އެމްޑީއެންްގެ ރިޕޯޓްގެ މައްްސަލަ 2016 ގައި ވެސް ބަޔަކު ހުށަހެޅި: އިސްލާމިކް މިނިސްޓްރީ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެކުލަވާލާފައިވާ ރިޕޯޓުގެ މައްސަލަ އިސްލާމިކް އެފެއާޒް މިނިސްޓްރީ އަށް 2016 ވަނަ އަހަރު ވެސް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.


އިސްލާމީ މަރުކަޒުގައި މިއަދު ބޭއްްވި ނޫސްކޮންފަރެންސެއްގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ވިދާޅުވީ އެ ރިޕޯޓުގެ ޝަކުވާ ޖަމިއްޔާއަކުން 2016 ވަނަ އަހަރު ހުށަހެޅިކަން އިތުބާރު ހުރި ގޮތަކަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެރިޕޯޓަށް ބައިތައް އިތުރުކުރަމުން އައިސްފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުގައި 2015 ގައި އަދި 2016 ފައި އަދި 2017 ގައި، ކޮންމެ އަހަރަކުވެސް އިނގޭތޯ މިއަށް އަޕްޑޭޓްތަކެއް އެބަ އާދޭ. ތަންތަންކޮޅު ލެވި، ދާދިފަހުން ވެސް މިއަށް އެއްޗެހިތަކެއް ލެވިފައި މިވަނީ. އެހެންވީމާ މިއީ 2016 ގައި ވެސް އިސްލާމިކް އެފެއާޒަށް ކަންބޮޑުުވުން ފާޅުކޮށް ދީނީ ޖަމިއްޔާއަކުން ލާފައިވާ ކަމަށް އަޅުގަނޑަށް ހަމަ ވަރަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިއަކަށް ސުވާލުކުރާނެ ފުރުސަތު ނުދީ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިލްޔާސް ޖަމާލް ވިދާޅުވީ އެފަދަ ކަންތައްތައް އިސްލާމިކް މިނިސްޓްރީން މިހާރު ސިއްރު ނުކުރާނެ ކަަމަށެވެ. ކުރީގެ ސަރުކާރުތަކުން އެ މައްސަލަޔަށް އަޅާ ނުލައި ދިގުލައިގެން ގޮސްފައި ވާތީ އެކަމާ ހިތާމަކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދީން ދިފާއުކުރެއްވުމަށް، މިތަނުގައި އިސްލާމްދީން ނެގެހެއްޓުމަށް ޓަކައި ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ،" އިލްޔާސް ޖަމާލް ވިދާޅުވި އެވެ.

ހަމަ އެ ބައްދަލުވުުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގެ ނާޖާއިޒް ފައިދާ ނަގައި މީހުންނަށް އިންޒާރުދިނުމާއި ފުރައްސާރަކުރުން ފަދަ ކަންތައްތައް ވެސް ބަޔަކު ކުރަމުން އަންނަ ކަމަށާއި އެކަންތައްތަަކަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"މިކަންތައްތައް ވެސް ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން. މިފަދަ ފަރާތްތަކާ ދޭތެރޭގައި ވެސް އަޅުގަނޑުމެން ފިޔަފަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓްގައި ހުރި ކަންއްތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވި އެވެ. އެކަމަކު އަޅުއްވާނީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މިއަދުގެ ނޫސްްކޮންފަރެންްސްގައި ސުވާލު ކުރުމުގެ ފުރުސަތު ނުދެއްްވީ މިއީ ހައްސާސް މައްސަލަޔަކަށް ވާތީ ކަަމަށް އޭނާ ފަހުން ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލައިގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސްް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީއެން އިން 2015 ގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ތައުހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައި ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި މުޖުތަމައުގައި ގާއިމްވެފައި މިއޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދަމަަހައްޓަން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.