އަލިފާނުގެ ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ނުބެލެވޭ: ފުލުހުން

ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އަކީ ޓެރަރިސްޓު ހަމަލާއެއް ކަމަަކަށް މިހާތަނަށް ބެލިބެލުމުން ފާހަގަވެފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި ހާދިސާއަކީ ރާވައިގެން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް މުއިއްޒު ވަނީ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި އެކަކު މަރުވެ، ހަތް ގެއަކާއި ހަތަރު ގުދަނެއް ވަނީ އަނދައިފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ސީިރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އެކަމަކު ތަހުގީގުކުރުމުގައި ހުރިހާ ދިމާލަކަށް ބަލާނެ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

"މިހާތަނަށް ބެލި ބެލުމުން ސީދާ އެކަމާ ގުޅޭ ނޫނީ [ޓެރަރިޒަމް އަމަލެއް] އެގޮތަށް ބެލެވޭނެ އެއްވެސް ކަމެއް ފާހަގައެއް ނުވޭ. އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުން ތަހުގީގު މި ގެންދަނީ ހުރިހާ ޕޮސިބިލިޓީއެއް، އޭންގަލްއަކުން ބެލިގެން. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން،" ޝިފާއު ވިދާޅުވި އެވެ.

"މިވަގުތު އެ މައުލޫމާތު މައްޗަކަށް އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނެތް."

ފުލުހުން ބުނިގޮތުގައި އެ ހާދިސާ ތަހުގީގު ކުރަން ބޭރުގެ އެހީ ހޯދަން ޕޮލިސީ ލެވެލްގައި އަންނަނީ މަޝްވަރާކުރަމުންނެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ތަހުގީގު ކުރާއިރު ތިލަފުށިގެ އާއި ރަދުވާނިއާގެ ވަރަށް ރަނގަޅަށް ބަލާނެ އެވެ. އަދި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖު ރަނގަޅަށް ބަލައި އަލިފާން ރޯވާން ދިމާވި ސަބަބު ވަރަށް ރަނގަޅަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ގެތަކަށް ލިބުނު ގެއްލުންތައްް ބަލަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން އެކި މައުލޫމާތު ފަތުރަމުންދާތީ އެ ހާދިސާއާ ގުޅިގެން ލިބޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރަން އޭނާ އެދިވަޑައިގަތެވެ.

އެސިސްޓެންޓް ކމިޝަނާ އޮފް ޕޮލިސް މުހައްމަދު ނަވީން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން 24 ގަޑިއިރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާނުގެ އަސަރުކުރި ހުރިހާ ތަނަކަށް ވަދެ ތަހުލީލުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑެޕިއުޓީ ސީއީއޯ އުމަރު މޫސާ ފިކްރީ ވިދާޅުވީ ގެތަކަށް ލިބުނު ގެއްލުންތައް މިހާރު ވަޒަން ކުރެވިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ އެ ހުރިހާ ގެއްލުމެއް އެއްކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސެސްމަންޓް ހެދިއިރު އެކަމުގެ އަސަރުކުރި ގެތަކުގެ އަދަދު ގާތްގަނޑަކަށް 30 އަށް އަރަ އެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ 290 އެއްހާ މީހުން އަދި ވެސް ތިބީ ވަގުތީ ހިޔާތަކުގަ އެވެ. ހަފުތާއެއް ވަންދެން ވަގުތީ ހިޔާތަކުން އެމީހުންނަށް ޖާގަ ދިނުމަށްފަހު ދެން ހެދޭނެ އަދި ދެވޭނެ އެހީތަކާ ގުޅޭގޮތުން ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މަޝްވަރާކުރާނެ ކަމަށް ވިދާޅުވި އެވެ.

ހާދިސާތަކާއި ކާރިސާތަކުގައި ލިބޭ ގެއްލުމުގެ 20 ޕަސެންޓް ދެނީ ދައުލަތުންނެވެ. އެކަމަށް ހާއްސަކޮށްގެން ސަރުކާރުން އެކައުންޓެއް ހުޅުވާފައިވާތީ މި ހާދިސާގައި ލިބޭ އެހީ އިތުރުވެގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.