ދެމެހެއްޓެނިވި ގޮތެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ: ފަޒްނާ

ދެމެހެއްޓެނިވި ގޮތެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާކުރެވޭނެ ގޮތެއް އިންތިޒާމްކުރަން ޖެހޭނެ ކަމަށް ފަސްޓް ލޭޑީ ފަޒުނާ އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.


ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކުރަން ފެށި "ބީ ކައިންޑް" މޫވްމެންޓް އިފްތިތާހުކުރަން ބޭއްވި ހަފުލާގައި ފަސްޓް ލޭޑީ ވިދާޅުވީ މެންޓަލް ހެލްތު ސެންޓަރު ގާއިމްކުރުމުން އެ ތަނުން ޚިދުމަތް ހޯދަމުން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ. ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސެންޓަރުގައި މަސައްކަތްކުރާ ތެރަޕިސްޓުންގެ އަދަދު އިތުރުކުރުން މުހިއްމު ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ވަގުތުން އެހީވެވޭނެ ފަދަ ހެލްޕްލައިނެއް ގާއިމްކުރުމަކީ ޒުވާނުންގެ ވަރަށް ބޮޑު އުންމީދެއް. ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންނަށް އެހީ ވުމަކީ އެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމަށް ބަލައިގަންނަން ޖެހޭ. އަދި އެފަދަ ބައްޔެއް ތަހައްމަލު ކުރާ މީހަކު އެހީއަށް އެދިއްޖެ ނަމަ، ވަގުތުން އިޖާބަ ދޭންޖެހޭ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

މިއީ އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އަދި ނެޝަނަލް ސެންޓާ ފޮ ދި އާޓްސްގެ އިތުރުން ރޮޓަރަރީ ކްލަބް އޮފް މާލެ ގުޅިގެން ނެޝަނަލް އާޓް ގެލަރީގައި ކުރިއަށް ގެންދާ "މަގޭ ސިކުނޑީ ތެރޭ" އެގްޒިބިޝަންގައި އިފްތިތާހުކުރި ހަރަކާތެކެވެ. މާދަމާގެ ނިޔަލަށް މި އެގްޒިބިޝަންގެ ހަރަކާތްތައް ނެޝަނަލް އާޓް ގެލަރީގައި ކުރިއަށް ދާނެ އެވެ.