ގުދަންތައް ހެދުން އިއުލާން ކޮށްގެން ކުރިއަށް ގެންދަން ލަފާ ދީފި

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބަޔަކާ ހަވާލުކުރުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އަށް ލަފާދީފި އެވެ.


އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގުދަންތައް ހެދުމާ ގުޅޭ ކަންކަން އޭސީސީން ބެލުމަށް ފަހު، އާއްމުކޮށް އިއުލާންކޮށްގެން އެ ޕްރޮސެސް ކުރިއަށް ގެންދަން ލަފާދީފައިވާ ކަމަށެވެ. އެއީ އޭސީސީގެ ޒިންމާގެ ދަށުން ކޮރަޕްޝަނަށް މަގުފަހިވިޔަ ނުދޭން އެ ކޮމިޝަނުން ދިން ލަފައެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ މަހުގެ ތެރޭގައި އާ މެމްބަރުން އައްޔަން ކުރެއްވި އޭސީސީން މިގޮތަަށް ލަފާ ދީފައި މިވަނީ ބީލަމަށް ނުލައި ގުދަންތައް ހެދުމުގެ މަސައްކަތް ބަޔަކަށް ދޭން ނިންމުމާ ގުޅިގެން ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ޖީއެމްއައިޒެޑުން ނިންމީ، އާއްމުކޮށް އިއުލާން ނުކޮށް، ސިލެކްޓިވް ބިޑިންގެ އުސޫލުން ކުރިއަށް ގެންދިއުމަށެވެ. އެއީ އެ ކުންފުނިން ބުނިގޮތުގައި ޕްރޮކިއުމެންޓް ޕޮލިސީގެ ތެރެއިން އެކަން ކުރެވިދާނެ ގޮތެކެވެ.

މާލޭގައި ކެމިކަލް ގުދަނެއްގައި މިދިޔަ މަހުގެ 20 ގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ހުރިހާ ކެމިކަލް ގުދަންތަކެއް ތިން މަސް ތެރޭގައި ތިލަފުއްޓަށް ބަދަލު ކުރަން ޖެހޭ ގޮތަށް ގަވާއިދެއް ގެޒެޓްކޮށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.

ޖީއެމްއައިޒެޑް އިން ބުނެފައި ވަނީ ސެލެކްޓިވް ބިޑިން އަކަށް ދާން ނިންމީ، ކެމިކަލް ގުދަންތައް ބަދަލުކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަކަށް ވެފައި، ބީލަމަށް ހުޅުވާލުމުން މުއްދަތު ދިގުލައިގެންދާނެތީ އެވެ.

ގުދަންތައް ހެދުމަށް 25 މިލިއަނަށް ރުފިޔާ އަށް ވުރެން ބޮޑުއިރު އެކަން ކުރިއަށް ގެންދަން ޖެހޭނީ ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ގިނަ މައްސަލަތައް ގުޅެނީ ސަރުކާރުގެ ކުންފުނިތަކާ އެވެ. އެކަން ތަކުރާރު ނުކުރަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދަކީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި މަޝްރޫއުތައް ކުރިއަށް ގެންގޮސް ކޮރަޕްޝަނަށް ހުރި ހުރިހާ ދޮރުތައް ބަންދުކުރުމެވެ.

އެކަމަށް "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތު އެކުލަވާލައި އަމަލުކުރަމުން އަންނަ އިރު، "ކިތަންމެ އަވަސްކޮށް ކުރިއަސް ބީލަމަށް ލާން ޖެހޭނެ" ކަމަށް އެއް ބަޔަކު ދެކެ އެވެ. އެހެން ނޫން ނަމަ ވާނީ ކޮރަޕްޝަނަށް ކަމަށް ބުނެ ސަރުކާރަށް ފާޑުކިއުން ވެސް އަމާޒުކުރި އެވެ.

ޖީއެމްއައިޒެޑް އިން ބުނެފައި ވަނީ ގުދަންތައް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނުހިންގާނެ ކަމަށެވެ. ކުއްލި ހާލަތެއް މެދުވެރިވެފައި އޮތުމުން އެ ކުންފުނީގެ ވިސްނުމަކީ ފުރަތަމަ ބަދަލުކުރަން ޖެހޭ 26 ގުދަން ނިންމުމެވެ.

ބީލަމަށް ލައިގެން އެކަން ކުރާ ނަމަ، މަސައްކަތް ހަވާލު ކުރެވޭނީ ވެސް ތިން ހަފުތާ ފަހުން ކަން ފާހަގަކޮށް ޖީއެމްއައިޒެޑުން ބުނެފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ގިނަ ކުންފުނިތަކަކަށް ދައުވަތު ދޭނެ ކަަމަށެވެ. އެ ކުންފުނިން ސިޓީ ފޮނުވުމުން ޝައުގުވެރިކަން ފާޅުކޮށް، ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނީ ކޮމިޓީއަކުން ކަމަށް ވެސް ބުނެފައިވެ އެވެ.