޕަކާއި ކާރާއި ވޭނުގެ އިތުރުން ސައިކަލުތަކެއް ވެސް އެ ދެ ކޮންޓެއިނަރުން އެތެރެކުރި ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ.

އެމްޕީއެލް އިން މިރޭ ނެރުނު ބަޔާނެއްގައިވަނީ ދެ ކޮންޓެއިނަރަކީ މުދަލާ އެކު ހުރި ގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް މުދާ ހުސްކުރަން ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށާއި އެކަމުގައި އެ ކުންފުނިން އަމަލުކުރީ މުދާ ދޫކުރުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާއާތުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެކަމުގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ތަހުގީގީ އިދާރާތަކަށް އެ ކުންފުނިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ފުރިހަމައަށް އަންނަނީ ދެމުންނެވެ.

ދެ ކޮންޓެއިނަރުގައި އެތެރެކުރި ވެހިކަލްތައް ހިފެހެއްޓުމަށް ފަހު، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސުން ކުރިން ބުނެފައިވެ އެވެ.