ޝީރީންގެ ދަރިއަކު އެކްސިޑެންޓްވެ ސީރިއަސް ހާލަތުގައި

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރާލާފައި އޮއްވައި މީގެ ނުވަ އަހަރު ކުރިން ފެނުނު މަރިޔަމް ޝީރީންގެ ދަރިއަކު އެކްސިޑެންޓުވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެ އެވެ.


ލ. ގަމުގައި ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ކަހާލައިގެން ވެއްޓި ޝައިބާން ޝުހައިލް 16، އަށް އަނިޔާވެފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

އޭނާ އަކީ ޝީރީންގެ ހަތަރު ކުދިންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ ހަގު ކުއްޖާ އެވެ. ޝީރީންގެ އެންމެ ހަގު ދަރިފުޅު ވަނީ ޅ. ނައިފަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ.

ޝައިބާނަށް އައިސީޔޫގައި ފަރުވާ ދެނީ: ފޮޓޯ: ފޭސްބުކް

ޝީރީންގެ ދައްތަ، ރުގިއްޔާ ނާޝިދާ "މިހާރު" އަށް މިއަދު ބުނީ، އެކްސިޑެންޓުގައި ޝައިބާންގެ ކަނދުރާ ބިނދި، މައިނާރު ފިތުމުގެ ސަބަބުން އުނަގަނޑުން ތިރި ވާގި ނެތިފައިވާ ކަމަށެވެ. އަދި ކަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އަމިއްލަ އަށް ނޭވާލުމަށް ޝައިބާން ނުކުޅެދިފައިވާ ކަމަށް ވެސް ދައްތަ ބުންޏެވެ.

"ވެންޓިލޭޓާގައި އޮތީ. ގިނައިން ބާއްވަނީ ވެސް ނިންދަވާފައި،" ލ. ގަން، ހަމަދު ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އައި ޝައިބާންގެ ހާލަތު ކިޔައިދެމުން ދައްތަ ބުންޏެވެ.

އާސަންދައިގެ އެހީގައި ޝައިބާން މާދަމާ އިންޑިއާ އަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރުގިއްޔާ ބުންޏެވެ.

ޝައިބާންގެ ފަރުވާއަށް ހެޔޮ އެދޭ މީހުންގެ އެހީތެރި ކަމަށް އެ އާއިލާ އިން އެދެ އެވެ. ޝައިބާންގެ ބެލެނިވެރިޔާ އަދި މާމަ ޝަރީފާ އިބްރާހިމްގެ އެކައުންޓް ނަމްބަރަކީ 101 361363 7707 މި އެވެ.