މީހަކު ހައްޔަރެއް ނުކުރޭ، 9 ތަނެއް ފާސްކޮށްފި

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި މާލެ އާއި އައްޑޫން ނުވަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ހިންގި އޮޕަރޭޝަންގައި މާލޭގެ އަށް ގެއަކާއި އައްޑޫން ގެއެއް ފާސްކުރި އެވެ. ފުލުހުން ބަލައި ފާސްކޮށްފައިވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގަށް ފާހަގަ ކުރެވިފައިވާ ތަންތަނެވެ. އެ ރިޕޯޓުގައި ނަން ހާމަކޮށްފައިވާ ބައެއް މީހުންގެ ގެތައް ރޭގެ އޮޕަރޭޝަންގައި ފާސްކުރި އެވެ.

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އެތަންތަން ބަލައި ފާސްކުރި ނަމަވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެ އޮޕަރޭޝަން ހިންގުމަށް މާލެ އާއި އައްޑޫގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. ހަތިޔާރާއެކު ސިފައިން ވެސް ރޭ އޮޕަރޭޝަނެއް ހިންގި އެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނުދެ އެވެ.

ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ޑްރާފްޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ނޫސްވެރިޔާ ރިލްވާން ވަނީ މަރާލައިފަ އެވެ. ނަމަވެސް މަރެއް ސާބިތުކުރާ ވަރަށް އަދި ހެކި ނުލިބޭ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ރިލްވާން ވަގަށް ނަގައިގެން ގެންގޮސް ކަނޑު އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވަނީ ދީނީ ހަރުކަށި ވިސްނުމުގެ ދިވެހިންތަކެއް ކަމަށް ރިޕޯޓްގައި ބުނެ އެވެ. އަދި އެފަދަ ދީނީ ހަރުކަށި ވިސްނުމުގެ މީހުން ހަރަކާތްތެރިވާ ގޮތާއި އެމީހުން ކުރާ ވިޔަފާރިތައްވެސް ދެނެގަނެވިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ފިޔަވަޅު އެޅުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ ކަމަށެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ޑްރާފްޓު ދެ ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު، ރައީސާ ހަވާލުކޮށްފަ އެވެ.