ޚަބަރު / ރައްޔިތުންގެ މަޖިލިސް

"ރާއްޖެތެރެ، މާލެ" ބަހުސްގެ ފޯރި މަޖިލިހުގައި ގަދަވެއްޖެ!

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ، (ކ) އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ). މަޖިލިހުގައި ހޫނު ބަހުސްތަކެއް މިއަދު ވެސް ހިނގި. --- ފޮޓޯ: މަޖިލިސް

މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ގޯތި ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން މާލެ އާއި ރާއްޖެތެރޭގެ ބަހުސް މަޖިލިހުގެ ތަޅުމަށް ވަދެ، އެ ޕާޓީގެ މެމްބަރުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރުތަކަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އިއްޔެ ވިދާޅުވީ އޭނާގެ ދާއިރާގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި އޮތް ކަމަށެވެ. އަދި މަޖިލިހަށް އޭނާ ހޮވީ ހުޅުމާލެ އިން ގެދޮރު ދޭނެ ކަމުގެ ވައުދާ އެކު ކަމަށާއި މާލޭގެ ރައްޔިތުންނަށް ގެދޮރު ދޭން ޖެހޭ ކަމަށް ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ އެއްޗެކެވެ. އެގޮތަށް ވިދާޅުވުމާ ގުޅިގެން އެކި ރަށްރަށަށް ނިސްބަތްވާ މެމްބަރުންގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. އޭގެތެރޭގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ބައެއް މެމްބަރުން ވާހަކަ ދެއްކެވީ ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ނިކަމެތިވާ ގޮތަށް ކަމަށެވެ. އޭގެފަހުގައި ޔައުގޫބް ވިދާޅުވީ އޭނާއަކީ "ފަހުރުވެރި ރާއްޖެތެރޭގެ މީހެއް" ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

"އިއްޔެ ހަގީގަތުގައި ވަރަށް ދެރަވި ރިޔާސަތުން އެ ފުރުސަތު ދިނުމުން. ހަގީގަތުގައި ދީގެން ވެސް ނުވާނެ އެކަހަލަ ފުރުސަތެއް،" ހުވަދޫ ބަހުން ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ ރާއްޖެތެރެއަށެވެ. މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ ތެރެއިން 72 މެމްބަރުންނަކީ ރާއްޖެތެރޭގެ މެމްބަރުން ކަމަށް ވިދާޅުވި އެވެ. ބާކީ 15 މެމްބަރުންނަކީ ވެސް މާލޭގެ މެމްބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ރާއްޖެތެރޭގެ މީހުން ބޭނުމެއް ނުވޭ، އެއްވެސް ބަޔަކަށް ތަފާތު ކުރުމެއް، ދެރަ ގޮތެއް ބަޔަކަށް ހަދާކަށް" އެއްވެސް ބަޔަކު ބާކީ ކުރަން ބޭނުން ނުވާ ކަން ފާހަގަ ކުރައްވައި ޔައުގޫބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެއަކީ ރާއްޖޭގެ އެންމެންގެ ވެސް ތަނެވެ. އެތަނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީ ކުރާ ތަނެއް ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލެއަކީ ވެސް ރާއްޖެތެރޭގެ ރަށެއް ކަމަށާއި ވަކި ރަށަކާ މެދުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.

"އެހެންވީމަ ވަކި ރަށެއްގެ މީހުން، ވަކި ރަށެއްގެ ބަޔަކަށް ނޫން އިސްކަން ދޭނީ ޖެހެނީ ގޯތި، ފްލެޓު ދިނުމަށް. ރާއްޖެ އެންމެންނަށް ވެސް ދޭން ޖެހޭނެ،" ޔައުގޫބް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ވެސް ވިދާޅުވީ ހުޅުމާލެ ހިއްކާފައި އޮތީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާ އިން ކަމަށެވެ.

އެހެންވީމަ ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުމާލެއިން ބިން ލިބެން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ދިމާ އިދިކޮޅު މާލެ މީހުންނަށް އެކަނި ހުޅުމާލެ އިން ނުވަތަ ގުޅީ ފަޅުން ބިން ދިނުމާ. ރާއްޖެތެރޭ ރައްޔިތުން ބިންކޮޅު ދޫކޮށްލީމަ އެހެންވެއްޖެއްޔާ ހުޅުމާލެއިން ބިން ލިބެން ޖެހޭނެ،" ސިރާޖު ވިދާޅުވި އެވެ.

އެކަމަކު، ޔައުގޫބާއި ސިރާޖު ދެއްކެވި ވާހަކަތަކަށް ބޮންޑެ މިއަދު ވެސް ރައްދު ދެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ (ކ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ މާފަންނު މެދު ދާއިރާގައި ތިބީ ރާއްޖޭގެ އެކި ރަށްތަކުން އައިސް ތިބި ދިވެހި ރައްޔިތުން ކަމަށެވެ. މާލޭގެ ގޭގޭގައި ރޯވެ ނުނިކުމެވިގެން އުޅެނީ މާލެ ތޮއްޖެހިފައިވާތީ ކަމަށާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ބޮންޑެ ވިދާޅުވި އެވެ.

"އަޅުގަނޑަށް އަޑު އިވޭ ދޭނަމޭ، ނުދޭނަމޭ (ބޯހިޔާވަހިކަން) ބުނާ ތަން ވެސް. ހުޅުމާލޭގެ ބިންތައް މާލޭގައި ގިނަ ޒަމާންތަކެއް ވަންދެން އުޅެފައި ތިބި މީހުންނަށް ދޭން ޖެހޭނެ. މާލެ، ރާއްޖެތެރެ ކިޔާނެ ކަމެއް ނެތް. މާލެ، ރާއްޖެތެރެއެއް ނެތް. ދިވެހިން އަޅުގަނޑުމެންނަކީ،" ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ދޭނަމޭ ބުނެ، މަޖިލިހަށް މީގެ ކުރިން އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން މިހާރު ތިއްބެވީ މާލޭގައި ގެ އަޅައިގެންނެވެ. އަދި މަޖިލިސް 19 ގައި ތިއްބެވި މެމްބަރުން "އެގޮތަށް ހުޅުމާލެ ނުނެގޭނެ" ކަމަށް ބޮންޑެ ވިދާޅުވި އެވެ.

"އެޖެންޑާ 19 ގައި އޮތީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ ވާހަކަ. މި ނޫން އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން މިތަނަކުން. އަޅުގަނޑެއް ހަމަ ގައިމުވެސް ނުނަގާނަން ފްލެޓެއް އަޅުގަނޑުމެން ދާއިރާ އެންމެ ރައްޔިތަކު ވެސް ފްލެޓަކަށް ނުވަންނަހާ ހިނދަކު،" ބޮންޑެ ވިދާޅުވި އެވެ.

"ރާއްޖެތެރެ، މާލެ" ބަހުސްގެ ފޯރި މަޖިލިހުގައި ގަދަވުމާ ގުޅިގެން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން އިއްޔެ އާއި މިއަދު ގެންގުޅުއްވި ރޫހާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެއް ބަޔަކު، އަނެއް ބަޔަކު ބައިބައިކޮށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޖީލާ ޖެހުނު އިރު އުޅޭނެ ތަންކޮޅެއް ނެތިގެން މިއުޅެނީ. އެހެންވީމަ އެކަކު އަނެކަކާ ހިތްހަމަނުޖެހިގެން މިއުޅެނީ. އުޅޭނެ ތަންކޮޅެއް ނެތިގެން،" ނަޝީދު ވިދާޅުވި އެވެ.

157 ކޮމެންޓް, 142 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 13%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮގެއްތަ؟

11 February 2020

ހުޅުމާލެއިން ގޯތި ދޭނެކަމުގެ ވައުދަށް އަކުރު ނުދަންނަ ބޮންދު ހޮވަން ވޯޓު ދިން ބައަކަށް ހުޅުމާލެއަކީ ކަލޭގެ މުދާގަނޑެއް ނޫންކަން ނޭނގުމަކީ އަހަރުމެން ރާއްޖެތެރޭ މީހުންގެ މައްސަލައެއް.ނޫން. ހުޅުމާލެ ހުޅުމާލެ އުފައްދަން ޚަރަދު ކުރީ ރާއްޖެތެރޭ މީހުންގެ މަސައްކަތުން މާލިއްޔާއަށް ލިބިފަ ހުރި ފައިސާއިން. މާލޭ މީހުންނަކީ މަސައްކަތް ކުރާ ބައެއް ނޫން. އެމީހުންގެ އެއްވެސް ހައްގެއް ހުލުމާލެއަކަށް ނޯންނާނެ. އެތަނުން އެއްޗެއް ލިބޭތީވެސް ޝުކުރު ކުރޭ.

The name is already taken The name is available. Register?

އިންޓަލެކްޓް

14 October 2019

ރަށުގެ ބަހެއް ނޯންނާނެ. ދިވެހި ބަސް އެކަނި އޮންނަނީ. އޮޅިގެން ނޫޅުއްވާ. ތިޔަބުނާ ރަށެއްގެ ބަހުރުވައިން ވާހަކަ ތިދެއްކެނީ. އިގެރޭސިން ބުނަންޔާ ލޭންގުއޭޖަކީ ދިވެހި، ޑައިލެކްޓް ތެރޭ ހިމެނޭ އައްޑޫ ޑައިލެކްޓް، ހުވަދޫ ޑައިލެކްޓް. އެކަމު އެއީކީ ވަކި ބަސްބަހެއް ނޫން. އެޔަށް ކިޔާ އުޅެނީ ބަހުރުވަ. ދިވެހި ބަހުގެ އެކި ބަހުރުވަ. އެހެން ނޫނަށް އެއީކީ މާމޮޅުކަމެއް ނޫން. އެއީ ބައިބައި ވުމުގެ ސިފައެއް. އެކަތި ގަޑަކަށް ވެވޭނީ ބަހުރުވަވެސް އެކިތިގަޑަކަށް ވެގެން.

The name is already taken The name is available. Register?

ލޮޖިކް

12 October 2019

މާލޭގަ ގިނައީ ނިކަމެތި ބޯހިޔާވެހިކަން ނެތް މާލެއަށް ނިސްބަތްވާ މީހުން. ރަށަކުން ބިން ދޫކުރާނަމަ އެރަށެއްގެ މީހުންނަށް އިސްކަން ދޭންޖެހޭނެ.

The name is already taken The name is available. Register?

ކިނބޫ

11 February 2020

މާލޭ މީހުން ކަންނެތް ކަމުން މަސައްކަތެއް ނުކުރަން ވެގެން ގެދޮރު ކުއްޔަށް ދީ ބިންކޮޅު ވިއްކާ ކައިފަ ދެން ކޮން ވާހަކައެއް ދައްކާކަށް. ރާއްޖެތެރޭ މީހުން މަސައްކަތް ކޮށްގެން މާލެ ސަރަހައްދުން ތަންތަން ގަންނަނީ. ތިނާމެންގައި އެހިތްވަރު ނެތިއްޔާ އުޅެނީ ބޯހިޔާޗަހިކަން ނެތި. ހަމަ މިހާރު މާލެއިން ފައިބާ ގަދަކަމުން ނުބާލުވަނީސް.

The name is already taken The name is available. Register?

ސުދާ

11 October 2019

ޔައުގޫބަކީ ޑްރާމާ ކްއީން

The name is already taken The name is available. Register?

މިގޮތް ރަނގަޅެއްނު

10 October 2019

ޓެކްސްގެ ގޮތުގަ މާލެއަށް ނިސްބަތްވާ މީހުން އަތުން ނެގޭ ބަޔާއި ރާއްޖެތެރޭ މީހުން އަތުން ނެގޭ ބައި ވަކިން ބެހެއްޓޭނެ ގޮތެއް ހަދާ. ރާއްޖެތެރޭ މީހުން އަތުން ނެގޭ ބައިން ރާއްޖެތެރެ ތަރައްގީ ކުރާނީ. އިއްޒަތްތެރިި މާލޭ ރައްޔިތުން އަތުން ނެގޭ ފައިސާއިން ތިކަހަލަ ހުޅުމާލެ ހެދޭތޯ ބަލާ

The name is already taken The name is available. Register?

މިގޮތް ރަނގަޅެއްނު

10 October 2019

އަދި މިހާރު އެއޮތް ހުޅުމާލެ ހިއްކުމާއި އެތަނުގެ ތަރައްގީއަށް ހިިނގާފަވާ ޚަރަދު، ބޮލަކަށް ޖެހޭ ނިސްބަތް ބަލާ ރާއްޖެތެރެއަށް ނިސްބަތްވާ އާބާދީގެ މައްޗަށް ޖެހޭވަރު ބޭފުޅިޒަމުން އަތުން ނަގައިދީ. ބޭފުޅިންގެ ތަރިކައަކަށް މިހާ ފަސޭހައިން ހެދެން އޮއްވަ ކޮން މަހެއް ބާނާކަށްތަ؟ އަވަސްކުރޭ. މާލެފުޅިޒަމުންނަށް އެކަނި ހުޅުމާލެ ދީ ރުހި ގަބޫލު.

The name is already taken The name is available. Register?

މިގޮތް ރަނގަޅެއްނު

10 October 2019

އެއީ އެމީހުންގެ ތަނެއް. އެކަމކު އަގަރުމެންގެ ލާރިކޮޅު ޖެހޭނީ ދޭން. ދެވޭނެތަ؟ އަތުންފައިން މަސައްކަތެއް ނުކޮށް މިހާރުވެސް ރާއްޖެތެރޭ މީހުން އަތުން ނަގާ ކުލިިން ވިއްޔަ ދިރިއުޅެނީ. އެހެންވެ އަހާލީ

The name is already taken The name is available. Register?

މުޙުއްމާ

10 October 2019

މިހާރު މާލޭގެ ރައްޔިތުންނަށް މިދިމާވާގޮތުން ރަގަޅު އެއްވެސް ގޮތެއްނެތް. ރާއްޖޭގެ އެހެން ރަށްތަށް ތަރަށްޤީ ކޮށްފިނަމަ މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުން ރަށަށް ދާނެ. އެއިރުން މާލޭގެ ރައްޔިތުން ހަމަ ނޭވާ ލައިގެން ފަސޭހަކަމާއިއެކު ދިރިއުޅުމުގެ ފުރުސަތު ލިބޭނެ. އެކަމަކު އެއްކަލަ އަލިފާން ފޮށިތަކަށް ފަންސަވީސް ހާސް، ތިރީސް ހާސް ދީދީ ތިބި މީހުން ރަށަށް ދިޔާމަ އެނުލިބުނީމަ ދެން ވާނީ ކިހިނެއްބާ؟

The name is already taken The name is available. Register?

ހަރަރުކަށިމަތި މާލޭ ހަސަނު

10 October 2019

މިހާރު ތިހިސާބަށް ވިސްނޭ ވަރަށްވުރެ މާގިނައިން އަހަރުމެނަށް ރާއްޖެތެރޭ މީހުން އަތުން ފެލާލެވޭ. ތިކަމާ ވިސްނާނޒި ފަހުން ކަލޭމެން ރަށަށް ދޭ.

The name is already taken The name is available. Register?

މުޙުއްމާ

10 October 2019

ހުރިހާ މައްސަލައެއް ދިމާވެގެން މިއުޅެނީ ރާއްޖޭގަ 200 އާއި ކާއިރިކުރާ އަދަދަކަށް މީހުން ދިރިއުޅޭ ރަށްތައް ހުރިއިރު އެރަށްތައް ތަރައްގީ ނުކޮށް އެރަށްރަށުން އަސާސީ ޚިދުމަށްވެސް ލިބޭވަރު ކޮށްނުދީ ރާއްޖޭގެ ހުރިހާރައްޔިތުންން އަތުން ނަގާ ޓެކްހާ ލިބޭ ހުރިހާ ލާރިއަކުން މާލެއާއި ހުޅުމާލެ ތަރައްޤީ ކުރާތީ. އެހެން ވީމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މާލެއާއި ހުޅުމާލެއަކީ ތިމެނަމެންގެވެސް ރަށެކޭ ގޯތި ލިބެންޖެހޭނެޔޭ ބުނުމުގެ ޙައްޤް އޮންނާނެ.

The name is already taken The name is available. Register?

ސޯނާ

10 October 2019

މާލެ ތޮއްޖެހުމާއި ގޯތިގެދޮރާއި ޓްރެފިކުގެ މައްސަލައަށް ހައްލު ލިބެން އޮތީ އާ ވެރިރަށެއް ގާއިމްކޮށްގެން! ރާއްޖޭގެ މޫނުމަތި ރީތިކޮށް ރައްޔިތުންގެ ދިރިއުޅުން ފަސޭހަކަށް ،އިޖްތިމާއީ، އިގްތިސާދީ ދުވެލި ފަހިކުރެވޭނީ ތަނަވަސް ވެރިރަށެއް އޮވެގެން. ދުނިޔޭގެ ގައުމުތަކުން ވެރިރަށް ބަދަލުކުރުމުގެ ސިލްސިލާއެއް ފެށިފައިމިވާ ދަނޑިވަޅުގައި ރާއްޖެއިން ވެސް މިގޮތައް އަމަލުކޮށް ، ވ. އަތޮޅު ބޮޑު ސަރަހައްދެއްގައި މުޅިން އާ ވެރިރަށެއް ގާއިމްކުރުން ރަނގަޅުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454