ޓެރަރިޒަމް ގާނޫނުގެ އިސްލާހުތަކާ މެދު އެމްޑީޕީ މެމްބަރުން ވެސް ކަންބޮޑުވެއްޖެ! ސަރުކާރާ މަޝްވަރާކުރަނީ!

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި އަސާސީ ބައެއް ހައްގުތައް ހަނިވާތީ އެކަމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރަން އެދިފައިވާނެ ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އެމްޑީޕީގެ އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.


އާޒިމް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހައްގުތަކަށް ވާކާލާތުކުރާ ޕާޓީއަކަށް ވާއިރު، ޓެރަރިޒަމްގެ ބިލްގެ ސަބަބުން އަސާސީ ބައެއް ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް އޮތުމުން މަޖިލިހުގެ އެމްޑީޕީ ގިނަ މެމްބަރުން ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

އަސާސީ ހައްގުތަކާއި ފަރުދީ މިނިވަންކަން، ގާނޫނަކުން ހަނިކުރަން އެމްޑީޕީގެ މެމްބަރުން ތާއީދުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ޖަލްސާއެއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާޒިމް ވިދާޅުވި ގޮތުގައި މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގައި ކޯޓު އަމުރެއް ނެތި ހައްޔަރުކުރެވޭ ގޮތަށް ފުލުހުންނަށް ބާރުތަކެއް ބިލުން ދީފައި އޮތުމެވެ.

ކޯޓު އަމުރެއް ނެތި ތަންތަން ބަލައި ފާސްކުރެވޭ ގޮތަށް ބިލްގައި އޮތުމަކީ ވެސް މެމްބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މި ބޮޑު ބަދަލު ގެންނަ މައިގަނޑު ސަބަބަކީ ކޮބައިކަން މެމްބަރުންނަށް ސާފުވާން ބޭނުންވާތީ ސަރުކާރާ މަޝްވަރާއަކަށް އެދުނީ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރާ އެކުގައި މަޝްވަރާ ކުރުމަށް ރަސްމީކޮށް އެދުނީ. ބޮޑަށް އެޓާނީ ޖެނެރަލްއާ ބައްދަލު ކުރަން ބޭނުންވީ މެމްބަރުންނަށް މި ވާނުވާ ތަންކޮޅެއް ބޮޑަށް ސާފުކޮށްލަން. ކީއްވެގެންތޯ މިހާ މުހިންމު ވެގެން އުޅެނީ ބަދަލު ގެންނަން. މެމްބަރުންނަށް ކިޔައިދޭން އެބަ ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޖަވާބު ލިބިފައި އޮތީ، ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް."

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރީގެ ސަރުކާރުގެ ދުވަސްވަރު ވަނީ އޭރުގެ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުންނާ ދެކޮޅަށް ދައުވާކޮށްފަ އެވެ. ސިޔާސީ ލީޑަރުންގެ އިތުރުން ސިޔާސީ އެތައް އެކްޓިވިސްޓުން ޓެރަރިޒަމްގެ ގާނޫނުގެ ތެރެއަށް ފައްތައި، އެމީހުންނަށް ވެސް ބޮޑެތި އަދަބުތަކެއް ދިނެވެ.

އެކަމަކު އާޒިމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން އުޅެނީ ސިޔާސީ މީހުންނަށް އަމާޒުކޮށްގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޚިޔާލު ފާޅުކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

އާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެހެން ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކަފާލާތުގެ ދަށުން ބަންދުން ދޫނުކުރެވޭ ގޮތަށް ކަނޑައެޅުމުގެ އިތުރުން ޓެރަރިޒަމްގެ ބައެއް ކުށްތައް ސާބިތުވާ މީހުންގެ އަދަބު ލުއިކޮށް އަދި މައާފްނުދެވޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.