ޝުޖޫނާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމުން މާދަމާ އަށް އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އައްޔަން ކުރުމާ މެދު ގޮތެއް ނިންމުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.


އަޒްމިރަލްދާ އާއި ޝުޖޫނަށް ރުހުން ދިނުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމައިފަ އެވެ. އެކަމަކު، އެކަމުގެ އެންމެ ފަހުގެ ނިންމުން އަންނާނީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ސުޕްރީމް ކޯޓަށް ޝުޖޫނާއި އަޒްމިރަލްދާ އައްޔަން ކުރަން އެންމެ ފުރަތަމަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި ޖޭއެސްސީން ވަނީ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނިންމައި، އެ ކަން މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރެވެ. ފަނޑިޔާރުކަމުން 2016 ގައި އިސްތިއުފާ ދެއްވި އަޒްމިރަލްދާ އަކީ ޕީއެޗްޑީއެއް ހާސިލް ކުރައްވައިގެން ރާއްޖޭގައި ފަނޑިޔާރު ކަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރު ޝުޖޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންތަކެއް ވަނީ ކުރިމަތިލައްވައިފަ އެވެ.

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދިފަ އެވެ.

ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ. އެކަމަކު، އެއަށް ރައްދުދީ އެހެން ބައެއް އިލްމުވެރިންނާއި އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ދީނުގެ އަސްލަކާ ހިލާފު ކަމެއް ނޫން ކަމަށެވެ.

ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރުމުގެ މައްސަލަ މާދަމާ އަށް އެޖެންޑާ ކުރި އިރު، ބްރޯޑްކާސްޓިން ކޮމިޝަން މެމްބަރުން ގާނޫނީ ގޮތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތާ ގުޅޭ ރިޕޯޓާ މެދު ގޮތެއް ނިންމަން ހިމަނާފައިވެ އެވެ.