ބްރިޖްގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ފުރަތަމަ ތަނބުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް މިރޭ ފަށައިފި އެވެ.


ޗައިނާގެ ސަރުކާރުގެ ހިލޭ އެހީ އަދި ލޯނު އެހީގައި އަޅާ، ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް މިރޭ ފަށާފައިވާ ކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބްރިޖްގެ މަސައްކަތް ނިމި، 2018 ގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ބްރިޖްގެ މަސައްކަތް ތާވަލް ކުރި ގޮތަށް ކުރިއަށް ނުދާ ކަމަށް އަޑު ފެތުރުނަސް ސަރުކާރުން އެކަން ދޮގު ކުރެއެވެ.

ބްރިޖްގެ މަސައްކަތް ހިނގާ ގޮތް ބެލުމަށް ލޮނުޒިޔާރަތްކޮޅުގައި ޕްލެޓް ފޯމެއް ހަދަން ވެސް ސަރުކާރުން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ މަސައްކަތަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަން ކުރާނީ މަޝްރޫއާ ހަވާލުވި ސްޓްރާޑާ ކުންފުނިން ކަމަށް ސަރުކާރުން ބުނެ އެވެ.

ބްރިޖްގެ މަސައްކަތަށް 300 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.