ހަ ކިލޯގެ ޑްރަގާ އެކު ފުލުހުން ހައްޔަރުކޮށް ބަންދުގައި ތިބި ފަސް މީހުންގެ ތެރެއިން ތިން މީހަކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
މިދިޔަ ޖުލައި މަހު ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން އިއްޔެ ކޯޓުން ދޫކޮށްލާފައި ވަނީ އަބްދުﷲ އިބްރާހިމާއި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހެވެ. އެ މައްސަލާގައި ހިމެނޭ އަލީ ހަސަންގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައި ވަނީ އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާތީ އެވެ.
އެ މައްސަލާގައި ހިމެނޭ މުހައްމަދު ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމާނީ މާދަމާ އެވެ.
އެ މައްސަލާގައި އަބްދުﷲ އިބްރާހީމާއި މުހައްމަދު ފައިސަލާއި އަލީ ހަސަންގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކޮށްފަ އެވެ. އަދި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހްގެ މައްޗަށް ދައުލަތުން ވަނީ ކެނަބިސް ޓްރެފިކްކުރުމަށް އެހީތެރިވުމުގެ ދައުވާކޮށްފަ އެވެ.
މަސްތުވާތަކެތީގެ މި ބޮޑު މައްސަލާގައި ހިމެނޭ ތިން މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ ބަންދުގައި ބައިތިއްބާތާ 62 ދުވަސް ފަހުންނެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައިވަނިކޮށް ކޯޓުން އެ މީހުން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ނޭންގެ އެވެ.
އެނގިފައިވާ ގޮތުގައި މި އެންމެންގެ ބަންދުގެ މުއްދަތު ޖަހަން ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކަކު ހަވާލުވެ ދެން ތިބި މީހުން ސަލާމަތްކުރަން ވަނީ މަސައްކަތްކޮށްފަ އެވެ. ސަލާމަތްކުރަން މަސައްކަތް ކުރި މީހުންގެ ތެރޭގައި ޑީލަރު ވެސް ހިމެނެ އެވެ.
އެ އެންމެންނަކީ ވެސް މަސްތުވާތަކެތީ މައްސަލަތަކާއި މާރާމާރީ ފަދަ ކުށްތަކާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ މީހުން ހިމެނެ އެވެ.
އަބްދުﷲ އިބްރާހިމް، ސ.ހިތަދޫ / ފިނިފަރު
މީނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ މީހާ އަކީ މިއީ ކަމަށް ވަނީ އެނގިފަ އެވެ.
އަލީ ހަސަން، ސ.ހިތަދޫ / ހުދުވެލި
މީނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަ ފަހަރު ހައްޔަރުކޮށްފަ އެވެ. އަދި މާރާމާރީގެ މައްސަލައެއްގައި އެއްފަހަރު، ގަސްދުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ވެސް އެއްފަހަރު ހައްޔަރުކޮށްފައިވެ އެވެ.
މުހައްމަދު ފައިސަލް، ސ.ހިތަދޫ / ޕޫލްބަހާރު
މަސްތުވާތަކެތީގެ މައްސަލަތަކުގައި ދެ ފަހަރު އަދި ގަވައިދާ ހިލާފުވުމުގެ މައްސަލައެއްގައި އެއްފަަހަރު މީހާ ހައްޔަރުކޮށްފައިވެ އެވެ. މީގެ އިތުރުން ގްރޫޕް ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ވެސް އެއްފަހަރު ހައްޔަރުކޮށްފައިވެ އެވެ.
އަހްމަދު ރައޫފު، ހއ.ހޯރަފުށި / ރަންމުލި
މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން މީނާ ވަނީ އެއްފަހަރު ހައްޔަރުކޮށްފަ އެވެ. އަދި ވައްކަމުގެ މައްސަލަތަކުގައި ތިން ފަހަރު އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލާގައި އެއްފަހަރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަހްމަދު މަމްދޫހު، ހއ. ހޯރަފުށި / އާރޯ
މަސްތުވާތަކެތީގެ މައްސަލާގައި އެއްފަހަރު އަދި ގޮވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ވެސް އެއްފަހަރު މީނާ ވަނީ ހައްޔަރުކޮށްފަ އެވެ. މީނާގެ މައްޗަށް ސާބިތުވީ 2015 ވަނަ އަހަރު މުލިއާގެ ކައިރީގައި ބޮމެއް ބޭއްވުމެވެ. އެ މައްސަލާގައި އޭނާ އަށް އިއްވި 17 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް މިނިވަންކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ.
މި މީހުން ހައްޔަރުކުރި އިރު މަސްތުވާތަކެތި ފެނުނީ ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކުން ކަމަށް ވަނީ އެނގިފަ އެވެ. މި މީހުން ހައްޔަރުކުރީ ފުލުހުން ހއ. އަތޮޅާ ހިސާބުން ފާރަލަމުން އައިސް މާލޭގެ ޓީޖެޓީ ސަރަހައްދުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހަތަރު ރަބަރުގަނޑު މި މީހުންގެ އަތުން ވަނީ ފެނިފަ އެވެ.